ފުޅާ މިނުގައި އެންމެ 19 އިންޗި ހުންނަ ކާރެއް
ދުނިޔޭގައި މިހާތަނަށް އުފެއްދި ސައިޒުން ކުޑަ އެންމެ ހަނި ކާރު ދައްކާލައިފިއެވެ. މި ކާރު އުފެއްދި މީހާ މަގުމަތީގައި ކާރު ދުއްވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު މިއީ އާއްމުކޮށް ފެންނަ މޮޓޯ ސައިކަލަށް ވުރެ ވެސް ސައިޒުން ކުޑަ ހައިބަތު ކުޑަ ކާރެކެވެ. އާދައިގެ ކުޑަ ބާލީހެއްގެ ބޮޑު މިން ހުންނަ މި ކާރުގެ ފުޅާ މިނުގައި ހުންނަނީ އެންމެ 19 އިންޗިއެވެ. މަޑު ނޫކުލައެއްގެ މި ކާރުގެ ޖާގައަށް ބަލާލާއިރު ކާރުގައި ދަތުރުކޮށް އުޅެވޭނީ އެންމެ މީހަކަށެވެ. ހަމައެއާއެކު މި ކާރު ބޭނުންކުރެވޭނީ ސައިޒުގެ ގޮތުން ވެސް ކާރާ ދާދި އެއް ސައިޒަކަށް ތިބޭ މީހުންނަށެވެ. ނަމަވެސް، ކާރުގެ ފަހަތުގައި ކުޑަކުޑަ އެއް ސީޓު ފެންނަން ހުންނައިރު މިއީ ރަމްޒީ ގޮތުން ދެ ސީޓާ އެކު އުފައްދާފައިވާ ކާރެއް ކަމަށް ބުނެވިދާނެއެވެ. ރިޕޯޓުތައް ބުނާގޮތުން އިޓަލީގެ މިލާންގެ ރައްޔިތެއް ކަމަށްވާ އުމުރުން 30 އަހަރުގެ އެންޑްރިއާ މަރާޒީ މި ކާރު އުފައްދާފައިވަނީ ފިއަޓް ޕެންޑާގެ ބައެއް ސްޕެއާ ބާވަތްތައް ބޭނުންކޮށްގެންނެވެ. މި ކާރު އުފެއްދުމަށް އެއް އަހަރު ދުވަސް ހޭދަކުރެވުނު ކަމަށް ދަ ސަންގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެންޑްރިއާ މަރާޒީ އޭނާ އުފެއްދި ކާރުގައި--ފޮޓޯ/ދަސަން މި ކާރުގައި ފެންނަން ހުރީ އެންމެ ދޮރެއް ކަމުން ފަހަތުގައި ފެންނަން ހުރި ސީޓަށް ދާން ބޭނުން މީހަކު ޖެހޭނީ ވަރަށް ބޮޑަށް ފިތިގެން އެ ސީޓާ ހަމައަށް ދަތުރުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ކާރުގެ ކުޑަކަމާއި ހަނިކަމާހުރެ ގިނަ ބަޔަކު މި ކާރު ސިފަކޮށްފައިވަނީ އާއްމުކޮށް ކާޓޫނުތަކުން ފެންނަ 3ޑީ ކާރެއްގެ ގޮތުގައެވެ. އެންމެ ހެޑް ލައިޓެއް ކާރުގެ ކުރީގައި ހުންނައިރު މި ކާރުގެ ފަހަތުގައި ފެންނަން ހުންނަނީ ސިގްނަލް ލައިޓުގެ ކުޑަ ކުޑަ ދެ އިންޑިކޭޓަ ލައިޓެވެ. މި ކާރު ކިތަންމެ ކުޑަ ނަމަވެސް ކާރު އުފައްދާފައި ވަނީ ހަތަރު ފުރޮޅުގެ މައްޗަށެވެ. މި ވެހިކަލްގެ ބޮޑު މިނަށް ބަލާއިރު ބުނެވޭނީ މިއީ އައިކޮނިކް ކާރު ޕެންޑާ 141ގެ ފުޅާމިނުގެ ތިންބައިކުޅަ އެއްބައި އަދި އެ ބްރޭންޑްގެ އާ ކާރު ކަމަށްވާ ގްރާންޑޭ ޕެންޑާގެ ހަތަރުބައި ކުޅަ އެއްބައި ސައިޒަކަށް ބެލެވިދާނެ ވެހިކަލްއެކެވެ. ވަރަށް ރީތިކޮށް އިންޓީރިއާ ހަދާފައިހުރި މި ވެހިކަލްގެ ފުރޮޅުތައް ވެސް އުފައްދާފައިވަނީ އެހާ ތުނިކޮށެވެ. މި ކާރުގެ ކުޑަކަމާއި ހުރެ ކާރުގައި ބޭނުންކޮށްފައިވާ އިންޖީނުގެ ކެޕޭސިޓީ ކުޑަވެފައި މިއީ ބާރު ސްޕީޑުގައި ދުއްވާލެވޭ ކާރެއް ނޫނެވެ. މި ކާރު އުފެއްދި އެންޑްރިއާ މަރާޒީ ބުނެފައިވަނީ މިއީ ހައި ސްޕީޑުގައި ދުއްވާ ކާރަކަށް ނުވި ނަމަވެސް ފެންވަރު ރަނގަޅު ކާރަކަށް ލިބިގެންވާ ހުރިހާ ސިފަތަކެއް މި ކުޑަކުޑަ ކާރަށް ލިބިގެންވެއެވެ. އެންޑްރީއާއަކީ މީގެ ކުރިން ވެސް މި ފަދަ މޮޑެލްތައް އަމިއްލައަށް އުފައްދާ އާއްމުކޮށްފައިވާ މީހެކެވެ. މި ކާރު އުފައްދާފައިވަނީ މި މަހުގެ 19އިން ފެށިގެން 22އަށް ޕިޔަޓް ޕެންޑާއަށް 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތް ކަމަށްވާ ޕެންޑާ އަ ޕަންޑީނޯ އިފުތިތާހުކުރުމުގެ ހަފުލާއަށް ޚާއްސަކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ