އާދިއްތަ ދުވަހު ރައްޔިތުން ނިކުމެ ރައީސް ޔާމިން ވެރިކަމުން ދުރުކުރާނެ: އަމީން

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި މީހުން ވަޒީފާއިން ވަކިކުރި ގޮތަށް އަންނަ އާދިއްތަ ދުވަހު ރައްޔިތުން ނިކުމެ ރައީސް ޔާމީން ވެރިކަމުން ދުރުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން މިރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވެރިކަމުގައި ހުންނަވަން ރައީސް ޔާމިން ގަސްތު ނުކުރައްވާތީ 23 ސެޕްޓެމްބަރުވާ އާދިއްތަ ދުވަހަކީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމަށެެވެ. ބޮޑުތަނުން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާންގެ ރަނިންމޭޓް ފައިސަލް ނަސީމް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ވަޒީރުކަން ވެސް ކުރައްވާފައިވާ އަމީން ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގެ ފަސް އަހަރުގައި ދިވެހިން ކުރި އުއްމީދުތައް ވެއްޔާ މޮޑެވިގެން ގޮސްފައިވާ ކަމަށާއި ދިވެހިން ހީކުރި ގޮތާ ހިލާފަށް ހުރިހާ ކަމެއް ވެސް ދިޔައީ ގޯސްވެގެން ކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި އަނިޔާވެރިކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ މިވެރިކަން ނިންމަންޖެހެނީ މިފަސް އަހަރު ނިމުނުއިރު ރައްޔިތުން މެންބަރުން ކައިރިއަށް ގޮސް ސަލާން ޖަހަން ޖެހުމުގެ އިތުރުން ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލަ އިންތިހާ ދަރަޖައަށް ބޮޑުވެގެން ދިއުމުން ކަމަށެވެ. އަދި ސަލާން ޖެހުމުގެ އާ ސަގާފަތެއް ވެސް ރާއީސް ޔާމިންގެ ވެރިކަމުގައި ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ތަންތަނުގެ ކުލިތަކާއި، ހަޑޫ ހަކުރުގެ އަގާއި، ކަރަންޓުގެ އަގުވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި މިއީ ތަރައްގީ ނޫން ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ތިބީ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމްގެ އިތުރުން ރަނގަޅު ސިއްހީ ނިޒާމާއި ރަނގަޅު ތައުލީމީ ނިޒާމެއް ނުލިބި ބިކަވެފައި ކަމަށްވެސް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއަދުވެސް ފުވައްމުލަކުގެ ރައްޔިތުން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާންގެ ރަނިންމޭޓް ފައިސަލް ނަސީމާއެކު ކަން ވަރަށް ސާފުކޮށް މިޖަލްސާއިން ވެސް ފެނިގެން ހިނގައްޖެ ކަމަށެވެ. އަދި މިފަހަރު ވެސް ދިވެހިރާއްޖޭގެ ފަހުރުވެރި ނައިބު ރައީސަކަށް ވާނީ ފުވައްމުލަކަށް އުފަން އެރަށުގެ ފަހުރުވެރި ދަރި ފައިސަލް ނަސީމު ކަމަށްވެސް އަމީން ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނަގާ އެއްލާލުމަށްފަހު މިއަދު ރައީސް ޔާމިން އެވަނީ ފުވައްމުލަކުގެ ރައްޔިތުން ވެސް ބާކީ ކޮށްފައި ކަމަށެވެ. ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ފުވައްމުލަކު އަބަދުވެސް ދަތުރުކުރަނީ ފުވައްމުލަކުގެ ދަރިޔަކާއެކު ކަމަށްވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ