އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި ފަށައިފި، އަންނަ މަހު ބ. އަތޮޅުގައި ފަށަނީ އާރުޓީއެލްގެ ހިދުމަތް ރ. އަތޮޅުގައި ފަށައިފި، އަންނަ މަހު ބ. އަތޮޅުގައި ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ރ. އަތޮޅުގައި ފަށައި، އަންނަ މަހު ބ. އަތޮޅުގައި އެ ހިދުމަތް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް ވީ ވައުދާ އެއްގޮތަށް އެ ހިދުމަތް ފެށީ މިއަދު ކަމަށެވެ. މިކަމާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އާރުޓީއެލް ފެރީގެ ހިދުމަތް މެނޭޖްކުރާ ސަރުކާރުގެ ކުންފުނި އެމްޓީސީސީން މިއަދު އާންމުކޮށްފައިވާ ފެރީ ޝެޑިއުލުން ފެންނަ ގޮތުގައި ރ. އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ ފަސް ރޫޓަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ރަށްތަކާއި ވެރިކަން ކުރާ އުނގޫފާރާއި ގުޅުވާލާ ހަތަރު ރޫޓަކާއި އުނގޫފާރާއި އިފުރާ ދެމެދު ދަތުރުކުރާ ރޫޓެކެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ވައުދާ އެއްގޮތަށް އަންނަ މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. ހިދުމަތް ފެށޭނެ ސީދާ ތާރީހެއް ވިދާޅެއް ނުވެ އެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ދޭން ފެށުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް މިއަދު ވެސް ވިދާޅުވެފައިވެ އެވެ. އެ ވައުދު ފުއްދުމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ 12 އަތޮޅެއްގައި ހިދުމަތް ދޭން ފަށަން ޖެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ