މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދޭން ޖެހޭ - މައުމޫން

މިނިވަން ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވެފައިވާކަމާއި، މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުއްލް ގައްޔޫމް ގޮވާލައިފިއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް އަސާސް ކަމަށާއި ސަރުކާރުގެ ތެރެއިން ނޫސްވެރިންނާއި މިޑީއާއަށް ކުރިމަތިކުރުވަމުންދާ ގޮންޖެހުންތައް މި ހިނދުން މި ހިނދަށް ހުއްޓާލަން ޖެހޭ ކަމަށެވެ.
"އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ ވަކި ބަޔަކު ހިންގަމުންދާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުން ކަމަށް ގަބޫލުކުރެވެ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާއި އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކަށް މައުމޫނު ވަނީ މި ބަޔާނުގައި ގޮވާލާފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރާއި އާދަމް ޒަރީރު ހައްޔަރުކޮށް ދައުވާ އުފުލީ ނޫސްވެރިންގެ ޒިންމާ އަދާކުރަނިކޮށެވެ.
"ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދޭ،" ބަޔާނުގައި ވެއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތް ކުރަމުން ނުދާތީ މައުމޫން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ރިލްވާން ވަގަށް ނެގީ ކަމަށް ފުލުހުން ބުނެފައިވާއިރު ތަހުގީގު އިތުރަށް ހަރުދަނާކޮށް، އެ ނާތަހުޒީބު އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ވީހާވެސް އަވަހަކަށް ދިނުމަށް ވެސް މައުމޫނު ވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ