ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވަމުންދިޔަނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް ވިއްސާރުވެ ކަނޑުގަދަވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި އުފެދުނު ތޫފާން އޯކީގެ ސަބަބުން ރާއްޖޭގެ މޫސުންވެސް ގޯސްވެ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެކަމަށާ އަދި ގުގުރުން އެކަށީގެންވާކަމަށެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލު ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭކަމަށެވެ.
ސްރީލަންކާ އާއި އިންޑިޔާގެ އެކި ހިސާބުތަކަށް އެރި ތޫފާނުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްރަށަށް އުދައާރާ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
މާދަމާ ރާއްޖޭގެ މޫސުން އާންމު ހާލަތަކަށް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު މިހާރު ތޫފާނުގެ ބާރު އެންމެ ގަދަ ސަރަހައްދަކީ ލަކްޝަދީބު ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
ނަމަވެސް މިރޭވެސް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މެޓް އޮފީހާއި ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރާއި ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބުރޫއަރާފައެވެ.
މީގެ އިތުރަށް ބައެއް ރަށްރަށުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ސާމާނާއި، ފަރުނީޗަރު ފަދަ ތަކެތި ވަނީ ހަލާކުވެފައެވެ.
ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ މޫސުމާއި ގުޅިގެން ރަށްރަށް ލިބޭ ގެއްލުންތައް އެ ސެންޓަރުން ބަލަމުން ގެންދާކަމަށެވެ.
އެގޮތުން 36 ރަށެއްގައި ފެންބޮޑުވެގެން ގެއްލުންތައް ލިބިފައިވާއިރު، ވައިގަދަވެ ބައެއް ރަށްރަށައް އެކަމުގެ ސަބަބުންވެސް ގެއްލުންވެފައިވާކަމަށެވެ. ޑީއެމްސީން ބުނީ ވައިގަދަވުމުގެ ސަބަބުން 18 ރަށެއްގެ ގެދޮރަށް އެކިއެކި ގެއްލުންތައް ލިބުނުކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ރޭ ބައެއް ރަށްރަށައް އުދަ އަރާފައިވާއިރު، އެ ސެންޓަރަށް ހަތަރު ރަށަކަށް އުދަ އެރިކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ.
މޫސުންގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ގޭގޭ ފުރާޅު އެއްލާލާ ބައެއް ގޭގޭގެ ފާރުތައްވެސް ވަނީ ވެއްޓިފައި،، އަދި ދަނޑުބިންތަކަށްވެސް ވިއްސާރައިގެ ސަބަބުން ގެއްލުންލިބިފައިވާކަމަށް ޑީއެމްސީން ބުނެއެވެ.
ސަރުކާރުން ވަނީ މޫސުމާއި ގުޅިގެން ރަށްރަށައް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލާ ދިރާސާކުރުމަށްފަހު އެހީތެރިވަމުން އަންނަކަމަށް ބުނެފައެވެ.
މޫސުން އަލިވަމުން ދިޔަނަމަވެސް އަދިވެސް ސަމާލުވާންޖެހޭ: މެޓް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ