ފުލަމްއާ އެއްވަރުވެ ޔުނައިޓެޑްގެ އުނދަގޫ ފެށުން ދިގުލައިފި ފުލަމްއާ އެއްވަރުވެ ޔުނައިޓެޑްގެ އުނދަގޫ ފެށުން ދިގުލައިފި

ލަންޑަން (އޮގަސްޓް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ 1-1 އިން އެއްވަރުވެ، އާ ސީޒަނުގައި ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބި މެންޗެސްޓާ ޔުނައިޓެޑްގެ އުނދަގޫ ފެށުން ދިގުލައިފި އެވެ.
އާ ސީޒަނުގެ ފުރަތަމަ މެޗުގައި، ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 1-0 އިން ބަލިވެފަ އެވެ. މިދިޔަ ސީޒަނުގެ 15 ވަނައިގައި ލީގު ނިންމި ޔުނައިޓެޑް، މި ފަހަރުގެ ލީގު ސީޒަން ފަށައިގެން ފުރަތަމަ ދެ މެޗު ނިމުނުއިރު އޮތީ އެއް ދަރަޖަ ފަހަތުގަ އެވެ.
ފުލަމްގެ ދަނޑު ކްރޭވަން ކޮޓޭޖްގައި ކުޅުނު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 38 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މިއީ، ފުލަމްގެ ޑިފެންޑަރު، ކަލްވިން ބަސީ އޭރިއާތެރެއިން ޔުނައިޓެޑްގެ މޭސަން މައުންޓަށް ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި، ދިން ޕެނަލްޓީ އެކެވެ. މިއީ، 2023 ވަަަނަ އަހަރުގެ ޑިސެމްބަރު ފަހުން ފެނާންޑޭސް އަތުން ނާކާމިޔާބުވި ފުރަތަމަ ޕެނަލްޓީ އެވެ.
ދެ ވަނަ ހާފުގައި ކުޅެން ނުކުމެ، ޔުނައިޓެޑުން ވަނީ 58 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެެވެ. މިއީ، ޔުނައިޓެޑްގެ ބްރަޔާން އެމްބުއޭމޯ ނެގި ކޯނަރަކުން އެ ޓީމުގެ ލެނީ ޔޯރޯ ފޮނުވާލި ބޯޅައެއް ފުލަމްގެ ރޮޑްރީގޯ މުނީޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފުލަމް އިން އެއްވަރުކުރީ މެޗުގެ 73 ވަނަ މިނިޓްގައި އަލެކްސް އިވޯބީ ދިން ބޯޅައަކުން އެމީލް ސްމިތު ރޯވް ޖެހި ގޯލުންނެވެ.
ބަަދަލުތަކެއް ގެނެސްގެން ޔުނައިޓެޑުން ގޯލެއް ޖެހޭތޯ މަސައްކަތްކުރިއިރު، އެ ޓީމަށް ލިބުނު ކޯނަރަކުން އެމްބުއޭމޯ ނެގި ބޯޅައެއް ހެރީ މެގުއާ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނީ މެޗު ފަށައިގެން ދެއްކި ކުޅުމަށް ބަލާއިރު، ޔުނައިޓެޑަށް މި މެޗުން މޮޅެއް ލިބެންޖެހޭނެ ކަމަށެވެ. އެކަމަކު، މެޗު ނިމެން ދިޔައިރު، ފުލަމް އިން ވެސް ރަނގަޅަށް ކުޅެފައިވާ ކަމަށާއި އެހެންކަމުން ޖުމްލަ އެކު، މި ނަތީޖާއާ މެދު ޝަކުވާ ކުރުމަކީ އެންމެ އިންސާފުވެރި ގޮތަށް ނުވާނެ ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
އެވަޓަން އިން އެ ކްލަބްގެ އާ ސްޓޭޑިއަމް ހިލް ޑިކިންސަން ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ރަސްމީ މެޗުގައި ވަނީ 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. އަދި، ކްރިސްޓަލް ޕެލަސް އިން ލީޑުނެގި މެޗުގައި ނޮޓިންހަމް ފޮރެސްޓުން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ