އާރުޓީއެލްގެ ހިދުމަތް ދޭން 488 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި އާރުޓީއެލްގެ ހިދުމަތް ދޭން 488 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފި

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހަރަދަށް މިހާތަނަށް 488.8 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މައުލޫމާތު ހޯދަން ހުށަހެޅުމުން ޓްރާންސްޕޯޓު މިނިސްޓްރީން ދިން ޖަވާބުގައި ވަނީ، ފެބްރުއަރީ، 2022، އިން ފެށިގެން އޮގަސްޓު 26، 2025، ގެ ނިޔަލަށް އާރުޓީއެލްގެ ހިދުމަތް ދޭން ޖުމުލަ 488.8 މިލިއަން ރުފިޔާ ހޭދަކުރިއިރު، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ އެންމެ 105.6 މިލިއަން ރުފިޔާ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރުން އާރުޓީއެލްގެ ހިދުމަތް ފެށީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ހިންގާ ގޮތަށެވެ. ސަބަބަކީ އަތޮޅުތަކުގައި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކޮށް، ފަރުދުންގެ އިޖުތިމާއީ އަދި ވިޔަފާރީގެ މަންފާ އިތުރުކޮށް ދިނުމުގެ ބޭނުމުގަ އެވެ.
އެ އިންގިލާބީ ހިދުމަތުން ފަރުދުންގެ ޖީބަށް 87 ޕަސެންޓުގެ ލުޔެއް ލިބިގެން ހިނގެއްޖެ ކަމަށް، އޮގަސްޓު، 2023 ގައި އޭރުގެ ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.
"މާނައަކީ އެ ފައިސާ ދެން ހުންނާނީ އެހެން ކަންތައް ކުރަން. ސަރުކާރުން އެހީތެރިކަން ފޯރުކޮށް މި ދެނީ. ރައްޔިތުންނަށް ތަނަވަސް، ފަސޭހަ، ލުއި ގޮތްތައް މި ހޯދައި ދެނީ،" ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ތިނަދޫގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަން ނޮވެމްބަރު 17، 2023 ގައި ނިމުނުއިރު އާރުޓީއެލްގެ ލޯންޗުގެ ހިދުމަތް ދެމުން ދިޔައީ ހއ، ހދ. ށ. ޅ އަދި ގއ. ގދ، ޏ އަދި ސ އަތޮޅުގަ އެވެ. މި ވެރިކަމުގައި ނ. ރ އަދި ބ އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ވަނީ ފަށައިފަ އެވެ.
ދެން މި ހިދުމަތް ފަށާނީ މ. ފ. ދ. ތ އަދި ލ ގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ