ޕަބްލިކް ކޮމްޕްލެއިންޓްސް ބިއުރޯގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުގައި ހުއްޓައި 2009 މެއި ހަތަރު ވަނަ ދުވަހު ވަޒީފާއިން ވަކިކޮށްފައިވާ އަބްދުއްލަތީފު މޫސާ ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި ހިލާފަށް ކަމަށް ބުނެ ސިވިލް ކޯޓަށް އޭނާ ހުށަހެޅި މައްސަލަ އެކޯޓުގައި ނުބެލޭނެ ކަމަށް ނިންމައި ބޭރުކޮށްލައިފިއެވެ.
ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އިން އަބްދުއްލަތީފު އޭނާގެ މަގާމުން ވަކިކޮށްފައިވަނީ ގާނޫނާއި ގަވާއިދާ ހިލާފަށްކަމަށްބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އަބްދުއްލަތީފު ދައުވާކޮށްފައިވަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ އެމައްސަލަ ނިމޭ ދުވަހާއި ހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އެންމެހާ އިނާޔަތްތަކާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 450،000 ރުފިޔާ ލިބިދިނުމަށް ސީއެސްސީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
އެދައުވާއާއި ގުޅިގެން ސީއެސްސީގެ ފަރާތުން އިޖުރާއީ ނުކުތާއެއް ހުށަހެޅުނު ކަމަށާއި އެއީ ވަޒީފާއާބެހޭ ގާނޫނުގެ ފަސްވަނަ މާއްދާއަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ ތިންނަވަ މާއްދާއަށާއި ސްޕްރީމް ކޯޓުން 21 މާރޗް 2010 ދުވަހު އާއްމުކޮށްފައިވާ ސިޓީއަށާއި ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަށާއި، ވަޒީފާއާބެހޭ ގާނޫނުގެ 86 ވަމަ މާއްދާގެ (ށ) އަށާއި ސިވިލް ކޯޓުގެ 2012 ވަނަ އަހަރުގެ 72 ނަމްބަރު ގަޒިއްޔާގެ ހުކުމާއި ވަޒީފާއާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ، އަބްދުއްލަތީފު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ އެމައްސަލަ ބެލުމުގެ އިހްތިޞާސް ސިވިލް ކޯޓަށް ލިބިގެންވާ މައްސަލައެއް ނޫންކަމުގައި ސީއެސްސީން ނަގާފައިވާ އިޖުރާއީ ނުކުތާގައި ބުނެފައިވެއެވެ.
ސީއެސްސީން ނެގި އިޖުރާއީ ނުކުތާއާއި ގުޅިގެން އަބްދުއްލަތީފު ވިދާޅުވީ ގާނޫނާއި ގަވާއިދާއި ހިލާފަށް އަބްދުއްލަތީފު ވަޒީފާއިން ވަކިކޮށްފައިވާކަށް ހާމަކަން ބޮޑު ގޮތަކަށް ފެންނަން އެބައޮތްކަމަށާއި ސްޕްރީމް ކޯޓުން އާއްމު ކޮށްފައިވާ ސިޓީގެ އެއްވެސް އިބާރާތެއްގައި ގާނޫނާއި ގަވާއިދާއި ހިލާފަށް މީހަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެމައްސަލައެއް ދަށު ކޯޓަށް ނުބެލޭނެ ކަމުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ ތިންވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅާ ދިއުމުގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމުން އެމައްސަލައަށް ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމަކީ ސްޕްރީމް ކޯޓުން އާއްމުކޮށްފައިވާ ސިޓީއާއި ހިލާފަށް ސިވިލް ކޯޓުން އަމަލުކުރީ ކަމުގައި ބެލެވޭނެ ހާލަތެއް ނޫންކަމުގައި ބުނެ، އަބްދުއްލަތީފު ހުށަހެޅި މައްސަލަ ހުށަހެޅިފައިވާ ދައުވާ ބެލުމުގެ އިހްތިޞާސް ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ކަނޑައަޅައިދިނުމަށް ސީއެސްސީގެ އިޖުރާއީ ނުކުތާއާއި ގުޅިގެން އަބްދުއްލަތީފު ސިވިލް ކޯޓުގައި އެދިފައިވެއެވެ.
"ދައުވާލިބޭ ސިވިލް ސާރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނިންމުމާމެދު ގޮތެއް ކަނޑައަޅުމަށް ބެލިއިރު، އަބްދުއްލަތީފު މޫސާގެ ފަރާތުން ހުށަހަޅާފައިވާ ދައުވާއަކީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅޭ ބާވަތުގެ މައްސަލައަކަށްވާތީއާއި، ވަޒީފާއާބެހޭ ގާނޫނުގެދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ބެލުމަށް އިހްތިޞާޞް ލިބޭ ބާވަތްތަކުގެ މައްސަލަތައް ބެލުމުގެ އިހްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަން ވަޒީފާއާބެހޭ ގާނޫނުގެ ދެ ވަނަ މާއްދާއަށާއި، 84 ވަނަ މާއްދާއަށާއި، 85 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮތަތީ، ސިވިލް ކޯޓުގެ ކޯޓް ނަމްބަރު 760/Cv-c/2013 ޤަޟިއްޔާއިން އަބްދުއްލަތީފު މޫސާގެ ފަރާތުން ހުށަހެހަޅާފައިވާ ދައުވާ ސިވިލް ކޯޓުގައި ބަލައި ކުރިއަށް ގެންދެވޭނެ ތަނެއްނެތްކަމަށް ކަނޑައަޅައި، ހުކުމްކޮށްފީމެވެ." ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.
ކޮމްޕްލެއިންޓްސް ބިއުރޯގެ ޑީޑީޖީ ވަކިިކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ