ލީވާން އަދި ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓަށް ބަލައިގެންފި

ކޯޓު ހުރުމަތް ކެނޑި ކަމަށް ނިންމައި، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށްލީ މައްސަލަ ހައިކޯޓަށް ބަލައިގެންފިއެވެ. ލީވާންއާއި ޝަހްޒާން ޖަލަށްލުމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއިރު، ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެން ލީވާން މިހާރު ވަނީ މިނިވަންވެފައެވެ. ޝަހުޒާން އަދި ހުރީ ޖަލުގައެވެ. ދެ ނޫސްވެރިން ވަކިވަކިން ހުށަހެޅި މި ދެ މައްސަލަ ހައިކޯޓަށް ބަލައިގެންފައިވީ ނަމަވެސް، ހައިކޯޓުގައި މައްސަލަ ފަށާނެ އިރެއް އަދި ސާފުވެފައެއް ނުވެއެވެ. ދެ ނޫސްވެރިން ވެސް ޖަލަށް ލައިފައި މިވަނީ ގަޒުފުކުރިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގައެވެ. މި މައްސަލާގައި ދެ ނޫސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ޖަލަށްލުމަށް ހުކުމްކުރީ ސިއްރުން ބޭއްވި ޝަރީއަތެއްގައެވެ. 'ސަން' އަށް މައުލޫމާތު ދެއްވަމުން އޭރު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ދެ ނޫސްވެރިން ވެސް ހައްޔަރުކޮށް ޖަލަށްލީ، ތުހުމަތުތަކާ މެދު ދިފާއުވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. އަދި ލީވާން ލީ 10 ދުވަހަށެވެ. ނޫސްވެރިން ޖަލަށްލި މައްސަލައިގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ވަނީ މި މައްސަލަ ތަހުގީގުކުރަން ފަށައި، ޖަލުގައި ތިބި ނޫސްވެރިންނާ ބައްދަލުކޮށް ހާލަތު ބަލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ