މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަންކުރުމަށް: މައުމޫން

މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ 2018 ވަނަ އަހަރު ފެށުމުގެ ގޮތުން މިއަދު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ ނެރުއްވި އާ އަހަރުގެ ހިތޯބުގަ އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ މި ހިތޯބުގައި ރައީސް މައުމޫން ވިދާޅުވީ މި ފެށުނު އާ އަހަރަށްޓަކައި، ދިވެހި ރައްޔިތުންގެ ހައްގުގައި ހިތްތަކުގައި ފަރިވެ ފޮޅެމުންދާ އުއްމީދުތައް ކުލަގަދަވެފައި މުހިންމު ކަމަށެވެ. މިމަތިވެރި އުންމީދުތައް ހާސިލްކުރުމަށް މަސައްކަތްކުރުމަކީ އިސްލާމްދީން ދެކެ ލޯބިވާ، ގައުމަށް ހެޔޮއެދޭ ވަފާތެރި އެންމެހާ ދިވެހި ރައްޔިތުންގެ ވާޖިބަކަށް ވާނެ ކަމާމެދަކު ޝައްކެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހި ގައުމު މިއަދު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި ކަމަށެވެ. އެއްކޮޅުން ފެންނަނީ ނާމާންކަމާއި، ބިރުވެރިކަމާއި، ނާއުންމީދުގެ ކަޅުއަނދިރި ކަމަށާއި އަނެއްކޮޅުން ފެންނަނީ އަމާންކަމާއި، ހިތްހަމަޖެހުމާއި، ކުރިއެރުމާއި، ބާއްޖަވެރިކަމުގެ އަލިގަދަ ނޫރު ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ނިމިގެން ދިޔަ 2017 ވަނަ އަހަރަކީ ދިވެހި ރައްޔިތުންނަށް ވަރަށް ގިނަ ދަތިތަކާއި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއް ކަމަށެވެ. އަދަދުނުކުރެވޭހާ ގިނަ ފަރުދުންނާއި މުޅި ގައުމު ހިތްދަތި ދުވަސްތަކެއް މިދިޔަ އަހަރުގެ ތެރޭގައި ވޭތުކުރަން ޖެހުނު ކަމުގައިވެސް ވިދާޅުވި އެވެ.
އޭގެ ކުރީގެ ދެތިން އަހަރަކުއްސުރެ ފެށިގެން އައި ވައްކަމާއި، ކޮރަޕްޝަނާއި، ހިޔާނާތުގެ އަމަލުތައް އިތުރަށް ފުޅާވެ މުޅި ގައުމު ފަސާދައިގެ ހާއްޔަކަށް ވެގެންދިޔަ އަހަރެކެވެ. ގާނޫނު އަސާސީއާއި ގާނޫނުތައް މުގުރާލެވި ރައްޔިތުންގެ ހުރުމަތްތެރިކަން ލިބިގެންވާ ރައްޔިތުންގެ މަޖިލިސް ހިސޯރުކުރެވި، ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންތަކެއްގެ ގާނޫނީ ހިމާޔަތް އުވާލެވި، އަނިޔާވެރިކަމާއެކު ދައުލަތުގެ އެކި މުއައްސަސާތަކަށް ދަމާކޫއްތާފައި ގެންދެވުނު ހިތާމަވެރި މަންޒަރުތައް ފެނިގެންދިޔަ އަހަރެކެވެ.،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވެފައިވެ އެވެެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފަށް ވެރިކަމުގެ ނިޒާމު ހުދުމުޚްތާރު ވެރިކަމަކަށް ބަދަލުވެގެންދާތަން ބެލުމަށް ދިވެހި ލޯތައް ނުކުޅެދިގެންދިޔަ މަންޒަރު ފެނިގެން ދިޔަ އަހަރެއް ކަމަށެވެ. މިވޭތުވެދިޔަ ދެތިން އަހަރު ދިވެހި ވެރިކަން ވަނީ ޑިމޮކްރަސީގެ މަގުގައި އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައި ކަމަށްވެސް ހިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ. ވަރަށް ގިނަ ދިވެހި ފަރުދުންގެ އިންސާނީ ހައްގުތައް ނިގުޅައި ގަނެ، އެންމެހާ ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން މަހްރޫމްކޮށް، ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް ބަންދުކޮށް، ޖަލުގައި އަނިޔާވެރި ދުވަސްތަކެއް ބަރުދާސްތުކުރުމަށް މަޖުބޫރުކުރުވާފައިވާ ކަން ވެސް ހިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ މި ހުރިހާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަކަށް ގެނެސް، ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަމަގަށް އަޅުވައި، ގާނޫނުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތާ ހެޔޮވެރިކަމެއް ގާއިމުކުރުމަކީ، މިއަދު އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަމެއް ކަމަށެވެ. މި މުހިއްމު ގައުމީ މަސައްކަތުގައި، ސިޔާސީ އިސްލާހަށް މަސައްކަތްކުރާ ފަރާތްތަކުގެ ދައުރު އަދި މާ މުހިއްމު ކަމުގައިވެސް ވިދާޅުވެފައިވެ އެވެ. މިގޮތުން މި ފެށުނު 2018 ވަނަ އަހަރު އެންމެ އިސްކަންދޭ ކަމަކަށް ވާނީ ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ އެންމެހާ މެންބަރުންގެ މެންބަރުކަން ކަށަވަރުކޮށްދީ، އެބޭފުޅުންގެ ގޮނޑިކޮޅުތައް ހިމާޔަތް ކުރުން ކަމުގައިވެސް ވިދާޅުވި އެެވެ. އަދި ޝަރުއީ އުސޫލުތަކާ ގާނޫނީ ހަމަތަކާ ހިލާފަށް ޝަރީއަތް ހިންގައި، ނުހައްގުން ހުކުމްކުރެވި، ޖަލުގައި ހުކުމްތައް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ އެކިއެކި ސިޔާސީ ލީޑަރުން މިނިވަންކޮށް، އެބޭފުޅުންނަށް ގައުމީ ހަޔާތުގައި މިނިވަންކަމާއެކު ހަރަކާތްތެރިވެވަޑައިގަތުމުގެ ފުރުސަތު ހޯދައިދިނުމަކީ ވެސް މިއަަހަރު އިސްކަން ދެއްވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ކަންކަން ކުރަމުންދާއިރު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވައި، ގާނޫނާއި ޤަވާޢިދުގައިވާ ގޮތުގެމަތިން ކަންކަން ނިންމުމުގެ ފުރިހަމަ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހަށް ހޯދައިދިނުމެވެ. ރާއްޖޭގެ ވެރިކަން މިނިވަން ޑިމޮކްރެޓިކް ގާނޫނީ ވެރިކަމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. ރާއްޖެއަކީ، އިސްލާމީ އުސޫލުތަކަށް ހުރުމަތްތެރިކޮށްހިތާ، ގާނޫނީ ހެޔޮވެރިކަމެއް ގާއިމުވެފައިވާ، އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކު އުފަލުގައި ހުރިހާ މުވާޠިނުން ދިރިއުޅޭ ޤައުމަކަށް ހެދުމެވެ." ރައީސް މައުމޫންގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ