އިންތިޚާބު މިނިވަންކޮށް ކުރިއަށް ގެންދަން ޖާގަ ދޭނެކަމަށް ބަލައިގެން ނުވާނެ: މުހައްމަދު އަހުމަދު

އެއްވެސް ހާލެއްގައި ރައީސް ޔާމީނާއި، މިސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަންކޮށް ކުރިއަށް ގެންދަން ޖާގަ ދޭނެކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވިދާޅުވެއްޖެއެވެ.
މުހައްމަދު އަހުމަދު މަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިއީ ފާރަވެރިވާންވީ ވަގުތުކަމަށާ އެއްވެސް ހާލެއްގައި ރައީސް ޔާމީނާއި، މިސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު މިނިވަންކޮށް ކުރިއަށް ގެންދަން ޖާގަ ދޭނެކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށެވެ.
މިވަގުތަކީ އިތުރު ވިސްނުންތައް އިސްކުރަންވީ ވަގުތުކަމަށާ އިތުރަށް ދައުވާތައް އުފުލުމާއި، ހުކުމްކުރުމަކީ ރައީސް ޔާމީންގެ "ގޭމް ޕްލެއިން"ކަމަށް ބަލާ ހުރިހާ އެންމެންވެސް ބަދަހިކޮށް ތިބެންވީ ވަގުތުކަމަށްވެސް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ގުޅިގެން ވާދަކުރުމަށް ނިންމާ، އެމްޑީޕީގެ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު ނެރުމަށް ރޭ ވަނީ ނިންމާފައެވެ.
މިކަން ހާމަކޮށް ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ދައުލަތް ހިންގުމުގެ މުޅި ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށް، ގާނޫނުތަކާއި، ގަވާއިދުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ރައްޔިތުންނަށް އަނިޔާވެރިވެ، ދިވެހިރާއްޖެއަށް ތައާރަފްކުރި ޑިމޮކްރަޓިކް ނިޒާމް ވެއްޔާ މޮޑެލާ، އިންސާނީ ކަރާމާތާއި އިންސާނީ ހައްގުތައް ނިގުޅައިގަނެ، އަދުގެ ސަރުކާރުން ކުރަމުންދާ އަނިޔާވެރި އަދި ޚުދުމުޚުތާރު ވެރިކަން ނިމުމަކަށްގެނެސް، ގުޅިފައިވާ ސިޔާސީ ޕާޓީތައްކަމަށްވާ، އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީގެ އިތުރަށް އަދާލަތު ޕާޓީއާއި ރައީސް މައުމޫން ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ޕާޓީތަކެއް ތަމްސީލުކުރުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ރަނިން މޭޓެއް ނެރެ، އިންތިޚާބު ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުުރުމަށް ނިންމާފައިވާކަމަށެވެ.
އެއާއިއެކު މިރޭ ނިމިގެންދިޔަ އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރިޔާސީ ޓިކެޓް އިބްރާހިމް މުހައްމަދު ސާލިހަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ.
މި ސަރުކާރުން ވަނީ ރައީސް ޔާމީނާއި ވާދަކުރަން ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުން ރިޔާސީ ރޭހުން އެކަހެރިކޮށްފައެވެ. ސަރުކާރުގެ ނުފޫޒުގައި މުއައްސަސާތަކުގެ މިނިވަަންކަން ގެއްލި، ސިޔާސީ ލީޑަރުންގެ މައްޗަށް ތަފާތު ދައުވާތައް އުފުލާ ބޮޑެތި ހުކުމްތައްކޮށްފައިވާއިރު، މަޖިލީހުގެ ތެރެއިން ގާނޫނަށް ބަދަލު ގެނެސްގެންވެސް ރިޔާސީ ރޭހުން ބައެއް ބޭފުޅުން ވަނީ ފެއަށްޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ