ޕެނަލްޓީގައި އޮސްޓްރޭލިޔާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އިން މިޞްރު ޖާގަ ހޯދައިފިއެވެ.
މިޞްރު ގަދަ 16 އަށް ދަތުރުކުރީ 32 ޓީމްގެ ބުރުގައި އޮސްޓްރޭލިޔާއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތާއި، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްގައިވެސް 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި މިޞްރު ކުރި ހޯދީ 4-2 ނެވެ.
މެޗު ފަށައިގެން 13 ވަނަ މިނިޓްގައި ކުރި ހޯދީވެސް މިޞްރެވެ. އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް ފޮނުވާލައިގެން ކުރި ހޯދައިދިނީ މިޑްފީލްޑަރ އީމާން އަޝޫ އެވެ. މިއީ މުބާރާތުގައި އޭނާގެ ދެވަނަ ގޯލެވެ. ދެވަނަ ހާފް ފަށައިގެން ނުވަވަނަ މިނިޓްގައި އޮސްޓްރޭލިޔާއަށް ނަތީޖާ ހަމަހަމަވީ މިޞްރުގެ މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ސެޓްޕީސްއަކުން އޭރިޔާތެރެއަށް ހުރަސްވި ބޯޅަ ދިފާއުކުރަން ހާނީ ބޮލުން ޖައްސާލުމުން ބޯޅަ ތަތްވީ އަމިއްލަ ޓީމްގެ ގޯލް ދާގަނޑުގައެވެ.
އޭގެފަހުން މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުޞަތު ލިބުނީ މިޞްރަށެވެ. މެޗުގެ އިތުރު ވަގުތުގައި ރަމީ ރެބިއާ ބޮލުން ފޮނުވާލި ބޯޅަ މެޗުގައި ރަނގަޅު ދެތިން ސޭވް ކުރި ކީޕަރު ޕެޓްރިކް ބީޗް އަތުން ޖައްސާ ހުރަސްދަނޑިމަތިން ބޭރުކޮށްލިއެވެ. އަދި އިތުރު ވަގުތުގައި މިޞްރުން ފޮނުވާލި ބޯޅައެއް ޑިފެންޑަރު ގައިގަ ޖެހިފަވެސް ބްލޮކްވިއެވެ.
ޕެނަލްޓީއަށް ދިއުމުގެ ކުރިން އިތުރު ވަގުތުގެ އެންމެ ފަހުވަގުތު އޮސްޓްރޭލިޔާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ވަނީ މުބާރާތުގައި މޮޅަށް ކުޅުނު ކީޕަރު ބީޗްގެ ބަދަލުގައި ޕެނަލްޓީއަށް ރަޔަން އަރުވާފައެވެ. އެކަމަކު އޭނާއަށް އެއްވެސް ޕެނަލްޓީއެއް މަތަ ނުކުރެވުނެވެ. މިސްރުން ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ އޮސްޓްރޭލިޔާއިންނެވެ. އެކަމަކު ކެޕްޓަން ހެރީ ސުޓަރ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޮސްޓްރޭލިޔާގެ ހަތަރުވަނަ ޕެނަލްޓީ ޖެހީ 19 އަހަރުގެ ލުކަސް ހެރިންގޓަން އެވެ. އޭނާ ޖެހި ޕެނަލްޓީ މިސްރު ކީޕަރު މަތަކޮށް، ހުސާބް އަބްދުލްމަގުއިދު ޖެހި ޕެނަލްޓީ ކާމިޔާބުކުރުމުން މިސްރަށް ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ލިބުނެވެ.
ގަދަ ސޯޅަ ބުރުގައި މިސްރު ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނުވަތަ އަލަށް މުބާރާތުގައި ވާދަކޮށް ގަދަ 32 ޓީމްގެ ތެރޭގައި ހިމެނުނު ކޭޕް ވާޑޭއާ ދެކޮޅަށެވެ.
ޕެނަލްޓީގައި އޮސްޓްރޭލިޔާ ބަލިކޮށް، މިޞްރު ގަދަ 16 އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ