ގާސިމް ހުންނެވީ ވަރަށް ހިތްވަރުގަދަކޮށް: ސަމީރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުންނެވީ ވަރަށް ހިތްވަރުގަދަކޮށް ކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތް މެކުހަަށް ޖަހާފައިވާ މިދަނޑިވަޅުގައި ގާސިމް އިބްރާހީމްގެ ޝަރީއަތުގެ މަޖިލީހެއް މާދަމާ ބާއްވަން ތާވަލުކުރެވިފައި ވީނަމަވެސް އެމަނިކުފާނު ހުންނެވީ ވަރަށް ހިތްވަރުގަދަކޮށް ކަމަށެވެ.
ސަމީރު ވިދާޅުވީ ގާސިމް ހުންނެވީ ހެޔޮ ހާލުކޮޅުގައި ކަމަށާއި އެމަނިކުފާނު ހުންނެވީ އެކަމާ ކުރިމަތިލައްވައިގެން ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ކަމަށެވެ.
އިސްލާހީ މަސައްކަތް ފެއްޓެވުމުން އެމަނިކުފާނަށް އެތައް ދުއްތުރާލަކާއި ޖެއްސުމެއްކޮށް، އެމަނިކުފާނުގެ މާލިއްޔަތަށާއި ވިޔަފާރިއަށް ގަސްދުގައި ގެއްލުން ދެމުންދާކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށް ސަމީރު ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ހުންނެވީ ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި ދިވެހި ރައްޔިތުންނަށް މިއަށްވުރެ ރަގަޅުގޮތްތަކެއް ވާންޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
"އެމަނިކުފާނު ގަބޫލުފުޅު ކުރައްވަނީ ދިވެހި ރައްޔިތުންނަށް މިއަށްވުރެ ރަގަޅު ގޮތްތަކެއް ހޯދައިދޭން އެބަޖެހޭކަން. ރައްޔިތުންނަށް މިނިވަންކަން ހޯދައިދޭން އެބަޖެހޭކަން. ގައުމުގައި ބަސްބުނެ އުޅެވޭނެ ގޮތް އޮންނަން އެބަޖެހޭކަން، މިނިވަން މީޑިއާއެއް އޮންނަން އެބަޖެހޭކަން. އެހުރިހާ ސަބަބަށްޓަކައި އެމަނިކުފާނާ އެހެން ލީޑަރުން ނިކުމެވަޑައިގެން ކުރައްވާ މަސައްކަތުގައި ކާމިޔާބު އެބަލިބޭ. 45 މެމްބަރުން ސޮއިކުރެއްވީމަ އެއީ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން. މިނޫނަސް ވަރަށް ގިނަ މެމްބަރުން އެބަތިއްބެވި އެދުވަހު މިވޯޓުލައި މިކަން ނިންމުމުގެ އަޒުމުގައި" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ 45 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް ހުށަހެޅުމުން މަގާމުގައި އިސްތިއުފާ ނުދެއްވާ ހުންނެވުމުގެ ހައިސިއްޔަތެއް މަސީހަށް ލިބިގެންނުވާ ކަމަށެވެ. އަދި ވިދާޅުވީ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެކަން ތަހުގީގުުރުމަށް ވެސް ގޮވާލައްވާ ކަމަށެވެ. ޚާއްސަކޮށް ޕްރޮސެކިއުޓަރ ޖެނެރަލް އެކަން ހުއްޓުވުމަށް އިސްނަންގަވައިގެން މަސައްކަތް ކުރައްވަންޖެހޭ ކަމަށެވެ.
ސަމީރު ވިދާޅުވީ ގައުމު އިސްލާހު ކުރުމަށްޓަކައި ސިޔާސީ ލީޑަރުން ކުރައްވާ މަސައްކަތުގައި ކާމިޔާބު ލިބެމުންދާ ކަމަށެވެ. އަދި މިމަސައްކަތުގައި މިހާރު އިތުރު ހަރަކާތްތަކެއް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ވަރަށް އަވަހަށް އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށާއި އަދި މިމަހުގެ 24 އާއި ހަމައަށް ދާންވާއިރަށް މަސީހުގެ ވޯޓުގައި ރައްޔިތުން ބައިވެރިވުމަށް ކުރަންވީ ކަންކަމަށްވެސް ގުޅިފައިވާ ޕާޓީތަކުން މަގުދައްކާނެ ކަމަށެވެ.
ރަށްރަށުގެ ރައްޔިތުން ދޭން ބޭނުންވާ މެސެޖުތައް ކަމާބެހޭ ފަރާތްތަކަށް ދެވޭނެ ފަސޭހަ މަގެއް ފަހިކޮށްދިނުމާއި، ޕާޓީތަކުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ކޮންމެ ދުވަހަކު މެންދުރުފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ