ކައިވެނި ކުރާނެ ކަމަށް ބުނެ ޖަރުމަނު އަންހެނެއްގެ އަތުން ދެ ދިވެއްސަކު ހޯދި ފައިސާ އަނބުރާ ދޭން ޖެހިއްޖެ

ކައިވެނި ކުރާނެ ކަމަށް ބުނެ ޖަރުމަނު އަންހެނެއްގެ އަތުން ދެ ދިވެއްސަކު ހޯދި ހަތަރުު ލައްކައަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖަރުމަނު އަންހެނެއް ކަމަށްވާ މާރިއޯން އެރެންޑިޓަށް 459،000ރ. ދޭން ސ. ހިތަދޫ ސަނާމުގުގެ ހަސަން އަލީ އާއި ގ. ސާދުނާ މަންޒިލް މުހައްމަދު ސިދުރަތުގެ މައްޗަށް ކޯޓުން ހުކުމްކުރީ ހަސަން އަލީ މާރިއޯންއާ ކައިވެނި ކުރާނެ ކަމަށް ބުނެ މާރިއޯންގެ އަތުން ފައިސާ ހޯދުމަށް ފަހު އެ ފައިސާ ނުދިނުމުން އޭނާ ކުރި ދައުވާއާ ގުޅިގެންނެވެ.
ދައުވާލިބުނު ސިދުރަތަކީ ހަސަން އަލީގެ ރައްޓެއްސެކެވެ. ހަސަން ބުނެގެން އެ ފައިސާ ޖަމާކޮށްފައިވަނީ ސިދުރަތުުގެ އެކައުންޓަކަށެވެ.
ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ އެ ފައިސާއަކީ ހަދިޔާއެއްގެ ގޮތުން އެ ދެ މީހުންނަށް މާރިއޯން ދީފައިވާ ފައިސާކަން އެ މީހުންނަށް ސާބިތުކޮށްނުދެވޭ ކަމަށާއި މާރިއޯން އަކީ އެ ދެ މީހުންނަށް ޚަރަދެއް ނުވަތަ ފައިސާއެއް ދޭންޖެހޭ މަގާމެއްގައި ހުރި ނުވަތަ އެފަދަ ކަމެއް ކުރަންޖެހޭ ގުޅުމެއް އޮތް މީހަކަށް ނުވާ ކަމަށެވެ.
އެހެންވެ އެ ފައިސާ އަކީ ހަސަނާއި ސިދުރަތު ދޭންޖެހޭ ފައިސާއެއް ކަމަށާއި ހަތަރު މަސް ތެރޭގައި އެ ފައިސާ ދައްކައި، ނިންމަން ވަނީ ހުކުމް ކޮށްފަ އެވެ.
ސްވިޓްޒަލޭންޑްގެ އަންހެނަކާ ކައިވެނި ކުރާނެ ކަމަށް ބުނެ ދިވެއްސަކު ނެގި ފައިސާ ވެސް އަނބުރާ ދޭން ސިވިލް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވެ އެވެ. އެ ހުކުމަށް ފަހުން ހައި ކޯޓުން ވެސް ތާއީދުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ