މި ސަރުކާރުން ފަންސާސް އަހަރަށް ފަޅެއް ވިއްކާލި މައްސަލަ އުމަރު ފެންމަތި ކޮށްފި

މާލެ އަތޮޅު އެނބޫދޫ ފަޅުކައިރީ އޮންނަ ފަޅެއްކަމަށްވާ ފުށިދިއްގަރު ކިޔާ ފަޅެއް އެއްވެސް އެޑްވާސް ފައިސާއެއް ނުހޯދާ އަދި އެއްވެސް ފައިދާއެއްނެތި ސަރުކާރުން ބޭރު ބޭރުބަޔަކަށް 50 އަހަރަށް ކުށްޔަށް ދީފައިވާކަމަށްބުނާ އެއްބަސްވުމެއް ޕީޕީއެމްގެ ކުރީގެ ނާއިބު ލީޑަރު އަދި މިހާރު ޖުމްހޫރީ ކޯލިޝަނާ ގުޅިވަޑައިގެންފައިވާ އުމަރު ނަސީރު ފެންމަތި ކޮށްފިއެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން މިއަދު އެގުޅުމުގެ މައިޖަގަހަ މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވިމުގައި ވާހަކަ ދައްކަމުން އުމަރު ވިދާޅުވީ އެއް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މި 2013 ވަނަ އަހަރުގެ ޖެނުއަރީ 18 ވީ ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ޓްރޭޑާރސް ހޮޓެލްގެ ރޫމެއްގައި ކަމަށާއި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް މަނިކު އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށާއި އަދި ކުންފުނީގެ ވެރިއެއް ކަމަށްވާ ނިއުޒިލޭންޑްގެ ރައްޔިތެއް ކަމަށެވެ. އަދި މިނިސްޓާރު އަދީބު ސޮއިކުރައްވާފައިވަނީ ބޭރު ކުންފުނީގެ ފަރާތުން ހެކިވެރިއެއްގެ ގޮތުގައި ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
"ފުރަތަމަ ކަމަކީ އެ މުއާމަލާތް އެބޭފުޅުން ހިންގަވާފައިވަނީ އެއްވެސް ބިޑް ކުރުމެއް ނެތި. ދެވަނަ ކަމަކަށް، ކެބިނެޓްގަ މަޝްވަރާކޮށް ކެބިނެޓްގެ ހުއްދަ ހޯދައިގެން ވެފައިވާ އެއްބަސްވުމެއްވެސް ނޫން. ތިންވަނަ ކަމަކަށް، ދައުލަތުގެ އެޓާނީ ޖެނެރަލްއަށް ލިޔެ، އެޓާނީ ޖެނެރަލްގެ އެއްވެސް ހުއްދައެއް ހޯދާފައެއްނެތް. ހަތަރު ވަނަ ކަމަކަށް މިއެއްބަސްވުން އެއްބަސްވެ އެއެއްބަވުމުގައި ސޮއިކުރެވުނީ ޓްރޭޑާރސް ހޮޓެލްގަ އެއްރެއެއްގެ ރޭގަނޑު. އެއްބަސްވުމުގައި ސޮއިކޮށްފަ ފިނޭންސް މިނިސްޓްރީގެ ތައްގަނޑު ޖަހަންވެގެން ފިނޭންސް މިނިސްޓްރީ ހުޅުވައިގެން އެތަނުން ތައްގަނޑު ގެނެސް ތަތްގަނޑު ޖަހާފައިވަނީ. ފަސްވަނަ ކަމަކަށް، މިއެއްބަސްވުމުގައި އޮންނަ ގޮތުން މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 18 ޖެނުއަރީ 2013 ގަ. 18 ޖެނުއަރީއަކީ ހުކުރު ދުވަހެއް. އެހެންވީމާ ހުކުރު ދުވަހެއްގައި މިހާމުހިއްމު އެއްބަސްވުމެއްގައި ސޮއިކުރި ކުރުންވެސް މީ އަޅުގަނޑުމެންނަށް މިމައްސަލާއާމެދުގަ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމެއްކަމަށް އަޅުގަނޑުމެންނަށް ދޭހަވާކަމެއް،" އެއްބަސްވުން ކުރިއަށް ގެންގޮސްފައިވާ ގޮތާ ގުޅޭ ގޮތުން ވަރަށް ތަފްސީލްކޮށް އުމަރު ކިޔާދެއްވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އެ އެއްބަސްވުން ސަރުކާރުން އުވާލާ ކަމަށްވަނީ ނަމަ ދައުލަތުން އެ ބޭރު ކުންފުންޏަށް 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގައި ދައުލަތަށް ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
އެ އެއްބަސްވުމުގެ މައްސަލާގައި އުމަރު އެންމެ ބޮޑަށް ތުހުމަތު ކޮށްފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށެވެ. އޭގެ ސަބަބެއް ކަމަށް އުމަރު ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަދީބުއަކީ ޔާމީންގެ "ބޯއީ" އެއް ކަމަށާއި ޓޫރިޒަމް މިނިސްޓަރީ ހިންގަވަނީ ޔާމިން ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު ޖިހާދު އަކީވެސް ޔާމީން ބުނާހާގޮތަކަށް ކަންކަން ކުރައްވަން ހުންނެވި ބޭފުޅެއް ކަމަށާއި ޔާމީންގެ ކެމްޕެއިންއަށް ޖިހާދު ފައިސާ ހަރަދު ކުރައްވަމުން ގެންދަވާކަމަށްވެސް އުމަރު ތުހުމަތު ކުރެއްވިއެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަދީބުއަކީ ޔާމީން ފައިސާ ނަގަން ގެންގެޅޭ "އޭޓީއެމް" އެޝިނެއްކަމަށްވެސް އުމަރު ތުހުމަތު ކުރައްވާ ވިދާޅުވިއެވެ.
އެ އެއްބަސްވުން ވެފައިވަނީ މިއަހަރުގެ ޖެނުއަރީ 18 ދުވަހުކަމަށްވުމުން އަދި އެމައްސަލަ މީގެ ކުރިން ކޮންމެވެސް ވަރަކަށް ސަރުކާރުގެ އިސްވެރިން ފެންމަތި ކޮށްފައިވާ އިރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު އެކަމާ އަޅާނުލައްވާ ހުންނެވީ ކަމަށާއި އެކަމުގައި ރައީސް ވަހީދުގެ އަތެއްވާކަމަށްބުނެ ރައީސް ވަހީދުގެ މައްޗަށްވެސް އުމަރު ވަނީ ތުހުމަތު ކުރައްވާފައެވެ.
ޕީޕީއެމްއާއި ރައީސް ވަހީދުގެ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީއަކަށް ވާއިރު އެ މައްސަލަ ފެންމަތި ކޮށްގެން އުޅުއްވާ ޖުމްހޫރީ ޕާޓީ އަދި ޖުމްހޫރީ ގުޅުމުގެ ޕާޓީތަކަކީވެސް ރައީސް ވަހީދުގެ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ