އިސްކަންދަރު ވޯރކް ޔޫނިއަން ނުހިންގަން އެންގީ އެ ޔޫނިއަންގެ ނަން ޤަވާއިދާއި ޚިލާފުވުމުން ކަމަށް، ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު، ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުންނެވެ. މައުރޫފް ސުވާލުކުރައްވާފައި ވަނީ، އިންޑަސްޓްރިއަލް ޤާނޫނުގެ ދަށުން ޔޫނިއަން ހަދާ ހިންގުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް ލިބޭ ހައްގެއް ކަމަށް ވާއިރު، އިސްކަންދަރު ސްކޫލްގެ ޓީޗަރުން އިސްކަންދަރު ވޯރކް ޔޫނިއަންގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައިނުގަންނާނެ ކަމަށާއި، އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގޭނެ ކަމަށް ސްކޫލްގެ ޕްރިންސިޕަލް ޔޫނިއަންގެ މަސްއޫލުވެރިޔާއަށް އަންގާފައި ވަނީ ކޮން ޤާނޫނެއްގެ ދަށުންތޯ ސާފުކުރެއްވުމަށެވެ.
މި ސުވާލުގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ޔޫނިއަންތައް އުފެއްދޭނެ ގޮތާއި ޔޫނިއަންތައް ހިންގޭނެ ގޮތުގެ މައުލޫމާތު ސާފުކޮށް ހިމަނާފައިވާ ކަމަށެވެ. އެ ޤާނޫނުގެ 12 ވަނަ މާއްދާގެ 'ހ'ގެ 4 ވަނަ ނުކުތާގައި، ޔޫނިއަންގެ ގޮތުގައި ރަޖިސްޓަރ ނުކުރެވޭނެ ނަންތައް ބަޔާންކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހި ދައުލަތާއި، ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާފަދަ ނަމެއް ޔޫނިއަންއަކަށް ބޭނުންނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އިސްކަންދަރު ނަން ބޭނުންކޮށްގެން މަޖީދިއްޔާގެ ނަން ބޭނުންކޮށްގެން، އަމީނިއްޔާގެ ނަން ބޭނުންކޮށްގެން، ސްކޫލެއްގެ ނަން ބޭނުންކޮށްގެން ޔޫނިއަން އުފެއްދިދާނެކަމަށް ޤަބޫލުނުކުރަން. ރަޖިސްޓްރީކޮށްފައި އޮތީ ރަނގަޅަށް ކަމަށް ޤަބޫލެއް ނުކުރަން." ވަޒީރު ވިދާޅުވިއެވެ.
އާއްމު ކުންފުނިތަކާއި ޚިލާފަށް ސްކޫލްތަކަކީ ޚާއްސަ ހިފެހެއްޓުމާއި، ސިފަތަކެއް ލިބިގެންވާ ތަނެއް ކަމަށާއި އެ ތަންތަނުގައި ހިފަހައްޓަން ޖެހޭ މަސްލަހަތު ވަރަށް ބޮޑު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވަނީ އެ މައްސަލަ ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ތަޢުލީމީ ވަޒީރު ވަނީ ސްކޫލްތަކާއި ގުޅުން ހުރި ޔޫނިއަންތައް ހިންގުމުގައި އިތުރަށް ސަމާލުވާން ޖެހޭކަމަށް ފާހަގަކުރައްވާފައެވެ. މުދައްރިސުންގެ ހައްގުތައް ހޯދާދިނުމަކީ މިހާވެސް ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމަށާއި، އެފަދަ ކަންކަމަށް ޔޫނިއަންތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިސްކަންދަރު ވޯރކް ޔޫނިއަންގެ ނަން ޤަވާއިދާ ޚިލާފު: ތަޢުލީމީ ވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ