ފިހާރަތަކަށް ވަދެ ހަވީރު 6 ޖަހަންދެން ވިޔަފާރި ކުރެވޭނެ

ކޮވިޑުން ރައްކަތެރިވުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަަކަށް ލުއިތަކެއް ދީ ކާފިއު ވަގުތަށް ގެނައި ބަދަލާއެކު މިހާރު ފިހާރަތަކަށް އާންމުންނަށް ވަދެ ވިޔަފާރި ކުރެވޭ ވަގުތު މިވަނީ އިތުރު ވެފައެވެ.
ކުރިން ކާފިއު ވަގުތު ހަވިރު 4 އިން ހިންގާތީ ފިހާރަތަކަށް އާންމުން ވަދެ ވިޔަފާރި ކުރެވޭ ގަޑި ވަނީ ހަވީރު 4 އަކުން ހުއްޓާލަން ޖެހިފައެވެ. ނަމަވެސް މިހާރު ކާފިއު ވަގުތު ހަވީރު 6 އިން ފެށޭ ގޮތަށް ހަމަޖައްސުމާ އެކު، ވިޔަފާރި ކުރާ ތަންތަނަށް އާންމުން ހަވީރު 6 ޖެހުމާ ހަމައަށް ވަދެ އުޅުނަސް 5000 ރުފިޔާއިން ޖޫރިމަނާ އެއް ނުކުރާނެއެވެ.
މީގެ އިތުރުން ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޓޭކްއަވޭ ހިދުމަތް ވެސް ހަވީރު 6 ޖެހުމާ ހަމައަށް ދެވޭނެއެވެ.
ރޭ އެޗްއީއޯސީން އިއުލާން ކުރި ލުއތަކުގައި ބުނާ ގޮތުގައި މިހާރު މާލެ ސަރަހައްދުގައި ކާފިއު ވަގުތު ހިންގާނީ ހަވީރު 6 އިން ފަތިހު 4 އަށެވެ. އަދި ފަތިހު 4 އިން ހެނދުނު 8 އާ ދެމެދު ކުރިންވެސް އޮތް ގޮތަށް ޕާމިޓާ ނުލާ ކަސްރަތު ކުރަން ނުކުމެވޭނެއެވެ. ނަމަވެސް ކަސްރަތު ކުރަން ގްރޫޕް ގްރޫޕަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އިތުރު ލުޔެއްގެ ގޮތުގައި ވަނީ ޖިމްތައް ހުޅުވުމުގެ ފުރުސަތު ދީފައެވެ. އެ ގޮތުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޖިމްތަކުން ހިދުމަތްދޭ ގޮތުގެ ޕްލޭނެއް ހުށަހަޅައިގެން ހުއްދަ ހޯދޭނެއެވެ. ހުއްދަ ލިބޭ ތަންތަނުން ހުޅުވައިގެން ހިދުމަތް ދެވޭނީ ފަތިހު 5 އިން ހަވީރު 6 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ