އެމްޑީޕީއަށް އަވަސް އިންތިހާބެއް ނާކާމިޔާބުވެއްޖެ ނަމަ ގައުމުގައި ހުޅުޖަހާނެ - މައުމޫން

ސ.ހިތަދޫން މުޝައްރަފް ހަސަން
އަވަސް އިންތިހާބެއް އެއްވެސް ގޮތަކުން ބޭއްވުމަކީ ގާނޫނީ ގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްލަހަތަށް ބެލި ނަމަވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީއަށް އަވަސް އިންތިހާބެއް ނާކާމިޔާބުވެއްޖެ ނަމަ މުޅި ގައުމުގައި ހުޅުޖަހާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމުން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅު ހިތަދޫ ޝަރަފުއްދީން ސްކޫލުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ އަވަސް އިންތިހާބަކީ ޕީޕީއެމްއިން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި އެއީ އިންތިހާބެއް ބާއްވަން ގާނޫނު އަސާސީ ތަން ނުދޭތީ ކަމަށެވެ.
އަވަސް އިންތިހާބެއް ބޭއްވެން އަންނަނީ ގާނޫނު އަސާސީ ބަދަލުކޮށްގެން ކަމަށް ވިދާޅުވެ މައުމޫން ވިދާޅުވީ އެގޮތަށް އެކަން އެއީ ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
"ސަރުކާރަށް ބަޔަކު އަންނަން ބޭނުންވީމަ ގާނޫނު އަސާސީ ބަދަލުކޮށްލަންވީ، މުޅި ދައުލަތުގެ މިލްކިއްޔާތު އެމީހުންގެ ޖީބަށްލާން ވީމަ ގާނޫނު އަސާސީ ބައްދަލުކޮށްލަންވީ، މުޅި ގައުމު ބޭރު ބަޔަކަށް ވިއްކާލަން ބޭނުންވީމަ ގާނޫނު އަސާސީ ބަދަލުކޮށްލަންވީ، މިއީކީ ކުރަންވީ ގޮތެއް ނޫން، ކުރަންވާ ގޮތެއް ވެސް ނޫން، ކުރެވޭނެ ގޮތެއް ވެސް ނޫން. އެހެންވީމަ އެއީ ގާނޫނީ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ނޫން." ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ދިވެހި ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތުން  އަވަސް އިންތިހާބެއް ބާއްވާއިފިނަމަ އެއްވެސް ހާލެއްގައި އެމްޑީޕީން އިންތިހާބު ކާމިޔާބު ނުކުރާނެ ކަމަށާއި ދިވެހިންގެ ތެރޭގައި އެމްޑީޕީގެ ސަރުކާރަކަށް ވޯޓު ދޭނެ މީހުން ވަރަށް މަދުވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
"ދެން ނިކުންނާނެ ނަތީޖާއަކީ 8 ފެބްރުއަރީގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަންޒަރު، މުޅި ރާއްޖޭގައި ބަޔަކު ހުޅުޖަހާ ތަން ފެނިގެންދާނެ، މުޅި ރާއްޖޭގެ ބިނާތައް  އަންދާ ހުލިކޮށްލާތަން ފެނިގެންދާނެ، މުޅި ރާއްޖެ އޮންނާނީ އަލިފާނުގެ ތެރޭގައި." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ވަނީ ފުރާ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ