ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރި ނަމަ ލާއިންސާނީ ތަޅާފޮޅުމެއް ހިނގާ ބަޔަކު ގަތުލުކުރުމާ ހަމައަށް ދިޔައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އަމުރުކުރި ނުވަ ބޭފުޅުން ދޫކޮށްލުމުގެ ގޮތުން އަމުރު ތަންފީޒުކުރިނަމަ އިދިކޮޅު މީހުން މަގުމައްޗަށް ނިކުންނަ ފަދައިން އެމަނިކުފާނަށް ތާއީދުކުރާ މީހުންވެސް މަގުމައްޗަށް ނިކުންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެގޮތަށް ދެ ފަރާތުން މަގުމައްޗަށް ނިކުމެއްޖެނަމަ ލާ އިންސާނީ ތަޅާފޮޅުމަކަށް އެކަން ބަދަލުވެ ބަޔަކު ގަތުލުވާ ހިސާބަށް ކަންކަން ގޯސްވެގެން ދިޔައީސް ކަމަށެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކުރުމުން ސުޕްރީމް ކޯޓުން ދެން މަސައްކަތް ކުރީ އެމަނިކުފާނާއި ދައުލަތުގެ ބައެއް އިސްވެރިން މަގާމުން ދުރުކުރާށެވެ. އެގޮތުން އެމަނިކުފާނު މަގާމުން އަޒުލުކުރުމަށާއި ބަންޑާރަނައިބް މުހައްމަދު އަނިލް މަގާމުން ދުރުކުރަން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މަސައްކަތް ކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެ މައްސަަލައިގެ ގޮތެއް ނުނިންމުނީ ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން އެމަނިކުފާނު މަގާމުން ދުރުކުރުމަކީ ވެސް އެމަނިކުފާނަށް ތާއީދުކުރާ މީހުން ގަބޫލުކުރާނެ ނިންމުމަކަށް ނުވާނެ ކަމަށެވެ. އެހެންކަމުން އެފަދަ ހުކުމެއް ކުރި ނަމަވެސް ބަޔަކު މަގުމައްޗަށް ނިކުމެ ހިންގާ ކަމެއްގެ ސަބަބުން ލޭއޮހޮރުވުމަކީ ވެދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރެން އުޅުނު އަމުރަށްފަހު ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް މަގާމުން ވަކިކުރުމަށް އެމަނިކުފާނު ނިންމެވުމާ ގުޅިގެން
އަރީފް އެ މަގާމުން ވަކިނުކުރެވޭނެ ގޮތް ހެދުމަށްވެސް ސުޕްރީމް ކޯޓުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ސީޕީގެ މަގާމަށް ބޭފުޅުން އައްޔަންކުރުމާ ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމަށްވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނެރުނު ވަރުގަދަ އަމުރަކީ އެ އަމުރު ނެރޭކަން ކުރިން ބަޔަކަށް އެނގިފައިވާ އަމުރެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެގޮތަށް ކަންކަން ދިމާވީމާ ސުޕްރީމް ކޯޓުގެ އަމުރުތަކަށް ފާޑު ކިޔާނެ ކަމަށެވެ. މިހާރު މިއުޅެނީ ނިޒާމުގައި އުޅޭ މައްސަލައެއް ނޫން ކަމަށާއި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމާނާތްތެރިކަމާ އަހްލާގުގައި އުޅޭ މައްސަލައެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރިނަމަ ބަޔަކު ގަތުލުކުުރުމާ ހަމައަށް ދިޔައީސް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ