2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ގދ.ތިނަދޫގައި ހުރި ބައެއް އިމާރާތްތަކުގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި ނަމަވެސް އެމައްސަލަ އަނބުރާ ފޮނުވާލުމުގެ ބާރު ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި މިއަދު އެދިއްޖެއެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު އާދަމް އާރިފް ވިދާޅުވީ ރަސްމީ ބަންދު ދުވަހެއްގައި މައްސަލައެއް ކުރިއަށް ގެންދިއުމަކީ ކޯޓުން ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ.
އަދި ޕީޖީ ވަކީލުންނަކީ ހަމައެކަނި އެންމެ މައްސަލައަކާއި ހަވާލުވެ ތިބޭ ބައެއް ނޫން ކަމަށާއި ވަކީލުންގެ ކަންތައް ހުރި ގޮތުން ޝަރީއަތަށް ހާޒިރުނުވެވޭނެ ކަން އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބަންދު ދުވަހަށް މައްސަލައެއް ޝެޑިއުލްކޮށްގެން ޝަރީއަތް ހިންގާފައި އެބަހުރި ކަމަށް ތަދައްޙުލު ވާން އެދިފައިވާ ފަރާތުގެ ވަކީލާ ހިސާން ހުސެއިން ވިދާޅުވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެގޮތަށް އެކަންވެފައި އޮތް ކަމަށް އިންކާރު ނުކުރާ ކަމަށާއި ނަމަވެސް މިފަހަރު މައްސަލަ ޝެޑިއުލްކުރި އުސޫލު ތަފާތު ކަމަށެވެ.
މީގެކުރިން ބަންދު ދުވަހަށް މައްސަލަ ޝެޑިއުލް ކުރާނީ ކޯޓާއި ޕީޖީ އާއި މަޝްވަރާކޮށްގެން ކަމަށާއި މިމައްސަލައިގައި އެ އުސޫލު ގެންގުޅެފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އާދަމް އާރިފް ވިދާޅުވީ ސިޓީއަކުން މައްސަލަ އެއް ބޭރު ނުކުރެވޭނެ ކަމަށާއި މައްސަލަ ބާތިލް ކުރި ނަމަވެސް އެކަން ގަބޫލުކުރީސް ކަމަށެވެ. 89 މީހުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ ދައުލަތުގެ ވަކީލުން ހަމަޖެއްސުމުގައި އާއި ހެކިން ހާޒިރުކޮށް ދިނުމުގައި އެއްބާރުލުން ނުދޭ ކަމަށް ބުނެއެވެ.
ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިން ހާޒިރު ކުރުމާއި ވަކީލުން ހަމަޖައްސައިދިނުމުގައި ޕީޖީއިން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށާއި ހެކިން ހާޒިރު ނުކޮށްދިން އެއްވެސް ދުވަހެއް ނޯންނާނެ ކަމަށެވެ.
އަދި މިހާރު ވެސް މައްސަލަ ދައުލަތުން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ކަމަށާއި ޝަރީއަތަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ މައްސަލައެއް ބޭރުކޮށްލެވޭނެ ކަމަށް ގަބޫލުނުުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގައި 8 އަޑު އެހުމެއް ބޭއްވިފައިވާއިރު 2 އަޑު އެހުމަކަށް ހެކިން ހާޒިރުކޮށް ވަނީ ހެކި ބަސް ނަގާފައެވެ. އަދި މި މައްސަލައިގައި އެންމެ ފަހުން ބޭއްވުނު ޝަރީއަތަށް ހެކިން ހާޒިރުކޮށްފައިވެއެވެ. ނަމަވެސް ހެކިންނަށް ބިރު ދައްކާ އިންޒާރު ދެމުންދާ ކަމަށް ބުނެ ގާޒީއަށް ލިބުނު މައުލޫމާތަކާއި ގުލިގެން އެދުވަހު ޝަރީއަތަށް ހާޒިރުކުރި 55 މީހުން ބަންދުކޮށް ހެކިންގެ ހެކި ބަސް ނަގާފައެއް ނުވެއެވެ. މި މައްސަލައިގައި ހުރިހާ ހެކިންނަކީ ވެސް ސިއްރު ހެކިންކަން ފާހަގަކޮށްލެވެއެވެ.
އިސްތިއުނާފް އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ މައްސަލަ ބޭރުކޮށްލި ދުވަހު ވަކި ހެއްކެއް ހާޒިރުކުރަން އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ވަކީލު ވަނީ ކޯޓުން އެމައްސަލަ ބޭރުކޮށްލީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އުސޫލުތަކާއި ހިލާފުވާ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
އަދި ޕީޖީން ހުށަހަޅާފައިވާ މައްސަލަ އަނބުރާ ފޮނުވާލުމުގެ ބާރު ލިބިގެން ނުވާ ކަމަށް އަންގައި އަމުރުކޮށްދިނުމަށް ދައުލަތުގެ ވަކީލު ވަނީ އެދިވަޑައިގެންފައެވެ.
ތަދައްހުލްވުމަށް ދިން ފުރުސަތުގައި، ދައުވާ ލިބޭ ފަރާތްތަކުގެ ވަކީލާ ހިސާން ހުސައިން ވިދާޅުވީ ތާވަލްކޮށްފައިވާ މައްސަލައަކަށް ހާޒިރުނުވެއްޖެނަމަ މައްސަލަ އަނބުރާ ފޮނުވާލުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމުމަކީ ގާނޫނީ ހަމަތަކުގެ މަތިން ނިންމާފައިވާ ސައްހަ ނިންމުމެއް ކަމަށާއި ނިންމުން ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް ކޯޓުން އެދިވަޑައިގެންނެވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު ހިނގި ހަމަނުޖެހުން ތަކުގައި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކޯޓުގައި ހުޅުޖެހުމުގައި ބައިވެރިވިކަމަށް ބުނެ ދައުލަތުން 89 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު މިއެންމެން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެ އެންމެން އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ ޕޮލިސް ސްޓޭޝަނަށާއި މުދަލަށް ގެއްލުންދީފައިވާ ކަމަށެވެ.
އަދި ތިނަދޫ ކޯޓާއި އަތޮޅު ކައުންސިލްގެ އިދާރާ ކައިރިއަށް އެއްވެ ހުޅުޖަހާފައިވާ ކަމަށެވެ.
ތިނަދޫ މައްސަލަ އަނބުރާ ފޮނުވާލުމުގެ ބާރު ލިބިގެން ނުވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ