ހޮރައިޒަން ފިޝަރީޒަށް "ނޯ އޮބްޖެކްޝަން ލެޓާ" ދޭންޖެހޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ހޮރައިޒަން ފިޝަރީޒަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ދޭން ނިންމި 20 މިލިއަން ޑޮލަރުގެ ލޯނު ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ "ނޯ އޮބްޖެކްޝަން ލެޓާ" ހަތް ދުވަހުގެ ތެރޭގައި ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
"ނޯ އޮބްޖެކްޝަން ލެޓާ" ހޯދުމަށްޓަކައި ހޮރައިޒަން ފިޝަރީޒުން ހުށަހެޅުމުން ސަރުކާރުން އެ ސިޓީ ދީފައި ނުވާތީ އެ ކުންފުނިން ފިޝަރީޒް މިނިސްޓްރީއާ ދެކޮޅަށް ހުށަހަޅާފައިވާ އަވަސް ނިޔާގެ މައްސަލައިގެ ހުކުމް މިއަދު ހަވީރު އިއްވަމުން ގާޒީ އަލީ ނަސީރު ވިދާޅުވީ އެ ސިޓީ ހިފަހައްޓާފައި ވަނީ ގާނޫނީ އެއްވެސް ސަބަބެއް އޮވެގެން ކަމަށް ޝަރީއަތަށް ސާބިތުވާ ފަދަ ކާފީ ހެއްކެއް ދައުވާ ލިބޭ ފަރާތަށް ދެއްކިފައި ނެތް ކަމަށެވެ. އެހެންވެ "ނޯ އޮބްޖެކްޝަން ލެޓާ" ހަތް ދުވަހުގެ ތެރޭގައި ދޭން ޖެހޭ ކަމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމް ކުރީ އެވެ.
މީގެ އިތުރުން ގާޒީ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އާއި ހޮރައިޒަން ފިޝަރީޒާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުނި ތަރައްގީ ކުރުމަށް ބޭނުންވާ ކަންތައްތަކަށް ހޯދަންޖެހޭ ލިޔެކިޔުންތައް ދިނުން އެ މިނިސްޓްރީއަށް ލާޒިމް ކަމަށެވެ.
ސިވިލް ކޯޓުން މި ގޮތަށް ހުކުމް ކުރިއިރު އައިޑީބީގެ ލޯން ހޮރައިޒަން ފިޝަރީޒަށް ދިނުމުގެ އެއްބަސްވުމުގައި މި މަހުގެ 9 ގައި ވަނީ ސޮއިކޮށްފަ އެވެ. އެހެން ނަމަވެސް ގާސިމް މިއަދު ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ "ނޯ އޮބްޖެކްޝަން ލެޓާ" އައިޑީބީއަށް ހުށަނާޅައިފިނަމަ އެއްބަސްވުން ކެންސަލްވެ ލޯނު ހޯދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމަށް ފަހު ގާސިމް މިއަދު "ހަވީރަ" ށް ވިދާޅުވީ "ނޯ އޮބްޖެކްޝަން ލެޓާ" ހޯދުމަށް ސަރުކާރުގައި "އާދޭސް ދަންނަވާތާ" 10 ވަރަކަށް މަސް ވެއްޖެ ކަމަށެވެ.
"ފިޝަރީޒް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅާއަށް ވެސް އެތައް ފަހަރު ދަންނަވައިފިން. އަނެއްކާ ރައީސުލްޖުމްހޫރިއްޔާއަށް އަނގަ ބަހުން ވެސް ދެންނެވިން. އެކަމަކު އެތައް މަހެއް ވެގެން ދިޔައީ ނޯ އޮބްޖެކްޝަން ލެޓާ ނުދެއްވައި،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. "މި ނޯ އޮބްޖެކްޝަން ލެޓާ ނުލިބިގެން އަޅުގަނޑުމެންނަށް އައިޑީބީގެ ލޯނު ހޯދުމަށް ތާށިވެ މިލިއަނެއްހާ ޑޮލަރުގެ ގެއްލުން ވެއްޖެ. މި ޒާތީ ފިތުނައެއްގެ ތެރޭގައި ސަރުކާރުން އަޅުގަނޑަށް ކުރިމަތިކުރުވި ބޮޑު ގެއްލުމެއް މީ. ވަރަށް ބޮޑު އަނިޔާއެއް މީ."
އޭނާ ވިދާޅުވީ އައިޑީބީގެ ލޯން ލިބުން ދަތިވުމުން މަސްވެރިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދެވޭކަން ވެސް ގާސިމް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން ގެނެސްފައި ހުރި ބައެއް ސާމާނުތައް ހަލާކުވެގެން ވެސް ހިނގައްޖެ. އެއީ ވެސް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން. އަޅުގަނޑުމެން އަތުގައި ކެޕިޓަލެއް ނެތިގެން މަސައްކަތް ފަށައިގަނެވޭނެ ގޮތެއް ނުވެގެން ދިޔައީ. މި ލޯނު ލިބުމުން އެބައި ފޫބެއްދެން އޮތީ. އެ މަސައްކަތް އަޅުގަނޑުމެން މި ކުރީ،" ގާސިމް ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ގާސިމް ވިދާޅުވީ އެ ހުކުމުން އެނގިގެން ދަނީ އަދުލު އިންސާފު ދާއިރާގެ މިނިވަންކަން ކަމަށާއި އެންމެންނާ މެދު ހަމަހަމަކޮށް ކަންތައް ކުރާނެ ކަމުގެ ޔަގީންކަން ކަމަށެވެ.
"ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު އުފާކުރަން މިއަދު އަދުލު އިންސާފުގެ ދާއިރާ މިނިވަން ވެފައިވާ މިންވަރާ މެދު. އެ ދާއިރާއަކީ މީހުންނަށް ގަބޫލު ކުރެވޭ ދާއިރާއަކަށް ވާ ކަމުގެ ޔަގީންކަން މި ހުކުމުން މި އެނގިގެން ދަނީ. އިންސާފުން އެއްކިބާވެ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ ލިބޭ،" ގާސިމް ވިދާޅުވި އެވެ.
އެކި ގައުމުތަކުގެ އަމިއްލަ ދާއިރާތައް ތަރައްގީ ކުރުމަށްޓަކައި އައިޑީބީގައި އުފައްދާފައިވާ ބްރާންޗް، ދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) ން ހޮރައިޒަނަށް ދޭން ނިންމި 20 މިލިއަން ޑޮލަރަކީ ރާއްޖޭގެ އަމިއްލަ ބަޔަކަށް އެ ޖަމާއަތުން ދޭ އެންމެ ބޮޑު ލޯނު ކަމަށް އެ ފަރާތުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ