ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުން ގެންދާ ހ.ލޮބީ ހުސައިން ހުމާމު އަހުމަދުއަށް ދިފާއީ ގޮތުން ހެކި ހުށަހެޅުމުގެ ފުރުސަތު ދެވެންނެތް ކަމަށް ގާޒީ ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އެމައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެމައްސަލާގައި ދައުލަތުގެ ފަރާތުން ހެކި ހުށަހެޅި ހެކީންގެ ހެކިބަސް މީގެ ކުރިންވެސް ނަގާފައިވާ ކަމަށާއި އަދި މިހާރުވެސް ނަގަމުންދާ ދަނޑިވަޅެއްގައި ހުމާމުއަށް ހެކިހުށަހެޅުމަށް ފުރުސަތު ދެވެން ނެތްކަމަށެވެ. އަދި ކްރިމިނަލް ކޯޓުން އަމަލު ކުރަމުން އަންނަ އުސޫލަކީ ދައުލަތުން ކުރާ ދައުވާ އިއްވުމަށްފަހު އެދައުވާއަށް ދައުވާ ރައްދުވާ ފަރާތް ޖަވާބު ދާރީވުމުން ދައުލަތުގެ ފަރާތުންނާއި ދައުވާ ރައްދުވާ ފަރާތުން ހެކި ހުށަހެޅުން ކަމަށެވެ. ނަމަވެސް ހެކި ހުށަހެޅުމަށް ދެފަރާތަށް ފުރުސަތު ދިން ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމުގައި ހުމާމުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކި ބަސް ނަގަމުންދާ ދަނޑިވަޅެއްގައި އެފުރުސަތު ދެވެން ނެތް ކަމަށެވެ.
ހުމާމުގެ ގާނޫނީ ވަކީލު ވިދާޅުވީ ހެކިހުށަހަޅަން ފުރުސަތު ދެވެންނެތް ކަމަށްވާނަމަ އެމައްސަލަ އިސްތިއުނާފް ކުރަން ބޭނުންކަމަށާއި ލިޔުމުން ދެއްވުމަށް އެދޭކަމަށެވެ. ނަމަވެސް ގާޒީ ވިދާޅުވީ މައްސަލަ ނިމޭއިރު ހުކުމުގެ ބަޔާނުގައި ހިމަނާނެކަމަށާއި މިވަގުތު ދެވެންނެތް ކަމަށެވެ.
އިތުރަށް ހުމާމުގެ ގާނޫނީ ވަކީލު ވިދާޅުވީ ފުލުހުން ޕީޖީއަށް ހުށަހަޅާފައިވަނީ ހުމާމުގެ އެންމެ ބަޔާނެއް ކަމަށާއި ހުމާމުގެ އިތުރު ބަޔާންތައް ފުލުހުންނަށް ދީފައިވާނެ ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ ހުމާމުގެ އިއުތިރާފް ބަޔާނަކީ ހުމާމުއަށް މަޖުބޫރުކޮށްގެން ނަގާފައިވާ ބަޔާނެއް ކަމަށް ހުމާމު ތަކުރާރުކޮށް ބުނާ ކަމަށެވެ. އެހެންކަމުން ފުލުހުންނަށް ދީފައިވާ ބަޔާންތައް ޝަރީއަތަށް ބޭނުންވާ ކަމަށާއި އަދި ފުލުހުން ހުމާމު ހައްޔަރުކުރި ވަގު ސްޓޭޓް ބޭންކް ކައިރީ ހުންނަ ސީސީޓީވީ ފުޓޭޖްތައްވެސް ހޯދޭނީ ފުލުހުންނަށް ކަމަށާއި އެތަކެތި ހޯދާދިނުމަށްވެސް ހުމާމުގެ ގާނޫނީ ވަކީލު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ހުމާމުގެ ނަފްސާނީ ޓެސްޓް ހަދާ ދެވޭނެ ގޮތެއްވެސް ހަމަޖައްސާ ދެއްވުމަށްވެސް ހުމާމުގެ ގާނޫނީ ވަކީލު މިއަދުވެސް ގާޒީ އަރިހުން އެދިވަޑައިގެންނެވިއެވެ.
ހުމާމުގެ ގާނޫނީ ވަކީލުގެ އެދިވަޑައިގަތުންތަކާ ގުޅިގެން މައިގަނޑު ގޮތެއްގައި ގާޒީ ވިދާޅުވީ ދައުވާއިން ދިފާއުވުމަކީ ދައުވާ ރައްދުވާ ފަރާތުގެ ކަމެއްކަމަށާއި ކޯޓުން ކުރެވޭނެ ކަމަކީ ދެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު އަދި ދެފަރާތުގެ ވާހަކަތަކަށް ބެލުމަށްފަހު ގޮތެއް ނިންމުން ކަމަށެވެ. އަދި މައްސަލަ ސާބިތު ކުރުމަށްޓަކައި ހެއްކާއި ގަރީނާ ކޯޓަށް ހުށަހަޅުމަކީ އެފަރާތުން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
ޕީޖީގެ ގާނޫނީ ވަކީލާ ވިދާޅުވީ އެ މައްސަލާގައި ފުލުހުން ޕީޖީއަށް ހުށަހެޅި ހުރިހާ ބަޔާންތަކެއް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް ފުލުހުން ޕީޖީއަށް ނުފޮނުވާ ބަޔާނެއް ނުވަތަ ބަޔާންތަކެއް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ.
މީގެ ކުރިން އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލާގައި ބޭއްވި ހުމާމުގެ ޝަރީއަތުގެ އަޑުއެހުންތަކުގައި އޭނާ ވަނީ އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން ފުރަތަމަ ބޭއްވި އަޑުއެހުމުގައި ހުމާމު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ދެވަނައަށް ބޭއްވި އަޑުއެހުމުގައި ހުމާމު ދައުވާއަށް އިއުތިރާފު ވެފައިވާއިރު ތިންވަނައަށް ބޭއްވި އަޑުއެހުމުގައި ހުމާމު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަށް އިންކާރުކޮށް ގާނޫނީ ވަކީލެއް ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ދައުލަތުން ހެކި ހުށަހަޅާފައިވަނީ ވެސް ހުމާމު ގާނޫނީ ވަކީލަކާ ނުލާ ކުރިއަށް ގެންދިއަ އަޑުއެހުމެއްގައެވެ.
ހެކި ހުށަހެޅުމުގެ ފުރުސަތު ހުމާމަށް ނުދޭން ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ