ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ ހދ ކުޅުދުއްފުށީގައި އޮތް ދުވަސްވީ މަށިކުޅިން ބައެއް ހިއްކައިގެން އެރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ތިމާވެއްޓަކީ އަޅުގަނޑުމެން ހަލާކުކުރަން އޮތް އެއްޗެއް ނޫންކަމަށާ އެއީ ހިމާޔަތްކޮށް ރައްކާތެރިކަމާއިއެކު އަންނަން އޮތް ޖީލުތަކާއި ހަމައަށް ފޯރުކޮށްދޭންޖެހޭ އެއްޗެއްކަމަށެވެ.
މި ޓްވީޓްގައި ރައީސް މައުމޫން ވަނީ ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކުރުމަށް ގޮވާލައްވާފައެވެ.
ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދަވާނެކަމަށް ވިދާޅުވި މުއްދަތުގައި ވައުދު ނުފުއްދި ދިގުލައިގެން ދިއުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ނަމަވެސް އެއާޕޯޓްގެ މަސައްކަތް ފެށުމަށް ކުޅި ހިއްކުމުގެ މަސައްކަތަށް އެމްޓީސީސީން މިހާރު އޮތީ އެންމެ ފަހުގެ ތައްޔާރީތައްވެފައެވެ.
މި މައްސަލާގައި ކުޅުދުއްފުށީގެ ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. ނަމަވެސް ކުޅުދުއްފުށީގެ ރައްޔިތުންގެ އުންމީދާއި އެއާޕޯޓް ގުޅިފައިވާކަން އެ ރައްޔިތުންގެ ވާހަކަތަކުން ހާމަވެފައިވެއެވެ.
ޚިޔާލުތަފާތުވުން އުފެދިފައިވަނީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމާއެވެ. ނަމަވެސް ރަށުގެ ގިނަ ރައްޔިތުން ކުޅި ކޮންމެހެން ބާއްވާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ރޯނުވެށުމަށް މަޝްހޫރު ކުޅުދުއްފުށީގައި އެ މަސައްކަތް ކުރާ މީހުންނަށް ކުޅި ހިއްކުމަކީ ލިބޭނެ ދެރައެއްކަމަށް އެ ރައްޔިތުން ބުނެއެވެ.
ކުޅި ނުހިއްކާވެސް އެއާޕޯޓް އެޅޭނެ މަގުތައް ކުޅުދުއްފުށީގައި އޮތްކަމަށް ބައެއް ރައްޔިތުން ދެކޭއިރު، މުޅި މަށިކުޅި އެއްކޮށް ހިއްކާ އެއާޕޯޓް އަޅާ ރައްޔިތުން ދިރިއުޅޭނެ ގެދޮރު ބިނާކުރުމަށް ބިން ދޫކުރުމަށް ބައެއް ރައްޔިތުން ބޭނުންވެއެވެ. ކުޅުދުއްފުށީ ކައުންސިލްގެވެސް ވިސްނުމަކީ ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅިގެން ދިއުމެވެ.
ސަރުކާރުން ބުނީ ކުޅުދުއްފުށީގެ މުޅި ކުޅި ނުހިއްކާނެކަމަށާ ހިއްކާނީ ކުޅީގެ ބައެއްކަމަށެވެ. އަދި މި މަސައްކަތް އިފްތިތާހު ކޮށްދެއްވުމަށް ފެށޭ މަހުގައި ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ނިންމާފައިވާކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ކުޅުދުއްފުށީގައި ހުރި ބޮޑު ދެ ސްކޫލު ކަމުގައިވާ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލަކީވެސް ކުޅިން ބިން ހިއްކައި އިމާރާތްކޮށްފައިވާ ދެތަނެވެ.
ކުޅުދުއްފުށީގެ ކުޅި ހިމާޔަތްކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ