ރައީސް މައުމޫން ޝަރީއަތް މިއަދުވެސް ކެންސަލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ކުރިއަށް ގެންދަން ނިންމާފައި އޮތީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
ރައީސް މައުމޫންގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ފުލުހުންގެ ތަހުގީގަށް އެމަނިކުފާގެ ފޯން ހަވާލުކުރައްވާފައި ނުވާ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 11:00 ޖެހިއިރު އެވެ. ރައީސް މައުމޫންގެ މިއަދުގެ ޝަރީއަތް ކެންސަލްކޮށްފައިވީ ނަމަވެސް ކެންސަލް ކުރި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް މިމަހުގެ 22 ވަނަ ދުވަހު ނިންމާލާފައިވާތީ މިއަދުގެ އަޑުއެހުމަކީ މައްސަލައިގެ އަޑުއެހުންތައް ފެށުމަށްޓަކައި ތާވަލްކުރެވުނު ޝަރީއަތުގެ މަޖިލީހެކެވެ.
މިމަހުގެ 22 ވަނަ ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ 12 ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބް ބަލައިގެންފައެއް ނުވެ އެވެ.
ރައީސް މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށްވެސް ދައުލަތުން ވަނީ މިދައުވާ އުފުލާފަ އެވެ.
ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް އަލުން ފަށާފައި މިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވެ، ފާއިތުވި ދެ ހަފްތާގައި އެމަނިކުފާނުގެ އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެންދެވި ކެންސަލްކޮށްފައި ވަނިކޮށެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެ މިމަހުގެ ތެރޭގައި ވަނީ މާލެ ގެނެސް ވިޝަން އޮޕްޓިކަލް ކްލިނިކާއި އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކާ ފަރުވާ ދީފަ އެވެ.
ރައީސް މައުމޫނަކީ ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ ނުވަތަ އަނބުރާ ގޮތްވުމުގެ ބަލި ތަހައްމަލު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާ އެކަމުގެ ސަަބަބުން ވަރަށް ގިނަ އުދަނގޫތައް އެމަނިކުފާނަށް ކުރިމަތިވެވަޑައިގަންނަވަމުން ގެންދަވާ ކަމަށް ރައީސް މައުމޫންގެ އާއިލާ އިން ގެންދަނީ ބުނަމުންނެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ރަމަޟާން މަހަށް އެކަނި ނަމަވެސް ގެއަށް ބަދަލުކޮށްދިނުމަށް އާއިލާ އިން ވަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގައި އެދިފަ އެވެ. ނަމަވެސް އާއިލާ އިން އެދިފައިވާ ގޮތަށް އެކަން މުއައްސަސާތަކުން ކޮށްދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ