ހުޅުމާލޭގައި ހުންނަ ފަރީދިއްޔާ ސްކޫލް އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ކޮލިޓޭޓް އެޑިއުކޭޝަނާއި ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޑރ އަބްދުލް މުހުސިނެވެ. ކޮލިޓޭޓްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދެވެ.
އެ ކުންފުނިން ފަރީދިއްޔާ ސްކޫލް އިމާރާތުގައި ހިންގާ އިންޓަނޭޝަނަލް ސްކޫލްގެ ނަމަކީ “ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް” ކަމަށް ކޮލިޓޭޓް އެޑިއުކޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ ރަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން އެ ސްކޫލް ހިންގަނީ ސްރީލަންކާގެ ގޭތްވޭ ކޮލެޖާއި ގުޅިގެން ކަމަށެވެ.
ރަޝީދު ވިދާޅުވީ އަންނަ ދިރާސީ އާ އަހަރާ އެކު އެ ސްކޫލް ހުޅުވާއިރު މިދިޔަ އަހަރު އެ ސްކޫލްގައި ކިޔެވި ދަރިވަރުންނަށް ސްކޫލްގައި ކިޔެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ ސްކޫލުގައި ކިޔަވައިދިނުމުގައި ގެންގުޅޭނީ ޓިއުޝަން ނަގަން ނުޖެހޭ، ހޯމް ވޯކް ވެސް ހަދަން ނުޖެހޭ އުސޫލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮލިޓޭޓް އެޑިއުކޭޝަނާއި ފަރީދިއްޔާ އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ހުއްދަ ދިނުން ލަސްވެފައި އޮތީ ބިޑު ހުށަހެޅި ފަރާތްތައް ހޮވުމުގައި ކޮރަޕްޝަންގެ އަމަލެއް އުޅޭކަމަށް ބައެއް މީހުން ބުނާތީ އެ މައްސަލަ އޭސީސީން ބަލަން ފެށުމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކުންފުންޏާއި އެކު އެއްބަސްވުމުގައި މިއަދު ސޮއި ކުރީ އޭސީސީން އެންގި ކަންކަމަށް ރިޔާއަތްކޮށް އިސްލާހު ކުރުމަށް ފަހު ކަމަށެވެ.
ލާލޭ ސްކޫލްގެ ނަން “ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލް” އަށް ބަދަލުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ