380 ދަރިވަރުންނާއެކު ފުރަތަމަ އިންޓަ ސްކޫލް ޤުރުއާން މުބާރާތް އަންގާރަ ދުވަހު
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެފިއެވެ. ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ޖަނަވަރީ މަހު ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އިއުލާން ކުރައްވާފައި ވަނީ އިންޓަ ސްކޫލް ޤުރުއާން މުބާރާތެއް މިއަހަރު ބާއްވާނެ ކަމަށެވެ. އެ މުބާރާތަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމާއި ރީތިކޮށް ޤުރުއާން ކިޔެވުުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމަށް ބާއްވާ މުބާރާތަކެވެ. ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން އުފެއްދުމާއި ބައިނަލްއަގްވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އުފެއްދުމުގެ އިތުރުން މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން ގާއިމްކުރުމަކީ ވެސް އެ މުބާރާތުގެ މަގްސަދެކެވެ. ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުބާރާތުގެ ކޯޑިނޭޓަރު އަޒްލީފް ލަތީފް މިއަދު ވިދާޅުވީ، އެ މުބާރާތުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 380 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާނޭ ކަމަށެވެ. މުބާރާތުގެ ބައިވެރިން ހޮވާފައި ވަނީ ހަތަރު ދާއިރާތަކުންނެވެ. އެއީ ވ. އަތޮޅުގެ ސްކޫލްތަކުން ހޮވޭ ހަ ދަރިވަރަކާއި އެހެން ކޮންމެ އަތޮޅެއްގެ އަތޮޅު ސްކޫލްތަކުން ހޮވޭ 12 ދަރިވަރުންގެ އިތުރުން އައްޑޫ ސިޓީން ހޮވޭ 18 ދަރިވަރަކާއި މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން ހޮވާލެވޭ ހަ ދަރިވަރަކެވެ. އަޒްލީފް ލަތީފް ވިދާޅުވީ، ސްކޫލް ކުދިންގެ ޤުރުއާން މުބާރާތްވެސް ބާއްވާނީ ގައުމީ ޤުރުއާން މުބާރާތް ބޭއްވި އުސޫލްތަކާ އެއްގޮތަށް ކަމަށާއި ނަމަވެސް މުގައްރިރަށް ކުޑަ ބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސް މިދިޔަ އަހަރު ބޭއްވި ގައުމީ ޤުރުއަން މުބާރާތުގައި އަންހެން އަދި ފިރިހެން ވަކި އިންސާފު ކުރި ނަމަވެސް، ސްކޫލް ކުދިންގެ ގައުމީ މުބާރާތުގައި އިންސާފު ކުރާނީ ދެ ޖިންސު އެއްކޮށެވެ. ގައުމީ މުބާރާތެކޭ އެއްގޮތަށް ސްކޫލް ކުދިންގެ ޤުރުއާން މުބާރާތުގައި ވެސް ހިތުންނާއި ފޮތުން ކިޔެވުމުގެ ބައި ހިމެނޭއިރު، ކޮންމެ ގޮތްޕަކުން ވެސް ތިން ކެޓަގަރީއަކުން ބައިވެރިން ކިޔަވާނެއެވެ. ނަމަވެސް ގައުމީ މުބާރާތާ ތަފާތުކޮށް ސްކޫލް ކުދިންގެ މުބާރާތުގައި މުޅި ޤުރުއާން ހިތުދަސް ދަރިވަރުންނަށް ހާއްސަކުރެވިފައިވާ ބައެއް ހިމެނެއެވެ. މުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައި ވަނީ ފޮތުން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެންމެ މޮޅު ފަސް ދަރިވަރުންނަށާއި ހާފިޒުގެ ބައިން އެންމެ މޮޅު ފަސް ދަރިވަރުންނަށެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިންނާއި ފޮތުން ކިޔެވުމުގެ ގޮފިން އެއްވަނަ އަށާއި މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނައަށްދާ ބައިވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ