ޤަތުލްޢާއްމު މެދު ކަނޑާލުމުގެ މަޝްވަރާއަށް ދިޔައީވެސް ޣައްޒާގެ 78 މީހުން ޝަހީދުކޮށްލާފައި

ޣައްޒާގައި ހިނގަމުންދާ ޤަތުލްޢާއްމު ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އިޒްރޭލުން ގަތަރަށް މަޝްވަރާ ޓީމެއް ފޮނުވަން ނިންމާފައިވީ ނަމަވެސް، އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް ބޭރުގެ މީޑިއާ ތަކުން ރިޕޯޓް ކޮށްފިއެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 78 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ވަނީ ބުނެފައެވެ. 
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގައި ހިންގަމުންދާ ޤަތުލް ޢާއްމުޕ ހުއްޓާލުމާ ގުޅޭ ހުށަހެޅުމަކަށް މަޝްވަރާކުރުމަށް ގަތަރުގެ ވެރިރަށް ދޯހާއަށް މަޝްވަރާ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. މި ޓީމު ގަތަރަށް ދާން ނިންމާފައިވަނީ މިއަދު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ނަތަންޔާހޫ ވަނީ ގާތުން މަޝްވަރާކުރުމަށް ދެވިފައިވާ ދައުވަތު ބަލައިގަތުމަށް މަޝްވަރާގެ ބައިވެރިން ގާތު އެދިފައެވެ. 
"ހަމާސްއިން ގަތަރުގެ ހުށަހެޅުމަށް ގެނައުމަށް އެދިފައިވާ ބަދަލުތައް އަހަރުމެންނަށް ވަނީ ލިބިފައި. އެ ބަދަލުތަކަކީ އިޒްރޭލަށް ބަލައިގަނެވޭނެ އެއްޗެއް ނޫން" ނަތަންޔާހޫގެ އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. 
ޤަތުލްޢާއްމު މެދު ކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ނިންމާފައިވަނީ 60 ދުވަހުގެ މުއްދަތަކަށް ޣައްޒާއަށް ހަމަލާދިނުން ހުއްޓާލުމަށެވެ. 
އޮކްޓޯބަރ 2023 ގައި އިޒްރޭލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 57,338 ފަލަސްތީނުގެ ރައްޔިތަކު ޝަހީދުކޮށްލާފައިވާއިރު، 135,957 މީހުން ޒަޚަމްވެފައިވެއެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބޮޑުބައި ހަލާކުވެ، އިންސާނީ ކާރިސާއެއް ކުރިމަތިވެ، އެ ސަރަހައްދު މިހާރު ވަނީ ހައިހޫނުކަމުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ