ދަރަނި ރިސްޓްރަކްޗާކޮށްފިނަމަ ބޭރުން ފައިސާ ހޯދަން ދަތިވާނެ: އަމީރު

ދައުލަތުގެ ދަރަނި ރިސްޓްރަކްޗާކުރުމަކީ ބޭރުން ފައިސާ ހޯދުމަށް ދަތިވާނެކަމެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ދައުލަތުން ނަގާފައިވާ ދަރަނި އިންތިހާއަށް ބޮޑުވަމުންދާއިރު، ދަރަނި އަދާކުރަން ދަތިވެދާނެ ފަދަ ހާލަތެއް ކުރިމަތިވުމުގެ ކުރިން ދައުލަތުގެ ދަރަނި ރިސްޓްރަކްޗާކުރުމަކީ މުހިއްމުކަމަކަށްވާތީ ދައުލަތުގެ ދަރަނި ރިސްޓްރަކްޗާކޮށް އަލުން އެކުލަވައިލުމަށް ފިނޭންސް މިނިސްޓްރީން ކުރަނީ ކޮން މަސައްކަތެއްތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ބޮންޑެ ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބުދެއްވަމުން އަމީރު ވިދާޅުވި ގޮތުގައި ދަރަނި ރިސްޓްރަކްޗާކޮށްފިނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވާނެއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓުކުރާ ދެ އެޖެންސީކަމަށްވާ މޫޑީސްއާއި ފިޗްއިން މިހާރުވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ 2018 ވަނަ އަހަރުގައި ހުރި މިންވަރަށްވުރެ ދަށްކޮށްފައެވެ. އެގޮތުން ފިޗުން ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގައި ބުނެފައިވަނީ ރާއްޖޭގެ ރޭޓިންއަކީ "ބީ މައިނަސް" ރޭޓިންއެއް ކަމަށާއި، ރާއްޖޭގެ އިޤުތިޞާދީ ކުރިމަގު ފެންނަނީ ނައްސި (ނެގެޓިވް)ކޮށް ކަމަށެވެ. މޫޑީސްއިން ރާއްޖޭގެ ކުރެޑިޓް ރޭޓިންއެއްކަމަށް ކަނޑައަޅާފައިވަނީ "ސީއޭއޭ"އެވެ. އެއީ އެންމެ ފުރަތަމަ އެ އެޖެންސީން ކަނޑައެޅި ބީ ރޭޓިންއަށްވުރެ ދަށް ރޭޓިންއެކެވެ.
ދަރަނި ރިސްޓްރަކްޗާކުރުމަށް ގޮވައިލައްވައި ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ހަރަކާތުގެ މެންބަރުންނެވެ. އެގޮތުން ދަރަނި ރިސްޓްރަކްޗާކުރަން ގޮވައިލާ ޤަރާރެއް އެ ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲވެސް ހުށަހަޅުއްވާފައިވެއެވެ.
މެންބަރު ބޮންޑެގެ ސުވާލަށް ދެއްވި ޖަވާބުގައި އަމީރު ވިދާޅުވީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި 2021 ވަނަ އަހަރުގެ ނިޔަލަށް ހުރީ 118 އިންސައްތައިގައި ކަމަށެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް އެ ނިސްބަތް ހުންނާނީ 113 އިންސައްތާގައިކަމަށްވެސް އަމީރު ވިދާޅުވިއެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނާނެ މިންވަރު ޖަވާބުގައި ވިދާޅުވި ނަމަވެސް އަމީރުގެ ޖަވާބުގައި ފައިސާގެ އަދަދުން ދަރަނި ހުންނާނެ މިންވަރު ވިދާޅުނުވެއެވެ.
އިތުރަށް އަމީރު ވިދާޅުވީ ދަރަނި ރިސްޓްރަކްޗާކުރުމުގެ ސަބަބުން ކްރެޑިޓް ރޭޓިން ދަށްވުމުން ދަރަންޏަށް ބޭރުން ފައިސާ ހޯދުމަށް ދިވެހި ސަރުކާރަށާއި ވިޔަފާރިތަކަށް ދަތިވާނެ ކަމަށެވެ. އެހެންކަމުން އެންމެ ދަރަނި މެނޭޖުކުރުމަށް އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދު ކުޑަކުރުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ސަރުކާރުން ދަރަންޏާމެދު ގެންގުޅޭ ސިޔާސަތަކީވެސް އެއީކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާޗު މަހުގެ 23 ވަނަ ދުވަހަށް ކުރި ޚަރަދަށްވުރެ މި އަހަރުގެ މި މުއްދަތުގައި ކުރި ޚަރަދު 1.8 ބިލިއަން ރުފިޔާއިންވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ