ކޮމެޓީ އެލަވަންސް ބޭނުންފުޅު ނުވާ ކަމަށް ބުނެ، މެންބަރުން މަޖިލީހަށް އަންގަވަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް 62،500ރ. ގެ މުސާރައިގެ އިތުރުން އަލަށް ހަމަޖެއްސި 20000ރ. ގެ އެލަވަންސް ބޭނުންފުޅު ނުވާ ކަމަށް މަޖިލީހުގެ ނުވަ މެންބަރަކު ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
އަހުމަދު ވިދާޅުވީ ކޮމެޓީ އެލަވަންސް ނުނަންގަވާނެ ކަމަށް ވިދާޅުވެ، އަށް މެންބަރަކު ރަސްމީކޮށް މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ. އަދި އެ ބޭފުޅުން އެގޮތަށް އަންގަވާފައި ވަނީ މިދިޔަ އަހަރު ޑިސެންބަރު މަހު ކޮމެޓީ އެލަވަންސް ދިނުމަށް މަޖިލީހުން ފާސްކުރި ދުވަސްވަރު ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ނަންތަކެއް އަމީންއާންމު ވިދާޅެއް ނުވެ އެވެ.
~
އޭނާ ވިދާޅުވީ ކޮމެޓީ އެލަވަންސް ދިނުމުގެ އުސޫލެއް މާލިއްޔަތު ކޮމެޓީން ފާސްކުރުމާ ގުޅިގެން ބައެއް ފުޅުން ފޯނުން ގުޅުއްވައި ކޮމެޓީ އެލަވަންސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެ ގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު ގުޅުއްވައި ކޮމެޓީ އެލަވަންސް ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.
"އަށް ބޭފުޅުން ކޮމެޓީ އެލަވަންސް ބޭނުން ފުޅު ނުވާ ކަމަށް ސިޓީއަކުން ދަންނަވާފައި ވަނީ. މިރޭ މޫސަ ވެސް ގުޅުއްވާފަ ވިދާޅުވެފަ އޮތީ،" އަމީން އާންމު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމައިފައި ވަނީ މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައިގެ ނިޔަލަށް ކޮމެޓީ އެލަވަންސްގެ ގޮތުގައި މެންބަރަކަށް ގަނޑުކޮށް 140،000ރ. ދިނުމަށެވެ. އަދި އެކަން ތަންފީޒު ކުރެއްވުމަށް މަޖިލީހުގެ ރައީސަށް ވަނީ އަންގަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި ޖެނުއަރީ މަހުން ފެށިގެން ހަތް މަހުގެ އެލަވަންސް އެއްފަހަރާ ދިނުމަށް ފަހު 20،000ރ.ގެ ކޮމެޓީ އެލަވަންސް ބެހުމަށް ކަނޑައަޅާފައި ވަނީ، ކޮމެޓީތަކަށް މެންބަރުން ވަޑައިގަންނަވާ ގޮތެއްގެ މަތީންނެވެ.
އެގޮތުން 50 އާއި 75 ޕަސެންޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ މަހަކު 10000ރ. ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ. އަދި 20،000ރ.ގެ އެލަވަންސް އެއްކޮށް ލިބިވަޑައިގަންނަވާނީ، ކޮމެޓީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނިސްބަތް 75 ޕަސެންޓަށް ވުރެ މަތީ ބޭފުޅުންނަށް ކަމަށެވެ.
މެންބަރުން ރަސްމީ ދަތުރުފުޅުތަކުގައި އުޅުއްވާ އިރު ގައާއި މަޖިލީސް ރިސެސް]ޗުއްޓީ[ގައި އޮންނަ މުއްދަތުގެ ތެރޭގައި ބާއްވާ ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ. ނަމަވެސް ދައުރު ތެރޭގައި މެބްބަރުން ނަންގަވާ ޗުއްޓީ އާއި ސަލާމްގައި މެންބަރުން ތިއްބަވާ އިރު ކޮމެޓީ އެލަވަންސް ނުލިބޭނެ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.
ކޯރަމް ހަމަނުވާ ޖަލްސާތަކަށް ވަޑައިގަންނާ މެންބަރުންނަށް ކޮމެޓީ އެލަވަންސް ލިބޭނެ ކަމަށް މަޖިލީހުން ބުންޏެވެ. މެންބަރުންގެ ހަތް މަހުގެ އެލަވަންސް ދިނުމަށް 10.7 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ