ކާއްޓަށް ޓަކައި ރަށް ދޫނުކުރަން ތިބި ގާދޫ މީހުން ކާރާއި އަމިއްލަ ވިޔަފާރީގައި!
އަޅުގަނޑާ އެއް ކުލާހެއްގައި މާލޭގައި ކިޔެވި, އަބްދުލް އަޒީޒް (އަޒީ) އާ ރޭ ބައްދަލު ކުރީ ނޫސްވެރިކަމާ ގުޅުންހުރި ކަމެއް ހިތުލައިގެނެއް ވެސް ނޫނެވެ. އަޒީ އަތޮޅުތެރޭގައި ދިރިއުޅޭތީ ބައްދަލުނުވާތާ ގިނަ އަހަރުތަކެއް ވެފައިވާތީ މާލެއައި ވަގުތު ކޮންމެހެން ވެސް ބައްދަލުކޮށްލަން ބޭނުންވީއެވެ. ކިޔަވާ ނިމުނުތާ 14 އަހަރުވެފައިވާއިރު ލައްކަ ކަންކަން ބަދަލުވެއްޖެއެވެ. އެ ބަދަލު އައީ އަޅުގަނޑުމެން ދެ މީހުންގެ ބޮލުގެ އިސްތަށި މަދުވުމަށް އެކަންޏެއް ނޫނެވެ. ދެ މީހުންނާއި ދެ މީހުންގެ ވަށައިގެންވާ އެތައް ކަމަކަށް ބަދަލު އަތުވެއްޖެއެވެ. މި ވާހަކައިގެ ތެރެއިން ކޮންމެހެން ލިޔަން ޖެހޭ ރިޕޯޓެއް އަޅުގަނޑަށް ސިފަވިއެވެ. އެއީ މި ގައުމަށް އިބުރަތަކަށެވެ. އަޒީއަކީ ލ. ގާދުއަށް އުފަން މީހެކެވެ. އެއީ ރާއްޖޭގައި އެންމެ ގިނައިން ވެލާ އަރާ ރަށެވެ. އެކަމާ ގުޅުވައި މަޝްހޫރު ވާހަކައެއް ވެސް އޮވެއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ގާދޫ ރައްޔިތުން ވެލާ ބިސް ވިއްކައިގެން ހޯދި އާމްދަނީއިން އެ ރަށުގައި ރައްޔިތު އިންޖީނު ގެއެއް ހިންގަން ފެށުމެވެ. އެއޮށް ބޮޑު ލ. އަތޮޅުގައި ދެ ވަނައަށް ކަރަންޓްގެ ޚިދުމަތް ދޭން ފެށީ އެ އަތޮޅުގެ އެންމެ އާބާދީ މަދު ރަށް ކަމަށްވާ ގާދޫގައެވެ. ލ. ގާދޫ 2014 ގައި-- ފޮޓޯ: ގާދޫ ފޭސްބުކް ޕޭޖް ގާދޫއަކީ ވަރަށް ރީތި ރަށެކެވެ. އެކަމަކު ރަށާ ދޭތެރޭ ރައްޔިތުން ދެކެމުން އައީ އެއީ ދުނިޔޭގައި ވެސް ވަގުތީ މަންޒިލެއްގެ ގޮތުގައެވެ. އަޒީގެ އެންމެ ދުރު ހަނދާނަކީ ވެސް ރަށުން މީހުން ބަދަލު ކުރާނެ ވާހަކަ މީހުން ދެއްކުމެވެ. އޭނާގެ މާމަ ވެސް ބުނެއެވެ. ކުރީގެ ރައީސް އަދި ބޮޑު ވަޒީރު އިބްރާހީމް ނާސިރު އިރުންސުރެ އެ ވާހަކަ ދައްކައެވެ. އެކަމަކު އެކަން ކުރާނެ އިސް މީހާއަކީ އޭނާ ކަމެއް އެއްވެސް އިރަކު އަޒީގެ ހިތަކަށް ނާރައެވެ. ތައުލީމު ހާސިލު ކުރަން މާލޭގައި 12 ވަރަކަށް އަހަރު އުޅެފައި, ސްކޫލު ނިމުމާއެކު އަޒީ ދެން އުޅުނީ ވަޒީފާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ. ތިން އަހަރެއްހާ ދުވަހު އެ ވަޒީފާގައި އުޅުމަށް ފަހު އުފަން ރަށަށް ބަދަލުވާން ނިންމީ ސިޔާސީ މަސައްކަތަށް ހުންނަ ޝައުގެއްގެ ބޮޑުކަމުންނެވެ. އޭރު އާބާދީ ބޮޑު ހދ. ކުޅުދުއްފުށީގެ ޒުވާނަކާ ކައިވެނިކޮށް އޭނާ ޖަވާޒީ ހަޔާތެއް ވެސް ފަށައިފިއެވެ. އޭރު ވެރިކަމުގައި އޮތް ޕީޕީއެމްގެ ޓިކެޓްގައި އަޒީއާއި އޭނާގެ ޓީމުން 2014 ވަނަ އަހަރުގެ ކައުންސިލް އިންތިޚާބަށް ނުކުތީ އެ މީހުންގެ ސިޔާސީ ކުރިމަގަށް ވުރެން ރަށުގެ މުސްތަގުބަލު އިސްކޮށްގެންނެވެ. "އޭރުވެސް އަޅުގަނޑު ބުނަން ދެގޮތުން ކުރެން އެއްގޮތަކަށް މި ފަހަރު ނިންމާނަމޭ. ފުރަތަމަ ޗޮއިސްއަކީ ގާދުއާއި ފޮނަދޫ ގުޅާލުން. އަނެއް ޗޮއިސްއަކީ ގާދޫން މީހުން ބޭލުން. ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ހަމަ ދިޔައީ އެ މަގާމަށް," އަޒީ ކިޔައިދެއްވިއެވެ. އެ އިންތިޚާބުގައި ގާދޫގެ ރައްޔިތުން އިޚުތިޔާރު ކުރީ ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރެއްވި ތިން ކައުންސިލަރުންނާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ދެ ބޭފުޅަކު އިންތިޚާބު ކުރުމަށެވެ. އަމިއްލަ ގޮތުން އިންތިޚާބުވި ބޭފުޅުންގެ ތެރޭގައި އަޒީއާ ދެބެންގެ ދެދަރި ބޭފުޅަކު ވެސް ހިމެނެއެވެ. އެހެންވެ ކައުންސިލްގެ މެޖޯރިޓީ އޮތީ އަޒީގެ އަތްމަތީގައެވެ. އޭރު ކައުންސިލްގެ ރައީސް ހޮވަނީ އިންތިޚާބުވާ ކައުންސިލަރުންގެ މެދުގައި ކަމަށްވާއިރު އެ ކައުންސިލުން ނިންމީ އަޒީ ކައުންސިލްގެ ރައީސްގެ މަގާމަށް އައްޔަން ކުރާށެވެ. އާބާދީ މަދު ގާދޫގައި އޭރު އުޅުނު ބަޔަކު ދޯންޏެއް އެހެލަނީ--- ފޮޓޯ: ގާދޫ ފޭސްބުކް ޕޭޖް"ރައީސް"ގެ ނަމުން މީހުން މުހާތަބު ކުރިނަމަވެސް އޭނާއަށް މި ހުރެވުނީ ކިހާ ވަރެއްގެ ކަމަކާ ހަވާލުވެކަން އޭރު ވެސް އަޒީއަށް އިހުސާސް ކުރެވެއެވެ. ރަޖިސްޓްރީގައި 420 މީހުން ތިބިއިރު ރަށުގައި ދިރިއުޅެނީ އެންމެ 170 މީހުންނެވެ. ރަށުގައި ހުރި ސިއްހީ މަރުކަޒު ފިޔަވާ ސަރުކާރަކުން ހެދި އިމާރާތެއް ވެސް ރަށަކު ނެތެވެ. އެތަނުގައި ވެސް ޚިދުމަތް ދޭން ހުރީ ނަރުހެއް އެކަންޏެވެ. ޑޮކްޓަރެއް ނެތްތަނުގައި ބޭހެއް ވެސް ނެތެވެ. ބޭރުގެ އެހީގައި އިމާރާތް ކޮށްފައިވާ ސްކޫލުގައި ތިބީ އެންމެ 29 ކުދިންނެވެ. ކިޔަވައިދެނީ ގްރޭޑް ފަހަކާ ހަމައަށެވެ. ބަނދަރެއް ނެތުމުން އަރައި ފައިބަން ހުންނަނީ ރައްޔިތުން ރުއް ކީހައިގެން ހަދާފައިވާ އާދައިގެ ފާލަމެކެވެ. ރަށުގައި އާމްދަނީ ހޯދޭނެ މާ ބޮޑު ވަސީލަތެއް ވެސް ނެތެވެ. އެހެންވެ އާއިލާތައް ގިނައިން އުޅެނީ ރަށުން ބޭރަށް ހިޖުރަކޮށްގެންނެވެ. ލ. އަތޮޅުގެ ބައެއް ރަށްތަކާއި މާލޭގެ ބޮޑު ކުއްޔަށެވެ. އަހަރަކަށް ވުރެން އަހަރެއް ހިޖުރަ ކުރާ މީހުންގެ އަދަދު ދަނީ މައްޗަށެވެ. ދައުރު ހަމަވަންދެން މުސާރަ ނަގާލަ ނަގާލައި, މާ ބޮޑު ކަމެއް ނުކޮށް މަހަށް ދިއުމާއި ފީނަން ދިއުންފަދަ ކަންކަން ކޮށްލަކޮށްލާ ހުރެވެން އަޒީއަށް ވެސް އޮތެވެ. އެހެން ރަށްރަށު ކައުންސިލަރުންނަށް ދޭ މުސާރަ އޭނާއަށް ވެސް ލިބެއެވެ. ރަށުގައިކަމުން ވަރަށް ޚަރަދު ކުޑައެވެ. އެހެންކަމުން އެ ފައިސާ ފޮރުވައިގެން އޭގެން ވިޔަފާރިކޮށް އަމިއްލަ މުސްތަގުބަލު ތަނަވަސް ކުރުމުގެ ފުރުސަތު އޭނާއަށް ރަނގަޅަށް ފަހި ވެފައި އޮތެވެ. ނަމަވެސް އޭރު އުމުރުން އެންމެ 21 އަހަރުގެ އަޒީ އެގޮތަށް ހުރުމަށް ވުރެން ބޭނުންވީ ރަށުގެ ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދޭން ގުރުބާނީއެއް ވާށެވެ. ގާދޫއާއި ފޮނަދޫ އޮންނަނީ އެއްފަޅެއްގެ ތެރޭގައެވެ. ހިކި ދިޔައިގައި ހިނގާލާފައި 20 އަކަށް މިނެޓުން ދެވެއެވެ. ޑިންގީއެއްގައި ނަމަ ފަސް މިނެޓް ނުވަތަ 10 މިނެޓުން ދެވެއެވެ. ރަށުން އަސާސީ ޚިދުމަތެއް ނުލިބޭ ގާދޫ މީހުން އަބަދުހެން ކަމެއް ބޮޑުވެއްޖެ ދަނީ ފޮނަދުއަށެވެ. ލ. އަތޮޅުގައި އެގޮތަށް އޮންނަ ފަޅުތައް ހިއްކައިގެން ގިނަ ކޯޒްވޭތަކެއް ނުވަތަ ފާލަންތަކެއް އަޅާފައި ހުންނައިރު ގާދުއާއި ފޮނަދޫ ގުޅާލުމުގެ ވާހަކަ ވެސް އަޒީ އެންމެ ކުޑައިރުއްސުރެން އަޑުއައްސަވައެވެ. "ފުރަތަމަ ބޭނުންވީ ހަމަ ރަށާއި ފޮނަދޫ ގުޅާލަން. އޭރު އޮތީ ކުރިން އޮތް ކައުންސިލުން އެދިގެން އޭރު ރައީސްއަކަށް ހުންނެވި ޑރ. ވަހީދު (ރައީސް ޑރ. މުޙައްމަދު ވަހީދު)ގެ ވެރިކަމުގައި އެއީ ކުރެވޭނެ ކަމެއްތޯ ދިރާސާއެއް ވެސް ކޮށްފައި. އަޅުގަނޑުމެން ކައުންސިލުން އައިސް ބެލުމުން އެނގުނީ އެއީ ފީޒިބަލް ކަމެއް ނޫންކަން. މާ ހަރަދު ބޮޑީ ކަމަށް. އެއަށް ވުރެން މާ ހަރަދު ކުޑައޭ ގާދޫ މީހުން ފޮނަދުއަށް ބަދަލު ކުރުން ވެސް. އެހެންވެ ދެން ބަލަން ބޭނުންވީ އޭރު އޮތް ސަރުކާރުގެ ވިސްނުން," އަޒީ ކިޔައިދެއްވިއެވެ. ލ. ގާދޫ --"ފަހުން އެނގިއްޖެ ސަރުކާރުގެ ސިޔާސަތު. އެއީ ގާދޫ މީހުން ބަދަލު ކުރަންކަން ނިންމާފައި އޮތީ. އޭރު ކައުންސިލަށް ހޮވުނުތާ އަހަރެއް ވެސް ނުވޭ. ކައުންސިލަށް ހޮނުވުއިރު ވެސް އޮތީ ކޮންމެ ވެސް ވަރަކަށް އެ ވާހަކަ ދެކެވިފައި." ނުފައިބަން ގަދަ ހެދުމާއި ހެއްވާ ކަންކަން ހިނގި ޚިދުމަތެއް ނުލިބުނަސް އުފަން ފަސްގަނޑު ދޫކޮށްނުލުމުގެ ވިސްނުމަކީ ގިނަ ބައެއްގެ ވިސްނުމެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ ބައެއް މީހުންގެއެވެ. ގާދޫ މީހުންގެ ތެރޭގައި ވެސް އެކަން އެ ގޮތަށް އޭރު އޮތެވެ. އެއް ބަޔަކު ފޮނަދުއަށް ދާން ބޭނުމެއް ނުވިއެވެ. އަނެއް ބަޔަކު ރަށުން ފައިބަން ބޭނުމެއް ނުވިއެވެ. ރަށުން ފައިބަން ދެކޮޅު ހެދި ގިނަ މީހުން ދައްކާ އެންމެ ބޮޑު ސަބަބަކީ އޭރު އެ ރަށުން ލިބެމުން ދިޔަ ކާއްޓެވެ. ގާދުއަކީ އާދަޔާ ޚިލާފަށް ކާށި ގިނައިން ލިބޭ ރަށެކެވެ. ކޮންމެ ހޮނިހިރު ދުވަހެއްގެ ވަކި ވަގުތެއްގައި ރަށުގެ އަންހެނުން ވަލަށް ވަދެ ކާށި ހޮވަން ކައުންސިލުން ފުރުސަތު ހުޅުވާލައެވެ. އެގޮތަށް ހޮވާ ކާށި އެ ހޮވަން ދިޔަ މީހުންގެ މެދުގައި ބަހައެވެ. އެ ކާށި ވިއްކައިގެން ހޯދާ އާމްދަނީއަކީ އެ ރަށުގައި ދިރިއުޅޭ މީހުންގެ ޒަރޫރީ ބޭނުންތައް އޭރު ފުއްދާ އެންމެ ބޮޑު ވަސީލަތެވެ. "އޭރު އާއްމުކޮށް ކާށި ވިއްކައިގެން ގެއަކުން ހޯދާނެ މަހަކު ހަހާސް ވަރަކަށް ރުފިޔާ. އެހެންވެ ރަށުން ފައިބައިފިއްޔާ ކާއްޓެއް ވެސް ނުލިބޭނޭ އެންމެ ބޮޑަށް ދެކޮޅު ހެދި މީހުން ބުނަމުން ދިޔައީ," އަޒީ ކިޔައިދިނެވެ. ލ. ގާދޫ ކައުންސިލް އިދާރާގައި ނަގާފައިހުރި ޤައުމީ ދިދަ ތިރިކޮށް، ސިފައިން އެ ދިދަ އަޒީއާ ހަވާލުކޮށްދެނީ -- ފޮޓޯ: އެމްއެންޑީއެފްއަދި ވަރަށް ހެއްވާ ކަމެއް އަޒީ ކިޔައިދެއްވިއެވެ. އޭރު ރަށުތެރޭންނާއި އެހެން ގޮތްގޮތުން އެ ބޭފުޅުންނަށް މައުލޫމާތު ލިބުނީ އެ ރަށެއްގެ 70 ޕަސެންޓަށް ވުރެން ގިނަ މީހުން ބަދަލުވާން އެއްބަސްވެއްޖެނަމަ ހުޅުމާލެއަށް އެ ރަށެއްގެ މީހުން ބަދަލު ކުރާ ވާހަކައެވެ. އަވަސް އަވަހަށް ފައިލްތައް ހިފައިގެން އަޒީ އާއި އޭނާގެ ޓީމުން މުޅި ރަށުގައި ހިނގައި އެ ދިރާސާ ފެށިއެވެ. ގާދޫ މީހުން ހުޅުމާލެއަށް ބަދަލުވާން ފެނޭތޯ ބެލުމަށެވެ. އެ ދިރާސާއިން އެނގުނީ ރަށުގެ ބޮޑު އާބާދީއެއް ބޭނުންވަނީ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރާ ހުޅުމާލެއަށް ބަދަލު ވާން ކަމެވެ. އަވަހަށް އެ ދިރާސާގެ މައުލޫމާތު ރިޕޯޓެއްގެ ސިފައިގައި ތައްޔާރުކޮށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށާއި މަޖިލީހަށް ފޮނުއްވިއެވެ. އޭގެ ފަހުން އެނގުނީ އެފަދަ ސިޔާސަތެއް ނުވެސް ނެތް ކަމެވެ. "ހައުސިން މިނިސްޓްރީން ރައީސް މުއިއްޒު [މިހާރުގެ ރައީސް ޑރ. މުހައްމަދު] މި އަންގަވަނީ ސަރުކާރުގެ ސިޔާސަތެއް ނޫނޭ ގާދޫ މީހުން ހުޅުމާލެއަށް ބަދަލު ކުރުމަކީ. ސަރުކާރުގެ ސިޔާސަތަކީ ގާދޫ މީހުން ފޮނަދުއަށް ބަދަލު ކުރުމޭ," ހެމުން އަޒީ ކިޔައިދެއްވިއެވެ. ރަށުން ބަދަލު ކުރާކަން ޔަގީންވި ހިސާބުން ދެން ރައްޔިތުންގެ ތެރެއިން އެކިއެކި ކަންކަމާ ދެކޮޅު ހަދާ މީހުން ވެސް ފާހަގަވާން ފެށިއެވެ. އޭގެ ތެރޭގައި ކާށި ކޮޅަށްޓަކައި ރަށް ދޫނުކުރަން ތިބި މީހުންގެ އިތުރުން ދެން ތިބީ ސަރުކާރުން ބަދަލު ދޭން ހުށަހަޅާފައިވާ ގޮތްތަކާ މެދު ނުރުހޭ މީހުންނެވެ. ވަހީދުގެ ވެރިކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރަކަށް މިހާރުގެ ރައީސް މުއިއްޒު ހުންނެވިއިރު, އޭރު ފޮނަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެއީ ތިން ކޮޓަރީގެ ތަނަވަސް ގެތަކެކެވެ. ނަމަވެސް އެ ގެތައް އޭރު އަޅަމުން ދިޔައީ ކޮންމެހެން ގާދޫ މީހުން ފޮނަދުއަށް ގެންދާކަށް ނޫނެވެ. އެ ގެތައް ލިބޭތޯ ބެލިއިރު އެ ވަރަކުން އަދި ގާދޫ ރައްޔިތުންނަކަށް ނުފުދެއެވެ. އެއީ ގާދޫގައި އޭރު ވެސް 85 ގޭ ރަޖިސްޓްރީ ކޮށްފައި ހުރުމުންނެވެ. ފުރަތަމަ ދެން ވިސްނީ ވަކި ތަރުތީބަކުން މީހުން ބަދަލު ކުރާށެވެ. ނަމަވެސް ފުރަތަމަ 50 ކަނޑައަޅާނެ އިންސާފުވެރި ގޮތެއް ނުވިސްނުނެވެ. ދެން ޖެހުނީ އެހެން ފޯމިއުލާއަކަށް ދާށެވެ. ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ ކޮންމެ އަކަސް 2016 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހުގެ މެދެއްހާ ހިސާބުގައި ފެށޭއިރު އޭގެ ކުރިން ރަށުން ފައިބަން އެބަ ޖެހެއެވެ. އެކަމަކު 50 ގެއަކުން ރަށުގެ ހުރިހާ އާއިލާތަކަކަށް ބޯހިޔާވަހިކަމެއް ހަމައެއް ނުޖެއްސެއެވެ. އެހެންވެ ދެން ނިންމީ ގުރުއަތު ލައިގެން އެ 50 ގެ ލިބޭ އާއިލާތައް ހޮވުމަށެވެ. އެއަށް ފަހުން ވަކިން ރަޖިސްޓްރީ ކޮށްފައި ހުއްޓަސް އެއް އާއިލާއެއް ނަމަ އެއް ގެއަކަށް ކަނޑައެޅިއެވެ. އެއަށް ފަހު ބާކީވާ 23 އާއިލާއަށް ހައުސިން ޔުނިޓް އެޅެންދެން ފޮނަދޫގައި ކުއްޔަށް އުޅެން ކޮންމެ މަހަކު 3000 ރުފިޔާ ސަރުކާރުން ދޭ ގޮތަށެވެ. އެ އަދަދަކީ ފޮނަދުއިން ރަނގަޅު ފެންވަރުގެ ގެއެއް ކުއްޔަށް ނަގަން ރަނގަޅު އަދަދެކެވެ. ރަށުން ބަދަލުވާތީ ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގެއަކަށް ސަރުކާރުން ބަދަލުގެ ގޮތުގައި 85,000 ރުފިޔާ ދިނެވެ. އަދި ރުއްގަހުގެ ބަދަލު ނުލިބިގެން ރައްޔިތުން ޝަކުވާ ހުށަހެޅުމުން ކޮންމެ ގެއަކަށް އިތުރު 10,000 ރުފިޔާ ދިނެވެ. އެއާއެކު ގާދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގެއަކަށް ސަރުކާރުން 95000ރ. އާއި ފޮނަދުއިން ބޯހިޔާވަހިކަން ދިނެވެ. ނަމަވެސް ދަތިތަކެއް ވެސް ހުއްޓެވެ. އެއީ ފޮނަދޫގައި ހައުސިން ޔުނިޓް އަޅާފައި ހުރީ ރަށުގެ ދެކޮޅުގައެވެ. އެހެންވެ ރަށުގެ އާބާދީ ބެހިގެން ދިޔައެވެ. އެ ބެހުނު ގޮތުން މައިންބަފައިން ރަށުގެ އެއް ފަޅީގައި ތިބިއިރު ދަރިން ރަށުގެ އަނެއް ކޮޅުގައި އުޅަން ޖެހުނެވެ. ގާދޫ މީހުން ފޮނަދުއަށް ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އެމްއެންޑީއެފްއިންނެވެ. ކައުންސިލުން ގާދޫ ރައްޔިތުންނަށް އެންގީ ހިފައިގެންގުޅޭ ހުރިހާ އެއްޗެއް ބަންދުކޮށް ތައްޔާރު ކުރުމަށެވެ. ރައްޔިތުން އެ ގޮތަށް ތައްޔާރުވިއެވެ. ގޭގޭގެ ހަތަރު ފާރު ފިޔަވާ އެހެން ހުރިހާ އެއްޗެއް ގެންދަން ތައްޔާރު ކުރިއެވެ. ސިފައިން އައީ ކޮޅުވެއްޓިއާއި ބޮޑެތި ލޮރީތަކާއެކުއެވެ. އެންމެ ދެ ދުވަހުގެ ތެރޭގައި ސިފައިން ގާދޫގެ ހުރިހާ ގެއެއްގެ ތަކެތި ފޮނަދުއަށް ގެންގޮސް ފޮނަދޫގައި އެ ގެއްގެ މީހުން ތިބެން ހަމަޖެހިފައިވާ ގޭގައި އަތުރާލަ ދިނެވެ. އެއަށް ފަހު 2016 ވަނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ސިފައިން އެ އޮޕަރޭޝަން ނިންމާލައި ގާދޫ ކައުންސިލްގައި ނަގާފައިވާ ދިވެހި ދިދަ ބާލައި އަޒީއާ ހަވާލު ކުރިއެވެ. އެއީ އަޒީގެ ހަޔާތުގައި އައި އެންމެ ޖަޒުބާތީ ވަގުތުކޮޅެވެ. އޭނާއަށް ގިސްލައި ރޮވުނީ އެހެންވެއެވެ. "ވަރަށް ދެރަވެސްވި. ވަރަށް އުފާވެސްވި. ދެރަވީ އުފަންފަސްގަނޑު ދޫކޮށްލަން ޖެހުނީމަ. އެ ފަސްގަނޑު ދެކެ ވަރަށް ލޯބިވާތީ. އުފާވީ ވަރަށް ބޮޑު މަސައްކަތެއް ނިންމާލެވުނީމަ," އެ ވަގުތުކޮޅު އަޒީ ސިފަކޮށްދެއްވިއެވެ. ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމަށް ދިން ގެތައް -- ފޮޓޯ: ހައުސިން މިނިސްޓްރީ އަޒީ އާއި އޭނާގެ ޓީމުން އެ ނެންގެވީ ވަރަށް ބޮޑު ރިސްކެކެވެ. ހަމަ ގައިމުވެސް އެ ބަދަލުގެ ސަބަބުން ގޯހެއް ވެއްޖެ ނަމަ ލައްކަ ބަދުނާމާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް ގާދޫ ރައްޔިތުންގެ ނަސީބު ވަރަށް ގަދައެވެ. ފޮނަދޫ މީހުންނަކީ ވަކި ރަށެއްގެ ބަޔަކަށްވީތީ ތަފާތުކޮށް, ބުލީ ކުރާ ބައެއް ނޫނެވެ. އެއަށްވުރެން ދިވެހީންގެ އެންމެ ޚާއްސަ އެއް ސިފަ ކަމަށްވާ, މެހެމާންދާރީގެ ސިފަ ވަރަށް ބޮޑަށް އެ ރަށުގައި އޮވެއެވެ. އަނެއްކޮޅުން ގާދޫ މީހުންނަކީ އަބަދުވެސް ކޮންމެ ވެސް ބޭނުމެއްގައި ފޮނަދުއަށް އަބަދުވެސް އައިސްގޮސް އުޅޭ ބަޔަކަށްވާތީ ދެރަށުގެ މީހުންގެ ތެރޭގައި އެކުވެރިކަމާއި ގާތްކަން ވަރަށް ބޮޑަށް އޮވެއެވެ. އެހެންވެ ފޮނަދޫ އެއީ ރަށްކަން ގަބޫލުކޮށް, އެ މުޖުތަމައުއަށް ހޭނެން ގާދޫ މީހުންނަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. ޖެނުއަރީ 2016 ގައި ގާދޫން މީހުން ބަދަލު ކުރިނަމަވެސް އެ ރަށަކީ ފަޅު ރަށެއްގެ ގޮތުގައި އޭރުގެ ރައީސް އަބްދުالله ޔާމީން ކަނޑައެޅުއްވީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެ މުއްދަތާ ހަމައަށް އަޒީ އާއި ގާދޫގެ އެހެން ކައުންސިލަރުން މަސައްކަތް ކުރައްވަމުން ގެންދެވީ ފޮނަދޫ ކައުންސިލްގައެވެ. ކުރައްވަނީ ގާދޫގެ މަސައްކަތެވެ. އަދި ގާދޫ ބެލެހެއްޓުން ވެސް އޮތީ އޭރު އެކައުންސިލްގެ ބެލުމުގެ ދަށުގައެވެ. ކާށި ލިބޭލެއް މަދަސް, މިއަދު ނަސީބޭ ހިތަށް އަރާ ލ. އަތޮޅުގައި ވެރިކަން ކުރާ ފޮނަދުއަކީ ތިންހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ގްރޭޑް 12 އާ ހަމައަށް ކިޔެވެއެވެ. ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް ހުރެއެވެ. އެވަރުން ނުވެއްޖެ ނަމަ އެއް ފަސްކޮށް އޮންނަ ލ. ގަން ހޮސްޕިޓަލަށް ދާންވީއެވެ. އަތޮޅުތެރޭގެ ނިސްބަތުން ސިއްހީ ޚިދުމަތް ރަނގަޅެވެ. އަނެއްކޮޅުން ކައްދޫ އެއާޕޯޓް އެ އޮތީ ގުޅިފައިވާ އެ ބިމުގައެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވާ ސިޓީ (އެމްއެންޔޫ) ހިމެނޭ ގޮތަށް މަތީ ތައުލީމު ފޯރުކޮށްދޭ ކެމްޕަސްތައް އެބަހުއްޓެވެ. ރަށްފުށުގެ އަރާމު, ޚަރަދު ކުޑަ, އަމާން ދިރިއުޅުމުގައި އުޅެމުން ކިޔަވައި ވަޒީފާ އަދާ ކުރަންވީއެވެ. އަޒީ ވިދާޅުވިގޮތުގައި މިއީ ގާދޫ ރައްޔިތުންގެ ނަސީބެވެ. ގާދުއިން ފޮނަދުއަށް ބަދަލުވިތާ ނުވަ އަހަރު ވެފައިވާއިރު ގާދޫގެ ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ތަނަވަސްކަމާއި އުފާވެރި ކަމަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ގާދޫ މީހުންނަށް ފޮނަދޫން އިމާރާތް ކޮށްދިން ގެތައް ހަވާލު ކުރަނީ -- ފޮޓޯ: ޕީއެސްއެމް ގާދޫ މީހުން ފޮނަދުއަށް ދިޔައިރު ގިނަ މީހުންގެ އަތުގައި ރައްކާ ކޮށްފައި ހުރި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. އަނެއްކޮޅުން ސަރުކާރުން ބަދަލުގެ ގޮތުގައި ދިން ލައްކައެއްހާ ރުފިޔާއާއެކު ހުރި ފައިސާ އެ ރަށުގެ ގިނަ ރައްޔިތުން އެކި ކަންކަމަށް އިންވެސްޓް ކުރި ކަމަށް އަޒީ ވިދާޅުވިއެވެ. އެއް ބަޔަކު ވެހިކަލްތައް ގަތްއިރު އަނެއް ބަޔަކު އަމިއްލަ ވިޔަފާރިތައް ފެށިއެވެ. "ފޮނަދުއަކީ ދިރިއުޅެން ވަރަށް ފަސޭހަ ވަރަށް ފަހި ފުރުސަތު އޮތްތަނެއް. ވަޒީފާއަށް ދާން ބޭނުންވެފައި ވަޒީފާއެއް ނުލިބިފައި ހުންނާކަށް ނުޖެހޭނެ. އަނެއްކާ ބޮޑު އާބާދީއެއްވީމައި އާމްދަނީ ހޯދޭނެ ގިނަ ފުރުސަތުތައް އެބަހުރި. ކުރާނެ ގިނަ މަސައްކަތް އެބަހުރި. އޭގެ ފައިދާ ގާދޫ މީހުންނަށް މިއަދު އެބަ ލިބޭ," ފޮނަދޫ ފެނަކައިގެ މެނޭޖަރެއްގެ މަގާމުގައި މިއަދު ހުންނެވި, އަދި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ވެސް ކުރައްވާ އަޒީ ވިދާޅުވިއެވެ. "ގާދޫގައި އުޅުނުއިރާ ހާސްބައި ތަފާތު މިހާރު ރަށުގެ ރައްޔިތުންގެ ދިރިއުޅުން." މިއަދު އެއީ ދެ ރަށެއްގެ ބައެއް ނޫނެވެ. ގާދޫ މީހުންނާއި ފޮނަދޫ މީހުން އިނދެ އާއިލާތައް ބިނާ ކުރުން ވެސް ގިނައެވެ. އެ ރަށޭ, މި ރަށޭ ބުނެ ތަފާތެއް ނުކުރެއެވެ. ނިމިދިޔަ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެންބަރަކަށް ހުންނެވީ ވެސް ގާދޫއަށް ނިސްބަތްވާ މޫސާ ސިރާޖެވެ. ފޮނަދޫން ހޯދި ގިނަ ވޯޓާއެކު އޭނާ އެ އިންތިޚާބު ކާމިޔާބު ކުރެއްވީވެސް މިހާރުގެ މަޖިލިސް ރައީސް އަދި ފޮނަދޫގައި ނުފޫޒުގަފަ އަބްދުއްރަހީމް އަބްދުالله އެ އިންތިޚާބުން ބަލި ކުރައްވައިގެންނެވެ. އާބާދީ އޮތް ތަނަށް ބަދަލުވޭ ކާބަފައިންގެ މަހަނައާއި އެ މީހުން ދިރިއުޅުނު ގެދޮރާއި ރުއްގަސް ދޫކޮށްފައި މި ހަށީގައި ފުރާނަ ހުރިހާ ހިނދަކު މި ރަށަކުން ނުދާނަމޭ ބުނެ ގަދަބަސް ބުނާ މީހުން އަދިވެސް ރާއްޖޭގައި އުޅެއެވެ. އެއް ފަސްނުކޮށް, އަދި އެކަށީގެންވާ އާބާދީއެއް ނެތި ތަރައްގީއެއް ނުގެނެވޭނެކަން ސަރުކާރުތަކަށް އެނގުނަސް އެ ބޮޑު ނިންމުން ނިންމަން ނުކެރެނީ އެ މަދު އާބާދީތަކުގެ ވޯޓް ވެސް ސިޔާސީ މީހުން ބޭނުންވާތީއެވެ. މިދިޔަ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު, ދިރިއުޅޭ މީހުންގެ އަދަދު 500 އަށް ނާރާ 32 ރަށް ރާއްޖޭގައި އެބައޮތެވެ. އޭގެ ތެރެއިން ފަސް ރަށަކީ ދިރިއުޅޭ އާބާދީގައި 200 މީހުން ވެސް ހަމަ ނުވާ ރަށްތަކެވެ. އެއީ ވ. ރަކީދޫ އާއި އދ. ދިއްދޫ އާއި މ. ރަތްމަންދޫގެ އިތުރުން ލ. މުންޑޫ އާއި ބ. ފެހެންދުއެވެ. އެ ރަށްރަށުގައި ވެސް ފަސް ކައުންސިލަރުން ތިބެއެވެ. އަސާސީ ބޭނުންތަކަށް މިލިއަނުން ހަރަދު ކުރަން ޖެހެއެވެ. އެއް ފަސްނުކޮށް, ނުވަތަ އާބާދީ ބޮޑެތި ރަށްތަކަށް ފޯކަސް ނުކޮށް ރާއްޖެ ތަރައްގީއެއް ނުކުރެވޭނެކަން އެއީ ޔަގީން ކަމެކެވެ. އެއީ ދުނިޔެ ދައްކާ ހަމައެވެ. ނަމަވެސް އެ ނިންމުން ނިންމަން ނުކެރިގެން މި އުޅެނީ ސިޔާސީ ޕްރެޝަރުތަކުގެ ސަބަބުންނެވެ. އެހެންކަމުން މީގައި އޮތީ ރަނގަޅު ގޮތް ރައްޔިތުން ގަބޫލު ކުރުމެވެ. އާބާދީ ބޮޑު ރަށަކަށް ބަދަލު ވެގެން ދިރިއުޅުމަށް އައި ކުރިއެރުންތައް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަން އެބަހުއްޓެވެ. ކުދި ރަށްރަށުން ބޮޑެތި ރަށްތަކަށް ބަދަލުވެގެން އުފާވެރި ދިރިއުޅުމެއް ހދ. ހަނިމާދޫގަޔާއި ށ. ފުނަދޫގެ އިތުރުން ދ. ކުޑަހުވަދުއާއި ލ. ފޮނަދޫގައި ވެސް އެތައް ބަޔަކު އެބަ އުޅެއެވެ. ގޮތް ދޫނުކޮށް, ކުދިކުދި އާބާދީތަކުގައި ތިބި މީހުންނަށް އަޒީގެ ނަސޭހަތެއް އެބައޮތެވެ. "އަސްލު ފަހި ފުރުސަތު އޮތްތަންތަނަށް ބަދަލުވުން އެއީ މާ ރަނގަޅު ގޮތެއް. މިއަދު އެކަން ކޮށްފިއްޔާ މާދަމާ އެކަން ފެންނާނެ. އުފަން ފަސްގަނޑު ދޫކޮށްލަން ޖެހުމުން ހުންނާނެ އުނދަގޫ ކަމެއް. އެކަމަކު ފަހުން މި ލިބޭ އުފާވެރި ދިރިއުޅުން މާ ވޯތު އެ ހިތާމައަށް ވުރެން, އެ ގުރުބާނީ ވީމަ ފަހުން މާ ސަޅި," ތިން ކުދިންނާއި އަންހެނުންނާއެކު ފޮނަދޫގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އަޒީ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ