އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރި ތަނަކުން ހޯދާނެ ކަމަށާއި އެެކަމުގައި ޒިންމާވާން ޖެހޭ މީހުން ޖަވާބުދާރީ ކުރުވާނެކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަނަދޫގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ނިކުތީ ވައްކަމާއި ހިޔާނާތުގެ ހަގީގަތް ހޯދާ ވައްކަމާއި ހިޔާނާތް ހުއްޓުވުމަށް ކަމުގައެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެބޮޑު ވައްކަމުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ މައްސަލައަށް އަލި އަޅުއްވާ ލައްވާ އިބޫ ވިދާޅުވީ އެ ވައްކަމުގެ އަދަދަކީ 1.2 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ އަދަދު ތިން ގުނައަށް އަރާނެ ކަމުގައެވެ.
އައިޖީއެމްއެޗްގެ އާއިމާރާތުގެ މަސައްކަތުގައިވެސް ހިޔާނާތް އެކުލެވިގެން ވާކަމަށް އިޝާރާތްކުރައްވާ އިބޫ ވިދާޅުވީ ވައްކަން ނުކުރިނަމަ 14،000 އާއިލާއަށް ބޯހިޔާވަހިކަން ދެވޭނެ ކަމަށާއި އެއީ ބޯހިޔާވަހިކަމަށް ބޭނުންވާ އާބާދީގެ 80 ޕަސެންޓް ކަމުގައެވެ.
މީގެ އިތުރުން ގެއްލުނު ފައިސާއިން 34 ބަނދަރާއި 15 އެއާޕޯޓް ތަރައްޤީ ކުރެވޭނެކަމަށްވެސް އިބޫވަނީ ވިދާޅުވެފައެވެ.
އިބޫ މިހެން ވިދާޅުވިއިރު ދާދިފަހުން ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންވަނީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމުގެ ގާބިލްކަން އިދިކޮޅު ކޯލިޝަންގައި ނެތްކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނަށް އެކަން ނުކުރެވޭނެކަމަށް ވިދާޅުވެފައެވެ.
މިސާލެއްގެ ގޮތުން ރައީސް ޔާމީން ނެންގެވީ އެމްޑީޕީގެ ވެރިކަމުގައި ރިޔާސީ ކޮމިޝަން އުފައްދައިގެންވެސް އެއްވެސް ފައިސާއެއް ހޯދިފައި ނުވާކަމެވެ. އަދި އެމްޑީޕީ ވެރިކަމަށް އައިއިރުވެސް ތަހުގީގު ނިމިފައިއޮތް އެފްޕީއައިޑީގެ އެއްވެސް ފައިސާއެއް އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ނުހޯދުނުމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެހެން ވިދާޅުވި އިރު މި ވެރިކަމުގެ ފަސް އަހަރު ނިމެންދާއިރުވެސް އެފްޕީއައިޑީގެ މައްސަލައިގެ ފައިސާއެއް އަދި ހޯދިފައެއް ނުވެއެވެ.
އިބޫގެ ރައްދު ރައީސް ޔާމީނަށް، ހިޔާނާތުގެ ފައިސާ ހޯދާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ