ހިޔާނާތުގެ ފައިސާ ޖަމާވި ސިފައިންގެ ނަވީން މައްޗަށް ދައުވާކުރަން ފޮނުވައިފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމްއެންޑީއެފްގެ އިސް އޮފިސަރެއް ކަމަށްވާ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވާފައިވަނީ ކ. މާލެ، މ. ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ހަ ދައުވާއެއް ކުރުމަށެވެ.އެއީ ރިޝްވަތު ހިފުމުގެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމުގެ ދައުވާއާއި، ވަކި މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި، ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.މި މައްސަލާގައި ދައުލަތަށް ލިބެން ޖެހޭ އެއް ލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާނެ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ."މިއާ އެކު، މި މައްސަލައިގައި ދައުލަތަށް ލިބެން ޖެހޭ 100،000 ޑޮލަރު އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އަށް ވަނީ އަންގާފަ އެވެ،" އޭސީސީން ބުންޏެވެ.އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމްއެންޑީއެފްގެ ވަޒީފާއިން ޒުބައިރު ސަސްޕެންޑްކޮށްފައިވެސް ވެ އެވެ. އެއީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަވީނަކީ 1994 ވަނަ އަހަރުން ފެށިގެން އެމްއެންޑީއެފްގައި ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ އެމްއެމްޕީއާރުސީގެ ތަހުގީގުގައި، ތުހުމަތުކުރެވޭ 338 ފަރާތެއްގެ މައްސަލަ ބަލަން ނިންމާފައި ވާއިރު، މިހާތަނަށް 38 މައްސަލައެއް ވަނީ ނިމިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ