2018 ވަނަ އަހަރު ރައީސް ޔާމިން އަށް އަރުވާނީ ތަރައްގީގެ އެވޯޑު - ޖަމީލް އުސްމާން

2018 ވަނަ އަހަރުގައި، ރައީސް ޔާމިން އަށް އަރުވާނީ ތަރައްގީގެ އެވޯޑެއް ކަމަށް، ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.
ގެމަނަފުށި ދާއިރާ އިން ޕީޕީއެމް އާއި އަލަށް ގުޅިވަޑައިގެންނެވި ފަރާތް ތަކުގެ ފޯމްތައް ރައީސުލްޖުމްހޫރިއްޔާ އާއި ހަވާލު ކުރެއްވުމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އެބޭފުޅުން 2018 ވަނަ އަހަރުގައި ރައީސަށް އަރުވާނީ ތަރައްގީގެ އެވޯޑް ކަމަށެެވެ.
އަވަށްޓެރި ގައުމެއްގެ ބޭފުޅެއްކަމަށްވާ ސަލްމާން ރުޝްދީ އަށް ހީރޯގެ ދަރަޖަ ބަޔަކު ދިން އިރު އަނެއްބަޔަކު އޭނާ އަށް ޒީރޯގެ ދަރަޖަ ދީފައިވަނީ އޭނާ ލިޔުނު ފޮތެއްގައި ޝައިތާނީ ވަޙީގެ ނަމުގައި ފޮތެއް ލިޔެފައި ވާތީ ކަމަށް ވިދާޅުވެ، އެބޭފުުޅާއަށް ދުނިޔޭގެ ފެންވަރުގައި އެތައް އެވޯޑް ތަކެއްދީފައިވާ ކަމަށް ވިދާޅުވިއެވެ.
މިފަދަ މަންޒަރުތައް މިގައުމުގައި އަދި އަޅުގަނޑުމެންނަށް ފެންނަ ހިސާބުގައި ތަކުރާރު ވުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށާއި އެފަދަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާވެސް މި ގައުމަށް ގެނެސްދެއްވި ކަމުގައިވިޔަސް އެކަން ގަބޫލް ނުކުރެއްވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ހާއްސަ ގޮތެއްގައި ދިވެހި ނަން ބޯޑެއްގެ ދަށުގައި ތިބެގެން އެފަދަ އެވޯޑެއް ހޯދުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. ސަލްމާން ރުޝްދީވެސް އެވޯޑް ހާސިލް ކުރީ އެހެން ގައުމެއްގެ ހިމާޔާތް ދަށުގައި ހުރެގެން ކަމާއި އެބޭފުޅާ އެގޮތަށް ކަންތައް ކުރެއްވި ނަމަވެސް މިގައުމުގެ ވެރިޔަކު ނުވަތަ ރައްޔިތަކު މިފަދަ  އެވޯޑެއް އިންސާނީ ހައްގުތަކާއި ބެހޭ ޖަމްއިއްޔާއެއްގެ ނަމުގައި ވިޔަސް ހޯދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްށެވެ.
" އޭނާ އެވޯޑް ހާސިލް ކުރީ އޭނާ އަށް ހިމާޔާތް ދިން އޭނާ އަށް ރަށްވެހިކަން ދިން ގައުމުގެ ނަމުގަ، މިފަދަ މަންޒަރު ތައް އެގޮތަށް ދިޔައީމަ އަޅުގަނޑުމެންނަށް އޯކޭ. އެކަމަކު  އަޅުގަނޑުމެންގެ ގައުމުގައި ވެރިޔަކު އަޅުގަނޑުމެންގެ ގައުމުގެ ރައްޔިތަކު އެފަދަ އެވޯޑެއް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެއްގެ ނަމުގައި ވެސް ހޮވުމަކީ އަޅުގަނޑުމެން ގަބޫލް ކުރާ އަދި ގަބޫލް ކުރެވޭނެ ކަމެއް ނޫން" ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމިން ތަރައްގީއަށް ކުރައްވާ މަސައްކަތްތަށް ފާހަގަ ކުރައްވަމުން އަދި ގެމަނަފުށި ދާއިރާ އަށް ރައީސް ޔާމިން ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވަމުން ޖަމީލް ވިދާޅުވީ ގެމަނަފުށި ބިކަވެ ނިކަމެތި ވެގެންދިޔަ އިރު ހިދުމަތް ކޮށްދިނީ ރައީސް ޔާމިން ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ގެމަނަފުށި ދާއިރާއިން 600 އަށް ވުރެ ގިނަ ބޭފުޅުންގެ ފޯމް ވަނީ ޕީޕީއެމް މުސްތަޝާރް ރައީސް އަބްދުﷲ ޔާމިން އަބަދުލް ގައްޔޫމް އަށް އަރުވާފައެެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ