ހޯމް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި، ގައުމީ ދިދަ ބޭނުންކުުރުމުގެ އުސޫލަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމާ އެކު، ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގާ ހ. ތެމާގައި ހުރި ގައުމީ ދިދަ ބޭލުމަށް ފުލުހުން ވަނީ އަންގައިފަ އެވެ.
ތެމާގައި ކުރިން ޕީޕީއެމް އޮފީސް ހިންގި ނަމަވެސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު މައްސަލަތަކަށް ފަހު ޕާޓީން މައުމޫން އެކަހެރިކޮށް ޕާޓީގެ އޮފީސް މިހާރު ހިންގަނީ އެހެން ތަނެއްގަ އެވެ.
ދިދަ ބޭނުންކުރުމުގެ އުސޫލުގައި ބުނާ ގޮތުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނުގައި ސިޔާސީ ޕާޓީއެއްގެ އޮފީސް ކަމުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަނެއްގައި އާންމު ގޮތެއްގައި ގައުމީ ދިދަ ނަގާފައި ބެހެއްޓޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.
ދިދަ ނެގުމުގެ އުސޫލާ ގުޅިގެން މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި، ދިވެހި ގައުމީ ދިދަ އަކީ ދިވެހިވަންތަ ކަމުގެ ފަހުރުވެރި ރަމްޒު ކަމަށާއި އިހްތިރާމާ އެކު ގައުމީ ދިދަ ބޭނުންކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ހައްގެއް ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މިއަދު ކުރެއްވި ޓްވީޓެއްގައި "ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫނާ ގަވައިދަށް ބަދަލު ގެނައުމަކީ ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫން" ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލުގައި، ދިދަ ނަގާފައި ހުންނަން ޖެހޭނެ ތަންތަން ކަނޑައަޅާފައި ވިޔަސް އެ އުސޫލުގައި ބުނާ ގޮތުން ގައުމީ ޝުއޫރު ފާޅުކުރުމުގެ ގޮތުން ކޮންމެ ތަނެއްގައި ވެސް ގައުމީ ދިދަ ނެގުމަކީ ހުއްދަ ކަމެކެވެ.
ރައީސްގެ ހާއްސަ ދިދަކޮޅާ ވައްތަރު ދިދަ ބޭނުންކުރުން ވެސް އާ އުސޫލުގައި މަނާކޮށްފައި ވާތީ، ޖުމްހޫރީ ޕާޓީގެ ދިދަ ވެސް ބޭނުންކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާ ގުޅިގެން މައުމޫން ހިތްހަމަނުޖެހުން ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ