މޭޔަރުކަމަށް ހޮވިއްޖެ ނަމަ ވެރިއަކަށް ވާނީ މާލޭގެ ރައްޔިތުން: ޑރ. މުއިއްޒު

ކުރިން ދެ ސަރުކާރެއްގައި ވެސް މަސައްކަތް ކުރެއްވީ، އޭރު ހުންނެވި ވެރިއެއް ވިދާޅުވާ ގޮތަށް ކަމަށާއި އެކަމަކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ ވެރިއަކަށް ވާނީ މާލޭގެ ރައްޔިތުން ކަމަށް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ މަސައްކަތް ކުރެއްވީ، ރައީސް ވިދާޅުވި ގޮތަކަށް، ވީހާ ވެސް ފުރިހަމައަށް ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުވެ، މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، ދެން އޭނާ އަމަލުކުރައްވާނީ ވެސް "ވެރިމީހާ" ވިދާޅުވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އޭރުން އަޅުގަނޑުގެ ވެރިއަކަށް ވާނީ މާލޭގެ ރައްޔިތުން. ދެން ވެސް އަޅުގަނޑު އަމަލުކުރާނީ، ހަމަ ކުރިން މަސައްކަތް ކުރި ގޮތަށް، ވެރިމީހާ ވިދާޅުވާ ގޮތަށް، އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކުގައި،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން، ޔާމީން ސަރުކާރުގައި ކުރެއްވި ތަރައްގީގެ ބައެއް މަސައްކަތްތަކުގެ ވާހަކަ ވެސް އޭނާ ދެއްކެވި އެވެ. އަދި މޭޔަރުކަމުގައި ވެސް، ރައްޔިތުން ބޭނުންވާ ފަދަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު މާލޭގެ ރައްޔިތުން އެންމެ އެދެނީ ބޯހިޔާވަހިކަމުގެ ހައްލަކަށެވެ. އެކަމަކު ބޯހިޔާވަހިކަމަށް މިހާރު ދޭ ފްލެޓަކީ ވަގުތީ ހައްލެއް ކަމަށާއި ދާއިމީ ހައްލަކަށް ވާނީ، ރަށްރަށުގައި ދޭ ގޮތަށް ގޯތި ދިނުން ކަމަށް ވިޔަސް އެއީ މިހާރު ބިން ފުރި، ތޮއްޖެހިފައިވާ މާލޭގައި ނުކުރެވޭނެ ކަމެއް ކަމަށް ވިދާޅުުވި އެވެ.
އެކަމަށް ޑރ. މުއިއްޒު ނެރެދެއްވި ހައްލަކީ މާލެ ކައިރީގައި އޮންނަ ގުޅިފަޅުން ގޯތި ދޫކުރުމެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގުޅިފަޅު ހިއްކީ ވެސް އެތަނުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ނަމަވެސް، ފަހުން މިދިޔަ ސަރުކާރުގައި ވަނީ އެތަނުގައި އާންމުކޮށް ދިރިއުޅެން ކަމުނުދާކަމަށް ނިންމައި، އެތަނުގެ ފްލެޓްތައް ސަރުކާރުގެ ދަށަށް ގެންގޮސްފަ އެވެ.
ގުޅިފަޅުގައި މި ސަރުކާރުން އަންނަނީ މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
އެކަމަކު ޑރ. މުއިއްޒު ވިދާޅުވީ ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ހިންގުމަކީ، އެތަނާ ނުބައްދަލު ކަމެއް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ދެއްކެވީ އެވަރުގެ ޕޯޓަކަށް އެތަން އެކަށީގެންނުވުމެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ބްރިޖުން ގުޅާލައިފައި އޮންނަ ގުޅިފަޅަކީ މާލޭގެ މީހުން ދިރިއުޅެން އެންމެ ރަނގަޅު ތަނެވެ.
"އެއީ ގެދޮރުވެރިކަމުގެ މަންޒިލެއް. އެހެންވީމައި އަޅުގަނޑު ދަންނަވާނީ އަދިވެސް [ގުޅިފަޅުގައި ދިރިއުޅުމުގެ] އުއްމީދު ގެއްލުވާލަން ނުވާނެ ކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭޔަރުކަން ލިބިވަޑައިގެންފި ނަމަ އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރައްވާނީ، ގުޅިފަޅަކީ މީހުން ދިރިއުޅޭ ތަނެއްގެ ގޮތަށް ހާއްސަ ކުރުމަށެވެ.
"ރައްޔިތުން ވެރިއެއް ކަމުގައި ދެކިގެން، އަޅުގަނޑު ކުރިން މަސައްކަތް ކުރި ގޮތަށް، ރެ އާއި ދުވާލު ނުވަތަ 24 ގަޑިއިރު ވެސް މަސައްކަތް ކުރާނަން،. ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށް ކުރެވެން އޮތްހާ ކަމެއް ކުރާނަން،" ޑރ. މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ