ރައީސް ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅަން ރައީސް ޞާލިހާއި މަޝްވަރާކުރި: ސަރުކާރު

ރައްޔިތުން މަޖިލީހުގެ ރައީސް, އެމްޑީޕީގެ ރައީސް މުހައްމަދު، މަޖިލީހުގެ ރައީސް ކަމުން ވަކި ކުރަން ހުޅަހަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެކު މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިއުވާން ވިދާޅުވީ އެމްޑީޕީ ޕީޖީގެ ހުރިހާ މެންބަރުންނާއި އެކުވެސް ރައީސް ޞާލިހު މަޝްވަރާ ކުރައްވާ ކަމަށެވެ. އަދި ޕީޖީން ނިންމާ ނިންމުންތަކަކީ ރައީސްގެ މަޝްވަރާއާ އެކު ނިންމާ ނިންމުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓިއާއި އެއްކޮށް ހަމަ ރައީސް ވެސް ވަޑައިގަންނަވާނީ، ރައީސް އާއި އެބޭފުޅުންނާއި މަޝަވަރާވެސް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ތިއްބެވި ހުރިހާ މެންބަރުންނާއިވެސް ރައީސްއާ މަޝްވަރާ ކުރެއްވި. ވާހަކަ ދެެކެވޭ، ގުޅުންވެސް ރަނގަޅު، އެބޭފުޅުންގެ އިތުބާރު ރައިސްއަށް އެބަ އޮތް. އެހެންވީމަ މަޝްވަރާތަކެއް ކުރެވިގެން ކަންކަން ކުރިއަށް ދަނީ." މިއުވާން މިއަދު ވިދާޅުވިއެވެ.
Advertisement
މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮއިއާ އެކު އިއްޔެ ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އަމިއްލަ ބައެއް މެންބަރުން ވެސް ހިމެނެއެވެ. އެއީ؛
1) ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް
2) ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله 
3) ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު 
4) ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު
އަމިއްލަ މެންބަރުން ނަޝީދު ވަކިކުރަން ސޮއި ކުރި އިރު، އެމްޑީޕީ ބައެއް މެންބަރުން އެމަނިކުފާނު ވަކިކުރަން ސޮއި ކޮށްފައެއް ނުވެއެވެ. އެއީ؛ 
1) ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި
2) ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)
3) ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް)
4) ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު 
5) އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ