މިފްކޯއިން ޔޫކޭގެ ޕްރިންސަސް ގްރޫޕާއެކު މަސް ގަތުމުގެ އެއްބަސްވުމެއް ހަދައިފި
ސަރުކާރުގެ މަސް ކުންފުނި (މިފްކޯ)އިން އިނގިރޭސިވިލާތުގެ ޕްރިންސަސް ގްރޫޕާއެކު، މަސް ގަތުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ޗީޕް އެގްޒެކެޓުވް އޮފިސަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ފަރުހަތު ޝަހީރެވެ. ޕްރިންސަސް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ގްރޫޕުގެ ޕާޗޭސިން އޮފިސަރު ނީލް ބޮހަނަންއެވެ. މިފްކޯއިން ބުނީ، މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގުމުއްދަތުގެ ވިޔަފާރީގެ މުއާމަލާތް ގާއިމްކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. މި މުއާމަލާތުގައި އެއްބަސްވެވޭ މިންގަނޑެއްގެ ތެރެއިން ގަނޑުކުރި ކަނޑުމަހުގެ އިތުރުން ފެލިވަރުގައި ބަންދުކުރެވޭ ދަޅުމަހުގެ ބާވަތްތައް ގަތުން ވެސް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އެއްބަސްވުމުގައި ހިމެނިގެން މަސްގަތުމުގެ މިންގަނޑުތައް އިތުރަށް ހަރުދަނާ ކުރުމަށާއި، ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރާނެއެވެ. އިނގިރޭސި ކުންފުންޏަކާ އެކު މަސްގަތުމުގެ އެއްބަސްވުމެއް ހެދިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތުގައެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު އެ މަނިކުފާނުވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް (ތިންވަނަ)އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރައްވައިފައެވެ. މިފްކޯއިން އިނގިރޭސި ކުންފުންޏަކާއެކު މަސް ގަތުމުގެ އެއްބަސްވުމެއް ހެދިއިރު، ރާއްޖޭގެ މަސް އިނގިރޭސިވިލާތަށް އެތެރެކުރުމުގައި ބޮޑު އިމްޕޯޓު ޓެކުހެއް ދައްކަން ޖެހުމުގެ ދަތި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ