ޑްރަގުގެ މައްސަލަ ހައްލުކުރާނީ އަޅުގަނޑު: އުމަރު

ރާއްޖެ އަށް ދިމާވެފައިވާ ޑްރަގުގެ މައްސަލަ ހައްލުކުރާނީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ދައުވާ ކުރަން ޕީޖީ އަށް ފޮނުވާ 65 ޕަސެންޓަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން އުމަރު ވިދާޅުވީ ވޭތުވެގެންދިޔަ ފަސް އަހަރު ތެރޭ 12،000 އަށް ވުރެ ގިނަ ޑްރަގްގެ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށާއި އެތަށް ސަތޭކަ އާއިލާ އަކަށްވަނީ މިކަމުގެ އަސަރު ކޮށްފައި އަދި އެތަށް ދަރިންނެތް ވަނީ މަގުމަތިވެފައި ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެފައިވާއިރު އެއްވެސް ޕާޓީ އަކަށް، އެއްވެސް ވެރިޔަކަށް މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށް އުމަރު ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރާނީ އަޅުގަނޑު" އުމަރު ވިދާޅުވިއެވެ.
އިއްޔެ ފާހަގަކުރި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މީހުންގެ ދުވަހު ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ފުލުހުންނަށް މިދިޔަ އަހަރު މަސްތުވާތަކެއްޗާއި ގުޅޭ 1،425 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އެ މައްސަލަތަކާ ގުޅިގެން 1،219 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ މައުލޫމާތުތަކުގައި ބުނެފައިވެއެވެ.
މީގެއިތުރުން ފުލުހުން 2019 ވަނަ އަހަރު 408 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، އޭގެ ތެރެެއިން 54 ޕަސެންޓަކީ ހެރޮއިން ކަމަށްވާ 36 ޕަސެންޓަކީ ކެނަބިސް ކަމަށްވެސް ބުނެފައިވެއެވެ.
އުމަރަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ފަރާތެއް ކަމަށްވާއިރު އޭނާ މީގެކުރިން ވަނީ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނީ ރާއްޖެއަށް ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މިހުންނަށް ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ