އިޚްލާސްތެރި ކަމުގެ ބަދަލު ދޭން ޖެހޭނީ އިޚްލާސްތެރިންނަށް - މެމްބަރު ހަސަން މުފީދު
އިޚުލާސްތެރި ކަމުގެ ބަދަލު ދޭން ޖެހޭނީ އިޚުލާސްތެރިންނަށްކަމަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ. ތ. ހިރިލަންދޫގައި ޕީޕީއެމް އިން ބޭއްވި ބައްދަލުވުމެއްގައި ހިރިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަަ ދައްކަވަމުން ހަސަން މުފީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އުފާފާގަތިކަން ހޯއްދަވައިދެއްވުމަށްކަމަށެވެ.އަދި އެމަނިކުފާނުގެ އިޚުލާސްތެރިކަން ރައްޔިތުންނަށް މިހާރު ސާފުވެފައިވާކަމަށްވެސް މުފީދު ވިދާޅުވިއެވެ. ވެރިކަން ކުރެއްވި ބޭފުޅުންނަށް އިޝާރާތްކުރައްވާ ވާހަކަ ދައްކަވަމުން ހަސަން މުފީދު ވިދާޅުވީ ކުރީ ޒަމާނުގައި ކަންކަން ހިނގަމުންދިޔަގޮތާއި މިހާރު ކަންތައްތައްވަމުންދާގޮތް ވަރަށް ތަފާތުކަމަަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ކޮށްދެނީ ލުއި ފަސޭހަކަން ހޯދާ ދިނުމަށްކަމަށް ހަސަން މުފީދު ވިދާޅުވިއެވެ. އޭރު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތަކުން މަހުރޫމް ކޮށްފައިވިޔަސް މިސަރުކާރުން ކަންތައްތައް ކުރަނީ އެ އުސޫލުންތޯ ރައްޔިތުންނާ ވަނީ ސުވާލު އުފައްދަވާފައެވެ.އަދި ކުރީ ސަރުކާރުތަކުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުއްވައިގެންކަން ފާހަގަކުރައްވައި، ހަސަން މުފީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ ދަތިތައް ފިލުވާ ދިނުމަށްކަމަށެވެ. އޮޔާދިޔަ ގައުމު ހަމަމަގަށް އަޅުވާދެއްވީ ރައީސް ޔާމީންކަން ފާހަގަކުރައްވައި ހަސަން މުފީދު ވިދާޅުވީ ހުރިހާ ރައްޔިތުން ވަރަށް ފިސާރިކަމާއެކު ހޭލައިގެން ގައުމު އާރާސްތު ކުރުމަށްޓަަކައި މަސައްކަތް ކުރަންވާނެކަމަށެވެ.އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑު ވިދާޅުވެ މެމްބަރު ހަސަން މުފީދު ވިދާޅުވީ ތަރައްގީއަށް ވޯޓު ނުދީ ތިބި ބަޔަކު ރައްޔިތުން ގާތަށް ގޮސް ރަށްތައް ތަރައްގީކޮށްދޭނެ ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަތަކަށް މިއަދު ލަދުގަންނަންޖެހޭނެކަމަށެވެ. އިދިކޮޅު މެޖޯރިޓީ ލީޑަރެއްގެ މަގާމުގައި އިބްރާޙީމް މުހައްމަދު ސޯލިހު ހުންނަވައިގެން ޕީއެސްއައިޕީ ބަޖެޓަށް ވޯޓުނުދެއްވާ ރައްޔިތުން ގާތަަށް ވަޑައިގަތަސް ނޫނެކޭ ރައްޔިތުން ބުނަންޖެހޭ ސަބަބަކީ އެއީކަމަށްވެސް ވިދާޅުވިއެވެ. ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ރައްޔިތުން އަޅުވެތިނުވެ ގައުމު އާރާސްތުވެ، މިނިވަން މުސްތަގިއްލު ބައެއްގެ ގޮތުގައި ދިރިއުޅެވޭނެ މަގެއް ހޯއްދަވައިދެއްވަން ކަމަށް ހަސަން މުފީދު ވިދާޅުވިއެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގައި ކިޔަވާ ކުދިންގެ ނަން ވިދާލީވެސް ރައީސް ޔާމީންގެ ދައުރުގައިކަމަށް ހަސަން މުފީދު ވިދާޅުވިއެވެ. ކިޔަވާ ކުދިން ބޭރުގެ ގައުމުތަކުން ރަން ވަނަތައް ހާސިލް ކޮށްގެން ރާއްޖެ އަންނަނީ ފޮނި އުންމީދުތަކަކާއެކީގައި ކަމަށްވެސް ހަސަން މުފީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ