އެޑިއުކޭޝަނުގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުމުން ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ

އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން މަންދު ކޮލެޖުގެ ފަރުނީޗަރުތަކެއް ގެއްލުނު މައްސަލާގައި މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 400،000 އަށް ވުރެ ގިނަ ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަންދު ކޮލެޖަށް ދޭން ޖެހިއްޖެއެވެ. 
 ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ވަގުތީ ގޮތުން އަރަބިއްޔާގެ ދަރިވަރުން މަންދުކޮލެޖު ކުރިން ހިންގި އިމާރާތަށް 2013 ވަނަ އަހަރު ބަދަލު ކުރި އިރު، މަންދުކޮލެޖުގެ މިލްކިއްޔާތުގައި ހިމެނޭ ފަރުނީޗަރުތައް އަނބުރާ ހަވާލު ކުރާ ގޮތަށް އެއްބަސްވެ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިޔަ އެ ފަރުނީޗަރުތަކަށް ވީނުވީ އެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ މަންދު ކޮލެޖުން އެތަކެތީގެ އަގު ހޯދުމަށް އެދި 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެޑިއުކޭޝަނަށް އިންވޮއިސް އެއް ފޮނުވާފައިވާ ކަމަށް ސިވިލް ކޯޓުގެ ހުމުގައި ފާހަގަ ކޮށްފައިވެއެވެ. 
 އެކަމާ ގުޅިގެން އެޑިއުކޭޝަނުން މަންދު ކޮލެޖުން ފޮނުވި އިންވޮއިސްގައި 519 ޑެސްކާއި 148 ގޮނޑި އާއި ހަތް މޭޒުގެ ބަދަލުގައި އެ އަދަދަށް ފަރުނީޗަރު ދޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައިވާކަން ސިވިލް ކޯޓުގެ ހުމުގައި ވަނީ ފާހަގަ ކޮށްފައެވެ. 
ނަމަވެސް މިހާތަނަށް ވެސް އެ ފަރުނީޗަރުތައް މަންދުކޮލެޖާ ހަވާލުކޮށްފައި ނުވާތީ އެތަކެތީގެ އަގަށް އަރާ 451،189 ރުފިޔާ ހޯދުމަށް މަންދު ކޮލެޖު ހިންގާ މާލެހައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.
މައްސަލަ ބެލުމަށްފަހު މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ސިވިލް ކޯޓުން  ކުރި ހުކުމުގައި ބުނެފައި ވަނީ، އެ ފައިސާއަކީ މާލެހައި ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. 
 އެހެން ކަމުން އެ ފައިސާ ހުކުމް ކުރި ތާރީހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް އެ ހުކުމުގައި ބުނެފައިވެ އެވެ. ނަމަވެސް  ޖޫރިމަނާގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވެން ނެތް ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ