އަލީ ވަހީދާއި މަހްލޫފްގެ މައްޗަށް ކުރާ ދައުވާ މަޑުޖައްސާލަން އަމުރެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރާ ދައުވާ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި އަލީ ވަހީދުގެ މައްޗަކުރާ ދައުވާ ކުރިއަށް ނުގެންދިއުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރުނީ އަލީ ވަހީދު ރިމިނަލް ކޯޓުގައި ނެންގެވި އިޖްރާއީ ނުކުތާގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށް، މިފަދަ އަމުރަކަށް އެދުމާ ގުޅިގެންނެވެ.
މިމައްސަލާގައި ހައިކޯޓުން ނެރެފައިވާ އަގުތީ އަމުރުގައި ބުނެފައިވަނީ އިޖްރާއީ މައްސަލަޔަށް ވަކިގޮތެއް ނިމެންދެން ނުވަތަ ހައިކޯޓުން ވަކިގޮތަކަށް އަންގަންދެން އަލީ ވަހީދުގެ މައްޗަށްކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދިއުމަށް އަމުރުކުރާކަމުގައެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދުގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން އޭނާގެ ގަނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ފަހު، އެދައުވާ އަނބުރާ ގެންދެވުމަށް ފަހު ދައުވާ އަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ ގަނޫނު އަސާސީގެ 223 ވަނަ މާއްދާއާ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރު އެ ދައުވާ ކުރުމަށް ފަހު އަނބުރާ ގެންދަވައި އޭގެ ދެ އަހަރު ފަހުން ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުޅުއްވި ގެކޮޅު، މުލީއާގޭ ކައިރިއަށް އެއްވެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ