ދުން އެރީ ކަރަންޓުގެ މައްސަލައަކުން ކަމަށް ބެލެވޭ، މޮނީޓާކުރުން ހުއްޓާލައިފި

މ. މުލަކު ގެއެއްގެ ތެރެއިން ބިމު އަޑިން ދުން އެރީ ކަރަންޓު މައްސަލައަކުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެހެންވެ، މިހާރު އެކަން ހިނގި ސަރަހައްދު މޮނީޓާ ކުރުން ހުއްޓާލާފައިވާ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
އެރަށު ސޯސަންގޭގެ ބޭރު ދޮރު ކައިރިން ބިމު އަޑިން މިދިޔަ ހޮނިހިރު ދުވަހު ދުން އަރަން ފެށުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްގެން، ދުން އެރި ތަން ކޮނެފަ އެވެ. އަދި އެންމެ ފުރަތަމަ ވެސް ފުލުހުން ލަފާ ކޮށްފައިވަނީ އެއީ ބިމު އަޑި އަށް ޖެހި އާތު ރޮޑުގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ.
މޮނީޓާ ކުރުން ހުއްޓާލައި، ފުލުހުން މިއަދު ހަވީރު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއީ ކަރަންޓް އާތު ނަރަށް ލައިވް ކަރަންޓް ނަރެއް ގުޅިފައި ހުރުމުން ދިމާވި މައްސަލައެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
ފުލުހުން މި ހާދިސާ ބެލިގޮތުގެ ތަފްސީލު ދެމުން އެ ބަޔާނުގައި ބުނީ ދުން އެރި ތަން އެ ދުވަހު ކޮނެ، ފެނާ ޖެހުނު އިރު ވެސް އަދި ފެންގަނޑުގެ ތެރޭން ވެސް އާދަޔާ ހިލާފަށް ދުން އަރަމުން ދިޔަ ކަމަށެވެ. އެހެންވެ، ކޮނުން ހުއްޓާލައި އެމްއެންޑީއެފާއި މޫސުުމާ ބެހޭ އިދާރާ ފަދަ، ކަމާ ގުޅޭ އިދާރާތަކުގެ ލަފާ ހޯދި ކަމަށް ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މިދިޔަ އަހަރު ޏ. ފުވައްމުލަކުގައި ވެސް މި ފަދަ ކަމެއް ހިނގި އިރު އެކަން ވެސް ވީ އާތުރޮޑަށް ހޫނުވެގެންނެވެ. އެހެންވެ، ސޯސަންގޭގައި އާތުރޮޑު ޖަހާފައިވާތަން ކޮނެގެން ބެލިއިރު އާތުރޮޑުގެ ބަދަލުގައި ބިމަށް ޖަހާފައިވަނީ ދެ އިންޗި ފުޅާ، ތިން ފޫޓުގެ ދިގު ދަގަނޑެއް ކަމަށާއި ހޮޅިގަނޑު ނެގިތަނުން ފެންގަނޑު އާދަޔާހިލާފަށް ހޫނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުސް އޮފީހުން ބުނި ގޮތުގައި އެވަގުތު ފެންގަނޑުގެ ހޫނުމިން 69 ޑިގްރީ އަށް ހުރި އިރު ވެލިގަނޑުގެ ހޫނުމިން ހުރީ 46 ޑިގްރީގަ އެވެ. އެކަމަކު އެއް ދުވަހަށް ވުރެ އަނެއް ދުވަހު ވެލިގަނޑުގެ ހޫނުމިން މައްޗަށް ދާތީ، ފެނަކަ ކޯޕަރޭޝަނުގެ އިންޖިނިއަރުން އެތަން ބެލިއިރު ސޯސަންގޭގެ އާތުނަރު ގުޅާފައިވާ ސާކިޓް މަސައްކަތް ނުކުރާކަމާއި ކަރަންޓް ލައިވް ނަރެއް އާތު ނަރާ ގުޅިފައިވާކަން އެނގުނު ކަމަށް ބުންޏެވެ.
"މީގެ އިތުރުން ގޭގެ ވައިރިންގައި އިތުރު މައްސަލަތައް އުޅޭކަން ފާހަކުރެވި ފެނަކަ އިން ކަރަންޓް ވައިރިންގެ މައްސަލަތައް ހައްލުކޮށް، އިތުރު އާތުރޯޑެއް ޖަހައި ގޭގެ ކަރަންޓް ވައިރިންގެ ހުރިހާ މައްސަލަތަކެއް ހައްލު ކުރި އެެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ އެ މައްސަލަތައް ހައްލުކޮށްފައި، ހޫނުވާތަނާއި ގޭގެ އެހެން ތަންތަން ދެ ދުވަހު މޮނީޓާކުރި އިރު ވެސް ފިނިހޫނުމިން ހުރީ އާއްމުކޮށް ހުންނަވަރަށް ކަމަށެވެ. އެހެންވެ މިކަމަކީ ކަރަންޓް އާތުނަރަށް ލައިވް ކަރަންޓް ނަރެއް ގުޅިފައި ހުރުމުން ދިމާވި މައްސަލައެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
އިތުރު މައްސަލައެއް ދިމާނުވާތީ ފުލުހުން އެ ސަރަހައްދު މޮނީޓާކުރުން ހުއްޓާލި ނަމަވެސް އެކަން ހިނގަން ދިމާވި ސީދާ ސަބަބު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އަދިވެސް ކުރަމުން އަންނަ ކަމަށާއި އޭގެ މައުލޫމާތު ފަހުން އާއްމު ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ