ރައީސް ޔާމީން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ، ޝައްކެއްނެތް – ޝައިނީ

ރައީސް ޔާމީން ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި އެކަމާއި މެދު މިހާރު ޝައްކެއްނެތް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ މިހާރު ޕީޕީއެމް އިން ބާއްވަމުންދާ "ސައިޒް ދައްކާލާ ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި އެއީ އެއްޖިންސުން ގުޅުން ހިންގުމާއި ޔަހޫދީ ދީންތައް ރާއްޖޭގައި ކިޔަވައި ދިނުމުގެ ސިޔާސަތު ކަމަށެވެ. އެމްޑީޕީ އިން ބޭނުން ވަނީ ރާއްޖެއަށް ބޭރުގެ ސިފައިން ވެސް ގެންނަން ކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
"އިސްރާއީލާއި ގުޅުން ބަދަހި ކޮށްފައި އައިސް ރައީސް ނަޝީދު ވިދާޅުވީ ތިމަންމަގެ ސިޔާސަތު ކުރިން އޮންނާނީ ބުނެފައޭ. ޑިމޮކްރަސީއެއްގައި ތިބޭތީ ތިމަންނަމެންގެ ސިޔާސަތު އޮންނާނީ އެނގިފައޭ ކުރިން. މާދަމާ ވޯޓް ދެވޭ ގޮތަކުން ދެރަ ނުވާތި." މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ޖަޒީރާ ރާއްޖެއޭ ވިދާޅުވެ އެމްޑީޕީ އިން ވާހަކަ ދެއްކި ނަމަވެސް އެމްޑީޕީގެ ސިޔާސަތައް ހަޤީޤަތުގައި ބަދަލެއް ނާންނަ ކަމަށެވެ.
އެހެންކަމުން 75 ޕަސެންޓްގެ ބޮޑު ތަފާތަކުން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން މިިނިސްޓަރ ޝައިނީ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.
"ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އެމަނިކުފާނު ކޮށްދެއްވާނެ. އެކަން އެމަނިކުފާނު ވަނީ ސާބިތު ކޮށްދެއްވާފައި." މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ވޯޓް ދެއްވަންވީ ރައްޔިތުން ބޭނުންވާ ކަންތައް ފުރިހަމަ ކޮށްދެއްވީތީއެވެ. އަދި އެއާޕޯޓަށް އޭ-380 ގެ ފްލައިޓެއް ޖައްސަވައި ދެއްވާ ތަރައްޤީ ޔަގީން ކޮށްދެއްވީތީއެވެ.
މިނިސްޓަރ ޝައިނީ ވެސް ވަނީ ޕީޕީއެމްގެ ޖަލްސާގައި ބައިވެރިވަމުންދާ ކޮންމެ ބޭފުޅަކު އިތުރު ފަސް ބޭފުޅުން ރައީސް ޔާމީނަށް ވޯޓް ދެއްވަން ހޯއްދަވައި ދެއްވަން އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ