ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް (އިބްރާ) ސުޕްރީމް ކޯޓާ ދެކޮޅަށް ހުށަހެޅި އަބުރުގެ ދައުވާ ސިވިލް ކޯޓުން ބަލައިގެންފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ކޯޓުން ބަލައިގަނެ މިދިޔަ ހަފުތާގެ ބުދަދުވަހު އެ ކޯޓުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތާ ދެކޮޅަށް އިބްރާ އަބުރުގެ ދައުވާ ކުރައްވާފައި ވަނީ އޭނާ މިދިޔަ ސެޕްޓެމްބަރު ،2 ގައި ކ. ތުލުސްދޫގައި ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކަކަށް ސުޕްރީމް ކޯޓުން ދިން ރައްދަކާ ގުޅިގެންނެވެ.
ތުލުސްދޫ ޖަލްސާގައި އިބްރާ ވިދާޅުވެފައި ވަނީ ފަނޑިޔާރުން ހުކުމްކުރައްވަމުން ގެންދަވަނީ ހިތުހުރި ގޮތަކަށް ކަމަށާއި އެ ބޭފުޅުން މައިތިރިކުރެވޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ. އިބްރާ އަށް ރައްދު ދީ ސުޕްރީމް ކޯޓުން ސެޕްޓެމްބަރު ،5 ގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިބްރާ ދެއްކެވި ވާހަކަތަކަކީ ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓުމަށް މަގުފަހިކޮށްދޭ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ކޯޓުތަކާއި ފަނޑިޔާރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައިސިއްޔަތާއި ގަދަރަށް އިހާނާތްތެރިކަން ރައްދުވާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ ފަހުން ސެޕްޓެމްބަރު ،29 ގައި އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވެސް އިބްރާ ވަނީ ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެފަ އެވެ. އެ ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ނިންމުންތަކަށް އެއްޗެއް ބުނުމުން ސުޕްރީމް ކޯޓުން އެކަމާ ދެކޮޅަށް ނުކުތުމަކީ މޭކަރާނެ ކަމެއް ނޫން ކަމަށެވެ.
އިބްރާ ސުޕްރީމް ކޯޓާ ދެކޮޅަށް ހުށަހެޅި ދައުވާ ދަށު ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ