ރިޔާސީ އިންތިހާބު 2008: ދައުރުގެ މެދުތެރެއިން އިންތިހާބެއް ބާއްވަން އަންނި ނިންމެވުކީ ޒިންމާދާރު ނިންމެވުމެއް: އިއްތިހާދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ކާމިޔާބު ކުރެއްވިއްޖެ ނަމަ އޭނާގެ ސަރުކާރެއްގެ މެދުތެރެއިން އަލުން އިންތިހާބެއް ބާއްވާން ނިންމެވި ނިންމެވުމަކީ ވަރަށް ޒިންމާދާރު ނިންމެވުމަށް ކަމަށް އެމްޑީޕީ އިއްތިހާދުން ބުނެފި އެވެ.
އެމްޑީޕީ އިއްތިހާދުގެ ފަރާތުން ސ. ހިތަދޫގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، ދައުރުގެ މެދުތެރެއިން މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވާނެ ކަމަށް އަންނި ވިދާޅުވީ ރާއްޖޭގައި ރައްޔިތުން އެދޭ ފަދަ ހެޔޮވެރިކަމެއް ގާއިމުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އެބޭފުޅާ އެއްގޮތަކަށް ވެސް ނޫޅުއްވާ ވެރިކަމާ ހެދިއެއް. އެވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން އެގެންދަވަނީ. އެހެންވީމާ ދައުރުގެ މެދުތެރެއިން އަލުން މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފައިދާއެއް،" އަންނިގެ ރަނިން މޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީގެ ނާއިބް ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ނުދެކެން އަންނި އެކުރައްވަނީ ގާނޫނާ ހިލާފު ކުށެއް ކަމަށް ވެސް. އެހެންވީމާ އެފުރުސަތު އެބޭފުޅާ އަށް އޮންނާނެ."
ޑރ. މުސްތަފާ ލުތުފީ އިތުރަށް ވިދާޅުވީ އެމްޑީޕީއާއެކު އިއްތިހާދުވި އެއްވެސް ފަރާތްތަކުން އިންތިހާބެއް ބާއްވަން އެއްވެސް ޕްރެޝަރެއް ކުރިމަތިނުކުރާ ކަމަށާއި އަންނި ބޭނުން ވަނީ ހެޔޮ ވެރިކަމެއް ގާއިމުކޮށް ދިނުން ކަމަށެވެ. އަދި ރައްޔިތުން އޭނާ ހޮވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ވިޔަސް، ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވުމަކީ ސަރުކާރުގެ ހިންގެވުމަށް އަދި މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލް ކުރުމަށް އެއްވެސް ހުރަހެއް ކުރިމަވާނެ ކަމެއް ނޫން ކަމަށެވެ.
އައްޑު އަތޮޅުގައި ވަކިން އޮންނަ ހުޅުމީދު އާއި އަނެއް ހަތަރު ރަށާ ދެމެދު ފާލަމެއް އަޅަން ހިޔާލު ކުރައްވައިފައިވާ ކަމަށް ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެފައި ވާތީ އެމްޑީޕީ އިއްތިހާދުން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އަދި އެއަށް ވުރެ މުހިއްމު އަސާސީ ހިދުމަތްތަކެއް މިއަތޮޅުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.
އެމްޑީޕީ އިއްތިހާދުން ރޭ ވަނީ އައްޑު އަތޮޅުގެ ބައެއް ޓީޗަރުންނާ ބައްދަލުކޮށް އެމީހުންގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ތައުލީމީ ސިޔާސަތުތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ދީފަ އެވެ. މި ބައްދަލުވުމުގައި ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ "އެމްޑީޕީ އިއްތިހާދުގެ ވެރިކަން ވެގެން ދާނީ ޓީޗަރުންނަށް ލިބޭ ވަރަށް ބޮޑު ނަސީބަކަށް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ