ފުވައްމުލަކަށް މިވަގުތު އޮތް ހައްލަކީ ކަރަންޓު ބޭނުންކުރާ ނިސްބަތް މަދުކުރުން: ފެނަކަ

ފުވައްމުލަކުގެ ކަރަންޓް ނެޓްވާކް ކޭބަލަކަށް ދިމާވި މައްސަލާގައި، މިވަގުތު އޮތް ހަމައެކަނި ހައްލަކީ އެ ރަށުގައި ކަރަންޓް ބޭނުންކުރާ ނިސްބަތް މަދުކުރުން ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ރޯދަ މަހާ އިއްޔެ ކުރިމަތިލިއިރު ކަރަންޓްގެ ހިދުމަތް މެދުކެނޑެމުންދާތީ ފުވައްމުލަކުގެ ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މައްސަލަ ހައްލުކުރަން ކިހާ ދުވަހެއް ނަގާނެ ކަމެއް ފެނަކައިން މިހާތަނަށް ނުބުނެ އެވެ.
ފެނަކަ ފުވައްމުލަކު ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނީ ނެޓްވާކް ކޭބަލަކަށް ދިމާވި މައްސަލަ ހައްލު ކުރަމުންދާތީ މި ވަގުތު ދޭތެރެދޭތެރެއިން ކަރަންޓް ކަނޑަމުން ދަނީ ދަޑިމަގު، ދިގުވާނޑު، ހޯދަޑު، މާލެ އަވަށުގެ އިތުރުން މާދަޑުން ބަޔަކާއި މިސްކިތް މަގު އަވަށުން ބަޔަކުން ކަމަށެވެ.
ފެނަކަ ފުވައްމުލަކު ބްރާންޗްގެ މެނޭޖަރު އަހުމަދު އަސްލަމް ސޮއި ކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ މައްސަލަ ހައްލު ވަންދެން ކަރަންޓް ބޭނުން ކުރާ މިންވަރު މަދު ކުރުމަށާއި ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ނޫން ތަކެތި ބޭނުން ނުކުރުމަށް އެދިވަޑައިގެންފަ އެވެ.
ފުވައްމުލަކު ކަރަންޓަށް މިދިޔަ ފެބްރުއަރީ މަހު ދިމާވި މައްސަލައެއް ހައްލު ކުރަނީ: ރަށުން މިހާރު ދަނީ ކަރަންޓް ކަނޑަމުން.---ފޮޓޯ: ފެނަކަ
"ކަރަންޓް ބޭނުން ކުރާ ނިސްބަތް ހުރިހާ ފަރާތްތަކުން މަދު ކުރައްވައިފި ނަމަ، ކަރަންޓް ކަނޑާލަން ޖެހޭ ނިސްބަތް ވަރަށް ބޮޑު ތަން މަދުވެގެން ދާނެ ވާހަކަ ވެސް މި ފުރުސަތުގައި ދެންނެވީމެވެ.،" ބަޔާނުގައިވެ އެވެ.
"މިކަމަށް އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ނިހާޔަށް ބޭނުންވާ ވާހަކަ ވެސް މި ފުރުސަތުގައި ދެންނެވީމެވެ."
އެހެން ނަމަވެސް މައްސަލަ ހައްލު ކުރަން ކިހާ ދުވަހެއް ނަގާނެ ކަމަށް ފެނަކަ ފުވައްމުލަކު ބްރާންޗުން ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ