ގާސިމް ފިއްލެވިކަމަށް ބުނެ ސަރުކާރަށް ދޮގު ޚަބަރެއް ނުފެތުރޭނެ: ރައީސް ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ފިއްލެވިކަމަށް ބުނެ ސަރުކާރަށް ދޮގު ޚަބަރު ނުފެތުރޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ގާސިމް އިބްރާހިމް ވަޑައިގަތީ ބޭސްފަރުވާ އަށް ކަން ރަނގަޅަށް ސަރުކާރަށް ކަށަވަރުވާއިރު ގާސިމް ފިއްލެވީ ކަމަށް ބުނެ ސަރުކާރަށް ދޮގު ޚަބަރު ނުފެތުރޭނެ ކަމަށެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ގާސިމަށް ދީފައިވާ މުއްދަތު ހަމަވުމާއި ގުޅިގެން ރާއްޖެ ގެނެއުމަށް ފުލުހުންގެ އެހީތެރިކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން މިހާރު ވަނީ އެދިފައެވެ.
ގާސިމް ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފުރަތަމަ ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު އިތުރު 10 ދުވަސް ކަރެކްޝަނުން ދިނުމަށްފަހު މުއްދަތު ހަމަ ވުމުގެ ކުރިން ވަނީ 5 ދުވަހުގެ މުއްދަތު އިތުރު ކޮށްދީފައެވެ. އެ މުއްދަތު އޮކްޓޯބަރ 2 ގައި ވަނީ ހަމަވެފައެވެ.
ގާސިމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާ ގުޅިގެން ހޮސްޕިޓަލުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރު ގާސިމްގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ ސެޕްޓެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ޓެސްޓުތައް ހެދުމަށްފަހުގައި ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ