ގައްދޫ ބިންހިއްކާ ގޮތާ މެދު ހިތްހަމަނުޖެހިގެން މަސައްކަތް ހުއްޓުވާލައި އަތޮޅުވެރިން ފުރާވަޑައިގަތަނުދެއްވާ ހިފަހައްޓައިފި

ގދ. ގައްދޫ ބިން ހިއްކާ ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވާލައި، އެ މައްސަލަ ހައްލުކުރައްވަން އެ ރަށަށް ވަޑައިގެންނެވި އަތޮޅުވެރިޔާ ރަށުން ފުރައިވަޑައިގަތަނުދީ އެ ރަށުގައި މިއަދު ހިފަހައްޓައިފި އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މައްސަލަ ގޯސްވުމަށް މެދުވެރިވީ މީގެ ކުރިން ބިންހިއްކުމަށް ރައްޔިތުން އެއްބަސްވެގެން ހަދާފައިވާ ޕްލޭނާ ހިލާފަށް މަސައްކަތް ފަށަން އުޅުމުން އެކަން ހުއްޓުވާފައި އޮއްވައި މިއަދު މަސައްކަތް ފަށަން އުޅުމުން ކަމަށެވެ.
"އެމްޓީސީސީންނާއި ޕްލޭނިން މިނިސްޓްރީގެ މީހުން އައިސް ކަޑަޖަހަން ފެށީ ކުރީގައި ބުނެފައިވާ ގޮތާ ހިލާފަށް. އެ މައްސަލަ ޖެހިގެން އަތޮޅުވެރިން ވަޑައިގެން ރަށުގެ ހުޅަނގު ފަރާތް ހިއްކާ ގޮތަށް ހެދުމުން ވެސް ރައްޔިތުން ހިތްހަމަނުޖެހިގެން އުޅެނީ. އެހެންވެ ވާނުވާ ބެލުމަށް ފަހު ނޫނީ މިއަދު މަސައްކަތް ނުފަށާށޭ ކިޔާފައި ރޭގައި ވެސް އޮތީ،" އެރަށު ފޯނު ބޫތުން ވާހަކަ ދެއްކި މީހަކު މިއަދު ބުންޏެވެ.
އޭނާ ބުނީ ރައްޔިތުން މަސައްކަތު ދިޔަ ފަހުން މަސައްކަތް ފަށަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކައިރީގައި އޮންނަ ގަމަށް މަސައްކަތު ދިޔަ މީހުންނާއި މަސްވެރިކަމު ފުރި މީހުން ވެސް އެނބުރި ރަށަށް އައިސް، ފަޅުކޮނުމުގެ މަސައްކަތް ހުއްޓުވީ ކަމަށެވެ.
ގދ. އަތޮޅުވެރިކަމާ އަލަށް ހަވާލުވެވަޑައިގެންފައިވާ އަލީ ޝަރީފު އެ މައްސަލާގައި އިއްޔެ ގައްދު އަށް ވަޑައިގެންނެވުމުން އޭނާ މިހާރު ވަނީ އެ ރަށުން ފުރާވަޑައިގަތަނުދީ ރައްޔިތުން ހިފަހައްޓައިފަ އެވެ. އަތޮޅުވެރިން މިހާރު ހުންނެވި ކަމަށް ވަނީ އެ ރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުގަ އެވެ.
ފުލުހުންގެ މަރުކަޒު ދޮށަށް ވެސް ވަނީ މިއަދު ގިނަ އަދަދެއްގެ ބަޔަކު އެއްވެފަ އެވެ.
އާބާދީގައި 000` 3 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ރަށުގެ ރައްޔިތުން އެއްވެ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު ގައްދޫގައި ތިބި ފުލުހުންނާއި ސިފައިން ވެސް ވަނީ ރައްޔިތުން އެއްވެފައިވާ ސަރަހައްދަށް ނުކުމެފަ އެވެ. އެ މީހުން މަދުވުމުގެ ސަބަބުން އަތޮޅުގެ ވެރިރަށް ތިނަދު އާއި ކާޑެއްދޫގައި ތިބި ފުލުހުންނާއި ސިފައިން ވެސް ގައްދު އަށް އަންނާތީ އެ ރަށުގެ ނެރުމަތީގައި ހުރަހަށް ވާދަމާ ހަދާފައިވާ ކަމަށް ވެސް ވެ އެވެ. އަދި ގައްދޫ އޮފީހުގެ ދޮރު ނުހުޅުވޭ ގޮތަށް ފަތިގަނޑެއް އަޅައި މޮހޮރު ޖަހާފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަތޮޅުވެރިން ހިފަހައްޓައިގެން އުޅެނީ ރައްޔިތުންގެ ދެ ސުވާލަކަށް ޖަވާބު ނުދެއްވިގެން ކަމަށެވެ.
"ރައްޔިތުން ހުށަހަޅަނީ ރައްޔިތުން އެދޭ ގޮތަށް ބިން ހިއްކޭނެތޯ ނުވަތަ ނޫންތޯ؟ ކޮންމެ ވެސް ޖަވާބެއް ދެއްވުމަށް ފަހު ވަޑައިގަންނަވާށޭ ރައްޔިތުން ދަންނަވަނީ. ޖަވާބެއް ނުދެއްވާ ފުރައިވަޑައިނުގަނެވޭނެޔޭ ރައްޔިތުން ކިޔަނީ،" ނޫހުގައި ނަންޖެހުމަށް ބޭނުއްވާ އެ ރަށުގެ ޒުވާނަކު ބުންޏެވެ.
އޭނާ ބުނީ ރަށުގެ 400 އަށް ވުރެ ގިނަ މީހުން އަތިރިމައްޗަށް ނުކުމެ ހިމޭން ކަމާ އެކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ނޫނީ ބިންހިއްކުން ކުރިއަށް ނުގެންދިއުމަށް ގޮވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ގައްދޫ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫނީ ގައްދޫ ބިމެއް ނުހިއްކޭނެ،" އެ ރަށު ފޯނު ބޫތުން ވާހަކަ ދެއްކި އަންހެނަކު މެންދުރު ބުންޏެވެ.
އޭނާ ބުނީ އެ ނޫން ގޮތަކަށް ބިން ހިއްކިޔަނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ރައްޔިތުން ތިބީ ތައްޔާރަށް ކަމަށެވެ.
ގައްދޫގައި ހަމަނުޖެހުން ހިނގައިގެން އުޅޭ ސަބަބަކީ ކޮބައިތޯ ދެންނެވުމުން އަތޮޅުވެރިޔާ އަލީ ޝަރީފު މިއަދު ވިދާޅުވީ "ވާހަކަ ދައްކާނީ ފަހުން" ކަމަށެވެ.
ގައްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށަން އުޅުނީ ރައްޔިތުން އެދިފައިވާ ސަރަހައްދުގެ 10 ޕަސެންޓް ވަރުގެ ސަރަހައްދެއްގައި ކަމަށް ވެ އެވެ.
އެ ރަށުން ބިން ފުރިފައިވުމުން ގޯތިދޫނުކުރާތާ މިހާރު ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށް ރަށު އޮފީހުން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ކޯސްޓްގާޑުގައި ގައްދު އަށް ދިޔަ ސިފައިންގެ ތެރެއިން އެ ރަށަށް ފޭބުނީ 10 މީހުންނަށް ކަމަށާއި އެހެން މީހުން ތިބީ ކޯސްޓްގާޑު ލޯންޗުގައި ފަޅުތެރޭގައި ކަމަށް ވެ އެވެ. ރައްޔިތުން ތިބީ އެއްގަމު ތޮށިމައްޗަށް ނުކުމެ ފާރެއްހެން އެތުރިގެން ކަމަށާއި ކޯސްޓްގާޑު ދިއުމުން ރައްޔިތުން ފުރަތަމަ ބުނިކަމަށް ވަނީ އެއްވެސް މީހަކަށް އެ ރަށަށް ނޭރޭނެ ކަމަށެވެ.
"އެހެންވެ ކޯސްޓް ގާޑުން އެދިގެން ދެތިން މީހަކު ލޯންޗަށް ގޮސް ވާހަކަ ދެއްކުމަށް ފަހު 10 މީހަކު ރަށަށް އަރަން އެއްބަސްވީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ސިފައިންނާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ސިފައިން ބުނަމުންދަނީ އެއްވެސް މީހަކު ހައްޔަރުކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކަމަށް ވެސް ސިފައިންނާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މިއަދު މެންދުރުފަހު ނޫސް ޗާޕަށް ދިޔައިރު ވެސް އެ މައްސަލަ އަށް ހައްލެއް ނާދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ