ސިޔާސީ ގޮތުން ޤައުމަށް އަންނަ އެކިއެކި ބަދަލުތަކުގެ ސަބަބުން، އެކިއެކި މުއައްސަސާތަކަށް ކުއްލި ކުއްލިއަށް ބޮޑެތި ލޮޅުންތައް އަންނަ ކަމަށާއި، ފަސޭހައިން ފޫނުބެއްދޭ ކަހަލަ ގެއްލުންތަކެއް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރ. އުނގޫފާރުގައި ހުންނަ އެއަތޮޅު ރީޖަނަލްކުރ ހޮސްޕިޓަލްގެ އާ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން، ހޮސްޕިޓަލްތައް ހިންގުމާއި ތަފާތު އެކިއެކި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ހިންގަންޖެހޭ ޕަބްލިކް ހެލްތް ކެއަރ ޕްރޮގްރާމްތައް ހިންގަންވާ ގޮތަށް ނުހިންގި ދިޔުމަކީ، ޞިއްޙީ ދާއިރާއަށް ދިމާވި ވަރަށް ބޮޑު ދެރައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޞިއްޙީ ދާއިރާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށްޓަކައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި، ބުރަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަދިވެސް އެކަންކަމުން މުޅިން އަރައި ނުގަނެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޞިއްޙީ ކަންކަން ރާވައި ހިންގުމުގައި، ޞިއްޙީ ދާއިރާގެ ފަންނީ މީހުންގެ ލަފާ މާބޮޑަށް ނުހޯދައި، ޞިއްޙީ ކަންކަން ރޭވުމުގެ ސަބަބުން މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، އެ ދާއިރާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޮސްޕިޓަލެއް ޢިމާރާތްކުރުމަކުން އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތެއް އަދި ނުލިބޭނެ ކަމުގައި ވިދާޅުވެ، ފުރިހަމަ ޞިއްޙަތެއްގައި ތިބުމަށްޓަކައި ކުރަންޖެހޭ އެހެން ކަންކަމުގެ މައްޗަށް ބައްލަވައިލެއްވި އެވެ. މިގޮތުން، އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވ ިއެވެ. އަދި މިއީ، ޞިއްޙީ ދާއިރާގެ މުވައްޒަފުންނާ އެހެން ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރަންޖެހޭ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށްޓަކައި ފަރުދީ ފެންވަރެއްގައި ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށާއި އެކަންކަން ދެނެގަނެ ދިރިއުޅުމުގެ ކަންކަން ވަކި ގޮތަކަށް ބައްޓަންކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއް ހޯދޭނީ އެކަމަށް މަސައްކަތްތަކެއް ކޮށްގެންކަމުގައ ިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރ.އަތޮޅު ރީޖަނަލް ހޮސްޕިޓަލްގެ އާ ޢިމާރާތުގެ ބިންގާ މި އެޅެނީ، ވަރަށް ފޮނި އުންމީދަކާ އެކުގައި ކަމަށް ވިދާޅުވެ، އެކަމުން އުނގޫފާރު ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވައިލެއްވ ިއެވެ. މިގޮތުން، އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވުމުގެ ކުރިން، އެ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙް ކޮށްދެއްވި، އުނގޫފާރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޞަރަޙައްދަށް އިޝާރާތް ކުރައްވަމުން، އެ ސަރަޙައްދުގައި މެޑިކަލް ޓުއަރިޒަމް ތަރައްޤީކުރުމާމެދު ވިސްނުން ބެހެއްޓެވުމަށް އެރަށު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ހޮސްޕިޓަލަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔުމުގެ އިތުރުން ރަށަށް ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށާއި، އެކަމުގައި ސަރުކާރުން ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިޔާސީ ގޮތުން އަންނަ ބަދަލުގެ ސަބަބުން ފޫނުބެއްދޭ ގެއްލުތަކެއް ކުރިމަތިވޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ