ޖޭއެސްސީ ވަކީލަށް ފުރުސަތު ދިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

ދަށު ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ވަޑައިގެންނެވި ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އަބްދުއްފައްތާހަށް ވަކާލާތު ކުރެއްވުމުގެ ފުރުސަތު ހައި ކޯޓުން ދިނުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދަކީ ވެސް އެ މައްސަލައިގައި ދައުވާ ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ދައުވާގައި ބުނަނީ ފަނޑިޔާރުން އައްޔަން ކުރުމަށް ޖޭއެސްސީން ހަދާފައިވާ ގަވާއިދާއި ގެންގުޅޭ އުސޫލުގެ ދަށުން ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް ކަމެއް ކަމަށެވެ.
ހައި ކޯޓުގައި އިއްޔެ އެ މައްސަލައިގައި ބޭއްވި އަޑުއެހުން ފެށުމާއެކު ސުއޫދު ވަނީ ފައްތާހުގެ މައްސަލަ އިޖްރާއީ ގޮތުން ނަންގަވައިފަ އެވެ. އަދި އެ މައްސަލައިގައި އޭނާގެ އަމިއްލަ މަސްލަހަތާއި ކޮމިޝަނުގެ މަސްލަހަތު ފުށުއަރާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. ނަމަވެސް ހައި ކޯޓު ބެންޗުން ނިންމަވާފައި ވަނީ އެ މައްސަލައިގައި ފައްތާހަށް ވަކާލާތު ކުރެއްވޭނެ ކަމަށެވެ.
ކުރިމަތިލެއްވި އެހެން ކެންޑިޑޭޓުންނަށް ލިބިފައިނުވާ ގިނަ މައުލޫމާތުތަކެއް ފައްތާހަށް ލިބިފައިވާ ކަމަށާއި ޝަރީއަތުގައި އޭނާ އެ ވާހަކަތައް ދައްކައިވައިފި ކަމަށް ސުއޫދު ފަހުން ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ވެސް ބޮޑު މައްސަލައެއް ކަމަށެވެ.
"ފައްތާހަށް ވަކާލާތު ކުރެއްވުމުގެ ފުރުސަތު ދެއްވި މައްސަލަ އަޅުގަނޑުމެން ސުޕްރީމް ހުށަހެޅުމަށް ތައްޔާރުވަމުން މި ދަނީ މިހާރު،" ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ